މިލިއަން ޑޮލަރުގެ އެއާޕޯޓް ފަޅުވެ، އުންމީދު ގެއްލިފައި!

ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލް -- ސަން ފޮޓޯ/ އަހްމަދު ނާއިފް

(އައްޑޫ ސިޓީ، ގަން) -- ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނަގާފައި ދެން އޮތް އެންމެ ބޮޑު އެއާޕޯޓު، ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލްގެ ބޭރުން އަހަރުމެންގެ ޓީމަށް މަރުހަބާކީ އެއާޕޯޓް ހިންގަން ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި، ގަން އެއާޕޯޓު ކުންފުނީގެ މުވައްޒަފު، ރިމްނާ ހަސަނާއި އެތަނުގެ ޓާމިނަލް އޮޕަރޭޝަންސް މެނޭޖަރު އަހްމަދު ޝަފީގެވެ. އެ ދެ މީހުން އަހަރުމެންނާ އެކު އެއާޕޯޓުގެ ޓާމިނަލްގެ ތެރެއަށް ހިނގައިގަތީ އެ އެއާޕޯޓު ތަރައްގީ ކުރަން ރާވާފައިވާ ރީތި ބޮޑު ޕްލޭންގެ ވާހަކަ ކިޔައިދެއްވަމުންނެވެ.

"މިތަނުގައި ޑިއުޓީ ފްރީތައް، ޒަމާނީ ރެސްޓޯރަންޓް މިހެން ގޮސް ހަމަ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ހުރިހާ ފެސިލިޓީއެއް ގާއިމު ކުރަން ރާވާފައި އޮތީ. މިއީ ދުވާލަކު އެތައްހާސް ޕެސެންޖަރުންނަކަށް ހިދުމަތް ދޭން ރާވާފައި އޮތް އެއާޕޯޓެއް،" ގަން އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލްގެ ތެރެ، ދައްކާލަމުން ރިމްނާ ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޑިއުޓީ ފްރީ ފިހާރަ ހިންގުމަށް ހަދާފައިވާ ތަން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓާމިނަލް ތެރެއިން ކުރިއަށް ހިނގަމުން ގޮސް ރިމްނާ ހުއްޓުނީ އެއް ކަނެއްގައި ފިލާ ޖަހައި ބަންދުކޮށްފައި ހުރި ފިހާރަ ބަރިއެއްގެ ކުރިމައްޗަށެވެ. އެތަނަށް އިޝާރާތްކުރަމުން އޭނާ ވިދާޅުވި ގޮތުގައި އެއީ ކުރިން ޑިއުޓީފްރީ ފިހާރަތަކެއް ހިންގި ތަންތަނެވެ. އެކަމަކު، ވިޔަފާރި ނުވާތީ އެ މީހުން އެ ތަންތަން ދޫކޮށްލާފައި ދިޔައީ އެވެ.

އޭގެ ތަންކޮޅެއް އެތެރެއަށް ހިނގާލާއިރު ތަޅު އަޅުވައި ބަންދުކޮށްފައި ހުރީ މަތީ ފެންވަރުގެ ރެސްޓޯރަންޓެއް ހިންގި ތަނެކެވެ. އެތަނުގެ އިންޓީރިއާ ވެސް ހުރީ ޗާލުކޮށް ހަދައި ކުލަ ބޮކިތައްވެސް ދިއްލައިލެވޭ ގޮތަށެވެ. އެކަމަކު އެތަން ވެސް ހިނގާ ގޮތެއް ނުވެ، ރެސްޓޯރަންޓު ބަންދުކުރަން ޖެހުނީ ކަމަށް ރިމްނާ ވިދާޅުވި އެވެ.

