އީދުގައި ކުޅުދުއްފުށިން ނިކުންނަ މާލިތަކުގެ ނޭނގޭ ވާހަކަ

ކުޅުދުއްފުށީ މާލި ޕެރޭޑްގައި އަދީބުއަށް ޓަގު ބޯޓެއްގައި ފިލަން އުޅުނު ހާދިސާއަށް ޖޯކުޖަހައި ގެނެސްދިން މާލި ހަރަކާތެއް-- ފޮޓޯ: ޓުވިޓާ

ކޮންމެ އީދަކާ ދިމާކޮށް ހދ. ކުޅުދުއްފުށިން ނިކުންނަ މާލިތަކުގެ ވާހަކަފަލަ ސުރުހީތަކުން ޖާގަހޯދަ އެވެ. ސަބަބަކަށް ވަނީ އެ މާލި ޕެރޭޑުން ބުނެދޭ ވާހަކަތަކުގެ ބޮޑުކަމުން އެވެ. ކޮންމެ އީދަކު ހޮރުން ނުކުންނު މާލިތައް ރާއްޖޭގެ ސިޔާސީ ވެށީގެ ދިއުޅިއެއް ނެތް ވާހަކަތައް ކިޔައިދެނީ އެހާމެ މޮޅަށެވެ. މިރަށުން ނުކުތްް މާލިތަކަކީ މިހާރު ކުޅުދުއްފުށީގެ ހާއްސަ ކަމަކަށް ވެއްޖެ އެވެ.

ކުޅުދުއްފުށީގެ ސަކަ މާލިތަކުގެ އެހާމެ ދިގު ސިލްސިލާއެއްވެސް އެބައޮތެވެ. ދެހާސްވަނަ އަހަރު ރާއްޖޭގައި ރަސްމީކޮށް އީދުކުޅިވަރުތައް ކުޅުދުއްފުށީގައި ބާއްވަން ނިންމި ނިންމުމަކީ އެ ސިލްސިލާގެ ފެށުމެވެ. އެއާއެކު އެރަށުން މާލިތައް އުފަންވެއްޖެ އެވެ. މި އީދަށް މިއީ އެ މާލިތަކުގެ 19 ވަނަ އުފަންދުވަހެވެ.

"ދެހާސްވަނަ އަހަރު އީދުގައި އަޅުގަނޑުމެން ބޭނުންވީ އާ ކުޅިވަރެއް ކުޅެން. އެގޮތުން އަޅުގަނޑުމެން މި މާޅި ކުޅިވަރު އުފެއްދީ." ކުޅުދުއްފުށީގެ މާލި ކަންތަކުގައި އިސްކޮށް އުޅުނު މީހަކު "ސަން"އަށް ކިޔައިދިނެވެ.

ދެހާސް ވަނަ އަަހަރު ކުޅުދުއްފުށީ ޒަމާނީ މާލިތައް އުފަންވި ނަމަވެސް އެ މާލިތަކުގެ އަސްލަކީ އެރަށުގެ ދޮށީ އުމުރުގެ މީހުންގެ އެތަކެއް އަހަރުތަކެއްގެ ކުރީގެ ހަނދާންތަކެކެވެ. ޒަމާނީ މާލީތަކުގެ ކޮންސެޕްޓް އުފެދިފައި ވަނީ، އެންމެ އިހުގައި ކުޅުދުއްފުށީގެ މަށިކުޅިން މަށި ނަގައިގެން މާލި ހެދުނު ދުވަސްވަރަށެވެ.

"ކުރިން އެދުރުގެއަށް ކިޔަވަން ތިބޭ އިސްކުދިން ދާނެ ކުޅިއަށް މަށި ނަގަން. އެގޮތަށް ގޮސް މަށި ނަގައިގެން މަށި ގައިގައި ހައިކައިގެން ރަށަށް އަރައިގެން އަންނައިރު ވަރަށް ބިރު ގަންނާނެ. އެގޮތަށް އަރައިގެން އަންނައިރު ހިތަށް އަރާނެ މާލިތައް ކާލަފާނެޔޭވެސް. އޭރު އެއަށް ކިޔާނީ މަށި މާލި، އެއީ މާލިތައް ހެދުމުގެ އަސްލު ހިޔާލު އައިގޮތަކީ." މާލިތަކުގެ މޭސްތިރިޔާ ބުންޏެވެ.

