ފާއިތުވި ހަތަރު އަހަރު ބޭސްފަރުވާއަށް ދަތުރު ކުރި ދިވެހީން ނިސްބަތުން މަދުވެއްޖެ

މީގެ ކުރިން ވެލާނާ އެއާޕޯޓުގެ އެރައިވަލް ހޯލްގައި އެމްއެމްއޭއިން މޯލްޑިވިއަންސް ޓްރެވަލިންގް އެބްރޯޑް ސާވޭ ކުރަނީ --- ފޮޓޯ/ އެމްއެމްއޭ

މިދިޔަ އަހަރު ދިވެހިން އެންމެ ގިނައިން ރާއްޖެއަށް ބޭރަށް ގޮސްފައި ވަނީ ބޭސްފަރުވާއަށް ކަމަށް ވީނަމަވެސް، ފާއިތުވި ހަތަރު އަހަރު ބޭސްފަރުވާއަށް ދަތުރު ކުރި ދިވެހީންގެ ނިސްބަތް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ''ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ'' އިން ދައްކައިފިއެވެ.

އެމްއެމްއޭގެ ސާވޭ އިން ދައްކާ ގޮތުން ޕީކް ސީޒަންގައި 41 ޕަސެންޓު އަދި އޮފް-ޕީކް ސީޒަންގައި 42 ޕަސެންޓު ދިވެހީން ދަތުރުކޮށްފައި ވަނީ ބޭސްފަރުވާއަށެވެ.

އެހެންނަމަވެސް މި އަދަދު އެއް އަހަރުން އަނެއް އަހަރަށް ނިސްބަތުން ދަށް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. އެގޮތުން 2015 ވަނަ އަހަރާ އަޅާބަލާއިރު 2018 ވަނަ އަހަރުގެ ސާވޭގެ ނަތީޖާ ދައްކާގޮތުން ބޭސްފަރުވާއަށް ދަތުރުކުރި ދިވެހީންގެ ނިސްބަތް ވަނީ 58 ޕަސެންޓުން 41 ޕަސެންޓަށް ދަށްވެފައެވެ. މިއީ 17 ޕަސެންޓު ދަށް އަދަދެކެވެ.

ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހީން ރާއްޖެއިން ބޭރުގައި އާންމު ގޮތެއްގައި ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރު ސިއްހަތަށް ކުރި ހޭދަ --

ފާއިތުވެ ދިޔަ ހަތަރު އަހަރު ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހީންގެ ނިސްބަތް މަދުވި ނަމަވެސް، ރާއްޖެއިން ބޭރުގައި ހޭދަކުރާ ފައިސާގެ އަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. 2018 ވަނަ އަހަރުގެ ސާވޭ ނަތީޖާ ދައްކާގޮތުން ކޮންމެ ދަތުރުވެރިޔަކު އެވެރޭޖްކޮށް 878 ޔޫ އެސް ޑޮލަރު ހޭދަކޮށްފައިވެއެވެ. މިއީ 2015 ވަނަ އަހަރު ހޭދަކުރި 683 ޔޫއެސް ޑޮލަރާ އަޅާބަލާއިރު 29 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ވަނީ ޗުއްޓީ ހޭދަކުރުމަށެވެ. އެގޮތުން ޕީކް ސީޒަންގައި 41 ޕަސެންޓު އަދި އޮފް-ޕީކް ސީޒަންގައި 29 ޕަސެންޓު ދިވެހިން ޗުއްޓީ ހޭދަކޮށްލަން ދަތުރުކޮށްފައިވެއެވެ.

ހަމަ އެހެންމެ ރާއްޖެއިން ބޭރުގައި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ދިވެހީންގެ އަދަދު ވެސް އަންނަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ. މިދިޔަ އަހަރާ ހަމައަށް ކުރެވުނު ސާވޭތަކުން ދައްކާ ގޮތުގައި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ދިވެހީން ރާއްޖެއިން ބޭރުގައި ހޭދަކޮށްފައި ވަނީ 12 ދުވަހުގެ މުއްދަތެކެވެ.

ޕީކް ސީޒަންއާ އަޅާ ބަލާއިރު އޮފް-ޕީކް ސީޒަން ތެރޭގައި ޗުއްޓީއަށް ދަތުރުކުރި ދިވެހީންގެ ނިސްބަތް މަދުކަން އަދި ވިޔަފާރި އަދި ރަސްމީ ބޭނުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހީން ނިސްބަތް ގިނަކަން ފާހަގަ ކުރެވެއެވެ.

