ނޫސްވެރިންގެ ވާޖިބަށް ފުލުހުން ހުރަސް އެޅި މައްސަލައެއް ބަލަނީ

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް، ސުޕްރީމް ކޯޓުން ނެރުނު މަންޒަރު ކަވަރު ކުރުމަށް މަސައްކަތް ކުރި ނޫސްވެރިން ފަހަތަށް ޖައްސަނީ ---

ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއަޅާފައިވާ ކަމުގެ ޝަކުވާ ލިބުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް މީޑިއާ ކައުންސިލުން ބުނެފި އެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަންގާރަ ދުވަހު، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސުޕްރީމް ކޯޓަށް ހާޒިރުކުރި މަންޒަރު ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ހުރަސްއަޅާފައިވާ ކަމުގެ ޝަކުވާ އެ ކޮމިޝަނުގެ މެންބަރުންނަށް ވަނީ ލިބިފައި ކަމަށެވެ.

ނޫސްވެރިންނަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމަށް މަސައްކަތް ކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެން ކަމުން އެ ހާދިސާގައި ކަންހިނގާފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައ އެޅުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނޫސްވެރިންނަށް، ފުލުހުން ހުރަސް އެޅި މައްސަލަ ބެލުމަށް މީޑިއާ ކައުންސިލުން ވަނީ ޚާއްސަ ކޮމިޓީއެއް އެކުލަވާލާފަ އެވެ.

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ސުޕްރީމް ކޯޓުން ނެރުނު ވަގުތު އެ މަންޒަރު ކަވަރު ކުރުމަށް މަސައްކަތް ކުރި ނޫސްވެރިން ވަނީ ފަހަތައް ޖައްސައި އެ ތަނާއި ޖެހިގެން ހުރި ގޯޅިއަށް ވައްދާފަ އެވެ. އެހެން ކަމުން ސުޕްރީމް ކޯޓުން އަދީބު ނެރެގެން ފުލުހުންގެ ވެހިކަލަށް އެރުވި މަންޒަރުގެ ފޮޓޯ އާއި ވީޑިއޯ ބައެއް ނޫސްވެރިންނަށް ނެގޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ތިބި އާންމުންގެ ބައެއް މީހުން ވަނީ އެ މަންޒަރު ފޯނުން ރިކޯޑުކޮށް ފޮޓޯ ވެސް ނަގާފަ އެވެ.

comment ކޮމެންޓް