ކުޅުދުއްފުށީ މާލި ޕެރޭޑުގައި ދައްކާލި ހަރަކާތެއް--- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ހުދު ކުލައިގެ މަށި މާލިތަކުގެ ދުރު ހަނދާންތަކުން މުއްސަނދިވެގެން ނެރުނު ޒަމާނީ މާލިތައް ކިތަންމެ ހާވެސް ޒަމާނީ އެވެ. ޒަމާނީ މާލިތަކުގައި ހުރިހާ ކުލަތަކާއި ރަަހަތަކެއް އެކުލެވިގެން ވެއެވެ. ކަޅު ދެލި މާލިތަކުން ފެށިގެން ގޮސް އެންމެ ފަހުގެ އަންހެންވެރިންގެ މާލިތައް ފެންނަ މާލިތަކަކީ މިހާރު ހަމައެކަނި ކުޅުދުއްފުށީގެ މާލިތަކެއް ނޫނެވެ.

މާލިތަކުގެ މޭސްތެރިން ބުނާ ގޮތުގައި މިހާރު އެ ރަށަށް އަރާ މާލިތަކަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދައުވަތު ދީގެން އަރާމާލިތަކެއް ކަމަށެެވެ. ގްރީކް ބަހާއި އިޓަލީ ބަސްތައް ފަދަ ބަސްތަކުން ވާހަކަ ދައްކާ މާލިތައް ނެރެދިން މޭސްތިރިޔާގެ ހިޔާލު ހަމަ މުއްސަނދީއެވެ.

އެ އިރެއްގައި އެންމެ ނަން ހިނގާ ސިޔާސީ ކަންތައްތަކަށް ޖޯކުޖަހައި ހެދި މާލިތަކުގެ ސިލްސިލާތަކުގެ ލިސްޓު ވަރަށްވެސް ދިގެވެެ. ކުރީ ސަރުކާރުގައި ބްރިޖުގައި ކުރި ކައިވެންޏާއި އަބުރުގެ ގާނޫނަށް ޖެހި ޖޯކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

މިއަހަރުގެ އީދުގައި މާލި ލިސްޓަށް އިތުރުވީވެސް ކުރީގެ ލިސްޓަށް ދޫނުކުރާވަރުގެ ލިސްޓެކެވެ. އޭގެ ތެރޭގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ޓަގު ބޯޓެއްގައި ފިލި ހަދިސާއާއި ނޮވެމްބަރު ތިނެއްގެ އުދުވާނުގައި އިސްކޮށް އުޅުނު ހާޖަރާގެ ލުތުފީއަށް ޖޯކު ޖަހައި ހެދި މާލިތައް ފާހަގަކޮށްލެވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް އުޅުއްވައި ވުޖޫދަށް ގެނެސްދެއްވި "އެޖެންޑާ 19" އަށް ޖޯކު ޖަހައި މިފަހަރު ކުޅުދުއްފުށިން ނެރުނީ " އެގަންޖާ 19" އެވެ.

" ކޮންމެހެން ވަކި ސިޔާސީ އަތަކަށް ޖެހެނީކީ ނޫން. މާލި ޕެރޭޑްގައި އުޅޭނި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މީހުންވެސް. އިސްލާމް ދީނާ ހިލާފު ނުވަންޏާ ކޮންމެ އެއްޗެއްވެސް ޕެރޭޑްގައި ބައިވެރިވެވޭނެ" މާލިތަކުގެ މޭސްތިރިޔާ ބުންޏެވެ.