ޕީކް އަދި އޮފް-ޕީކް ސީޒަންގައި ވެސް ދިވެހި ދަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ދެ ގައުމަކީ އިންޑިއާ އަދި ސްރީލަންކާއެވެ.

މިގޮތުން ޕީކް ސީޒަންގައި އިންޑިއާއަށް 34 ޕަސެންޓު ދިވެހީން ދަތުރުކުރިއިރު، 29 ޕަސެންތު ދިވެހީން ދަތުރުކުރީ ސްރީ ލަންކާއަށެވެ.

އަދި އޮފް-ޕީކް ސީޒަންގައި 32 ޕަސެންޓު ދިވެހީން އިންޑިއާއަށް ދަތުރުކުރިއިރު، 31 ޕަސެންޓު ދިވެހީން ދަތުރުކުރީ ސްރީ ލަންކާއަށެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރު ޗުއްޓީއަށް ކުރި ހޭދަ --

އެމްއެމްއޭ އިން ބުނީ ސާވޭ ކުރެވުނު ދެ ސީޒަންގައި ވެސް ދިވެހިން އާންމުގޮތެއްގައި ދަތުރުކުރާ ގައުމުތަކަށް ދާ ނިސްބަތަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެގޮތުން ދެ ސީޒަނުގައި ވެސް ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ދަތުރުކުރި ދިވެހިންގެ ނިސްބަތް ހުރީ ދާދި އެއްވަރެއްގައެވެ.

މި ސާވޭއަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ތައްޔާރުކުރުމަށް ބޭނުންވާ ތަފާސްހިސާބު ހަރުދަނާކުރުމުގެ ގޮތުން، 2011 ވަނަ އަހަރުން ފެށިގެން އެމްއެމްއޭ އިން ކޮންމެ އަހަރަކު ވެސް ކުރަމުންގެންދާ ސާވޭއެކެވެ.

މިދިޔަ އަހަރު ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ދެބުރަކަށް ބަހާލައިގެންނެވެ. އެއީ ދިވެހިން އެންމެ ގިނައިން ދަތުރުފަތުރު ކުރާ ދުވަސްވަރުކަމަށްވާ މަދަރުސީ އަހަރީ ޗުއްޓީ (ޕީކް ސީޒަން) ދުވަސްވަރުގެ އިތުރުން މަދަރުސީ ޗުއްޓީއެއް ނުވަތަ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކެއް ނުހިމެނޭ (އޮފް-ޕީކް ސީޒަން) ދުވަސްވަރެއްގައެވެ.

އެހެން އަހަރުތަކާ ހިލާފަށް އޮފް-ޕީކް ދުވަސްވަރު މި ސާވޭ ކުރުމުގެ ބޭނުމަކީ، ޕީކް ދުވަސްވަރާ އަޅާބަލާއިރު އޮފް-ޕީކް ދުވަސްވަރު ދިވެހީން އާންމުގޮތެއްގައި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މައިގަނޑު މަގްސަދު އަދި ރާއްޖެއިން ބޭރުގައި ކުރާ ހޭދައަށް އަންނަ ބަދަލުތައް ދެނެގަތުން ކަމަށް އެމްއެމްއޭ އިން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރުގެ ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ދަތުރުވެރިންނާ ބައްދަލުކޮށް ސުވާލުކޮށްގެން އޮންލައިންކޮށް ފޯމެއް ފުރައިގެންނެވެ. ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ހަތް ދުވަހުގެ މުއްދަތަކަށެވެ.

އެގޮތުން ޕީކް ސީޒަނުގައި ސާވޭ ކުރި ހަފްތާގައި ރާއްޖެއިން ބޭރުން އައި 6513 ދިވެހީންގެ ތެރެއިން 4318 މީހުންގެ މައުލޫމާތު މި ސާވޭގައި ނަގާފައިވެއެވެ. އެއީ އެ ހަފްތާގައި ރާއްޖެއިން ބޭރުން އައި ދިވެހީންގެ 66 ޕަސެންޓެވެ.

ސާވޭ ކުރި ހަފްތާގައި 3573 ދިވެހީން ރާއްޖެއިން ބޭރުން އައިސްފައިވާއިރު، އޭގެތެރެއިން 2003 މީހުންގެ މައުލޫމާތު މި ސާވޭގައި ނަގާފައިވެއެވެ. އެއީ އެ ހަފްތާގައި ރާއްޖެ އައި މީހުންގެ 56 ޕަސެންޓެވެ.

comment ކޮމެންޓް