ހެއްވާ މަޖާ ކުޅަދާނަ މާލިތަކުގެ އެންމެ ފާހަގަކޮށްލެވޭކަމަކީ އެ ތައްޔާރުކުރަން ނަގާ ކުރު މުއްދަތެވެ. ރާއްޖޭގެ އެހެން މުނާސަބަތުތަކުގައި ފެންނަ ފަދަ ބޮޑެތި ފްލޯޓު ފަދަ ތަކެއްޗަކީ ދުރާލައި ވަރަށް ކުރިއްސުރެ ތައްޔާރުކުރާ އެއްޗެހި ނަމަވެސް ކުޅުދުއްފުށީގައި އެކަން މުޅިން ތަފާތެވެެ. މިއީ އެ ދުވަހުން އެ ދުވަހަށް ނިންމާލާ ކަންތައްތަކެވެ. އެ މާލި ހަރާކަތުގައި މި އީދުގައިވެސް 300 ވަރަަކަށް މީހުން ބައިވެރިވި އެވެ.

" އަޅުގަނޑުމެންނަކީ ވަރަށް ބުރަކޮށް ރެޔާ ދުވާލު މަަސައްކަތް ކުރާ ބައެއް. ވަރަށް ކުޑަ ވަގުތުކޮޅެއް މި ލިބެނީ ވިސްނާލާފަ މޮޅު އެއްޗެއް ހަދަން. އެއްވެސް ބަޔަކު ނުބުނާނެ އެބަޔަކު ހަދަނީ ކޯއްޗެއް ކަމެއް. މާލިތައް ނުކުތީމަ އެނގޭނީ އެއީ ކޮންއެއްޗެއްކަންވެސް" މާލިތަކުގެ މޭސްތިރިޔާ ބުންޏެވެ.

މާލިތައް ހަމައެކަނި ސިޔާސީ އެކަންޏެއް ނޫނެވެ. އިޖުތިމާއީ އެތަކެއް މެސެޖެއްވެސް އެ މާލި ޕްރޭޑްގައި ގެނެސްދެނީ ހީވެސް ނުކުރާހާ މޮޅަށެވެ. ކުޅުދުއްފުށީގެ މަށިކުޅި ހިމާޔަތްކުރުމާ ބެހޭ ގޮތުން މީގެ އަހަރުތަކެއް ކުރިން މާލި ޕެރޭޑްގައި ގެނެސްދިނީ މަޝްހޫރު ޑިޒްނީއިން ނެރޭ ކާޓުންތަކުގައި ގެނެސްދޭ ގޮތަށް ހިޔާލީ ޝަހުސިއްޔަތުތަކުން މުއްސަނދިކޮށްގެންނެވެ. ހިޔާލީ ފޮލައެއް ނަމަވެސް އޭގެން ބުނެދޭ މެސެޖު ކުޅުދުއްފުށީގެ މީހުންނަށް ވަަރަށް ރަނގަޅަށް އެެނގެ އެވެ.

ކުޅުދުއްފުށީގެ ރީތި މަށި ކުޅީގެ މުހިންމުކަން މާލިތަކުގެ މޭސްތެރިޔާ ކިޔައިދިނީ ދެޔޯގެ ވާހަކައަކުންނެވެ.

" އަޅުގަނޑުމެން އެފަހަރު ހިޔާލީ ފޮލައިން ނެރެގެން ބޭއްވީ ކުޅި ހިމާޔާތްކުރަން ދެޔޯއިންގެ މަހާސިންތާއެއް. އެ މަހާސިންތާއަށް އަޅުގަނޑުމެން ގެނައިން 20 އަކަށް ދެޔޯއިން. އެ ދެޔޯތައް އައީވެސް ކުޅީގެ އެކި ސަރަހައްދުތަކުން. ދެޔޯތައް ގެނައި ކުޅިތަހުލީލުކުރަން އެކި ކަހަލަ ތަހުލީލްކުރަން ސައިންސްވެރިންވެސް." މާލިތަކުގެ މޭސްތެރިޔާ ކިޔައިދިނެވެ.

ހދ. ކުޅުދުއްފުށީ ކުޅި ނުހިއްކާއިރު ކުރިން އޮންނަ ގޮތް --- ފޮޓޯ: އަހުމަދު ސައުދު

އެވަރަކުން ނިމުނީކީއެއް ނޫނެވެ. އެކި ކަރަކަރައިން އައި ދެޔޯތައް ރަމްޒީ އެއްބަސްވުމެއްވެސް އެކުލަވާލި އެވެ. އެއްބަސްވުމެއް ފަތެއްގައި ލިޔެފައި ކުޅިޔަށް ފެއްތި އެވެ. މާލިތަކުގެ މޭސްތެރިޔާ ބުނާނަމަ މިއީ އެ ފަތް "އެންދެރި ރާޖާ" ކިޔާ މީހަކަށް ފޮނުވުމަށް ބޭނުންކުރި ވަސީލަތެކެވެ. އެންދެރި ރާޖާއަކީވެސް އޭނާގެ ހިޔާލީ ދުނިޔެއިން ކުރަހައިގެން ނެރުނު ޝަހުސިއްޔަތެކެވެ. އެ ރާޖާއަކީ ރަސްކަލަކަށްވެސް ހަމަ ވެދާނެ އެވެ. މާލިތަކުގެ މޭސްތިރިޔާ އެއަށް ޖަވާބެއް ނުދެ އެވެ.

ކުޅުދުއްފުށިން އައި މާލިތައް ދިވެހީންގެ ހިތްތަކުން ޖާގަ ހޯދިތާ ކިތަންމެ ދުވަހެކެވެ. މިއީ މިނިވަން ދުވަހު މާލޭގައި ހިންގާ ފުޅަނދުބުރައްވުރެ މާ "ކްރިއޭޓިވް" އުފެއްދުންތަކެކެކެވެ. މާލިތަކުގެ މޭސްތިރިޔާ ބުނީ މިހެންނެވެ؛ މާލޭގައި މާލި ޕެރޭޑެއް ބާއްވާލަން ލިބުނަސް މާލޭގައި ދިރިއުޅޭ ރައްޔިތުން އަންތަރީސްކޮށްލާނެ އެވެ.

"މާލޭގައި އެއްޗެއް އުފައްދާއިރު މި އޮންނަނީ ބޮޑަށް ވީހާވެސް އަސްލާ އެއްގޮތަށް އެއްޗެތި އުފެއްދުން ތެދެއްތޯ. އެގޮތަށް އުފައްދާ އެއްޗެއްސެކީ ފޮޓޯ ގަނޑެއް ދޯ. އުފެއްދުންތެރި އެއްޗަކަށް ވާނީ އާ އެއްޗެތި އުފެއްދުން ތެދެއްތޯ. މިހާރު އަޅުގަނޑުމެންގެ ހިޔާލީ ދުނިޔޭގައި ޖައްވުގައި ޓޮމާޓޯވެސް އުދެއްދިދާނެ ތެދެއްތޯ." މާލިތަކުގެ މޭސްތިރިޔާ ބުންޏެވެ.

މާލިތަކުގެ ސިލްސިލާއަށް މި އީދަށް މިހާރު 19 އަހަރު ފުރިއްޖެ އެވެ. އެ ސިލްސިލާއަށް ހުއްޓުމެއް އަތުވެދާނެކަމުގެ ނިޝާނެއް ނެތެވެ. އެހެނެއް ނޫނެވެ. މާލިތަކުގެ މޭސްތެރިޔާ ބުނަނީ މިހެންނެވެ. އަންނަ އަހަރަކީ މާލިތަކަށް "ޕެންޝަން" ލިބޭ އަހަރެވެ. އަންނަ އަހަރު އަދި މުޅިން ތަފާތު މާލިތަކެއް ނެރުމުގެ ހިޔާލު އޭނާގެ ސިކުނޑީގައި މިހާރުވެސް އެބައޮތެވެ.

" އަތޮޅަށް މުހިންމުކަމެއް މައްޗަށް މާލިތައް ހެދުމުގެ ވިސްނުން އެބަހުރި. ނަމަވެސް އަދި ތަންކޮޅެއް އަވަސް ތެދެއްތޯ އެވާހަކަ ދަންނަވަން" އޭނާ ކިޔައިދިނެވެ.

comment ކޮމެންޓް