"މިތަން ތަރައްގީ ކުރީ ބޮޑު ޕްލޭނަކާއެކު. ވަރަށް ބޮޑެތި އުންމީދުތައް ހުރި. ބޮޑެތި މަސައްކަތްތަކެއް ފެށުނު. އެކަމަކު ވަކި ހިސާބަކުން ހުރިހާ ކަމެއް ހުއްޓުން އައީ،" ރިމްނާ ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ކެފޭ ރެސްޓޯރަންޓް ހިންގުމަށް ހަދާފައިވާ ތަން - ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ހިއްސާވާ، ކާސާ ހޯލްޑިންގްސްގެ 30 ޕަސެންޓް ހިއްސާވާ އެ އެއާޕޯޓްގެ ކޮންމެ ދިމާލަކުން މިހާރު ފެންނަނީ ފަޅުކަމެވެ. އެއާޕޯޓުގެ ޓާމިނަލް ބިލްޑިން ގިނަ ވަގުތުތަކުގައި އޮންނަނީ ފަޅަށެވެ. އެކަމަކު، އެ އެއާޕޯޓުގައި އިންޓަނޭޝަނަލް އެތައް ފްލައިޓެއް ޖައްސަން ވަނީ ހުރިހާ ހިދުމަތެއް ފައްކާކޮށްފަ އެވެ. އިމިގްރޭޝަންގެ ކައުންޓަރުތަކާއި ސަލާމަތީ ކަންކަމާއި އަދި ބޮޑު ރަންވޭއެއް އޮތީ ތައްޔާރަށެވެ. މުވައްޒަފުން ވެސް ތިބީ އެވަރުގެ ބޮޑު އޮޕަރޭޝަނަކަށް ރެޑީކޮށް ތައްޔާރުކޮށްފަ އެވެ.

ކާސާއަށް ހިއްސާ ވިއްކާލުމަށް ފަހު 2012ގައި ގަން އެއާޕޯޓު ތަރައްގީގެ ބޮޑު މަޝްރޫއެއް ފެށުމާ އެކު އެއާޕޯޓަށް ދިރުން އައުމުގެ އުންމީދު އާވި އެވެ. އެކަމަކު އެ އުންމީދުތަކުގެ ކުލަތައް ފަނޑުވެ، މިވަނީ އަނެއްކާ ވެސް އެ ބޮޑު އެއާޕޯޓަށް ފަޅުކަން ވެރިވެފަ އެވެ. ގަން އެއާޕޯޓުގެ ކުރިމަގުގެ އުދަރެހުގައި އޮތީ ސުވާލުތަކެކެވެ.

އެންމެ ހަ ފްލައިޓް، މިލިއަން ރުފިޔާގެ ގެއްލުން

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ގިނައިން ވެސް ދުވާލަކަށް ޖައްސަނީ ހަ ފްލައިޓެކެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަސް ފްލައިޓަކާއި ހަފްތާ އަކު ތިން ދުވަހު އޮންނަ ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން ގަން އެއާޕޯޓަށް ހަފްތާއެއްގެ މައްޗަށް ހާހެއްހާ ޕެސެންޖަރުން ހަމަކުރެވެން ގާތް ވެސް ނުވެ އެވެ.

ރިމްނާ ވިދާޅުވި ގޮތުގައި ފްލައިޓުތަކަށް ހިދުމަތް ދީގެން އެއާޕޯޓަށް މަހެއްގެ މައްޗަށް ލިބެނީ، 2.9 މިލިއަން ރުފިޔާ އެވެ. އެކަމަކު އެއާޕޯޓުގެ ހިންގުމުގެ ހަރަދު މަހެއްގެ މައްޗަށް 3.9 މިލިއަން ރުފިޔާއަށް އަރާއިރު، އެއާޕޯޓު އޮޕަރޭޓުކުރަން ޖެހިފައި އޮތީ މަހަކު އެއް މިލިއަން ރުފިޔާގެ ގެއްލުމުގަ އެވެ. ރިމްނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެއާޕޯޓުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ވެސް ދަށްވެފަ އެވެ. މައްސަލައަކަށް ވަނީ މީގެ ކުރިން ގަން އެއާޕޯޓަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެއާޕޯޓަށް އަންނަ މުއްސަނދިންގެ ޖެޓްތަކަށް ހިދުމަތް ދީގެން ނަމަވެސް، ވީއައިއޭގެ އޭޕްރަން ބޮޑުކުރުމާ އެކު ގަން އެއާޕޯޓަށް ޖެޓުތައް އައުން ގާތްގަނޑަކަށް ހުއްޓުމެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމާ ހަވާލުވެ ހުންނެވި އެކްޓިންގް މެނޭޖިންގް ޑިރެކްޓަރު ރިމްނާ ހަސަން - ސަން ފޮޓޯ/ ފަޔާޒު މޫސާ

"ޖެޓުތަކުގެ ގްރައުންޑް ހޭންޑްލިން ކަންކަން ކޮށްގެން ވަރަށް ބޮޑު އާމްދަނީއެއް ލިބެމުން އައި. ނަމަވެސް މިހާރު ޖެޓުތަކެއް ނާދޭ މިކޮޅަށް. އެހެން ވީމާ، ބޮޑު އާމްދަނީ އެކީ ހުއްޓުނީ. އެއީ އިތުރަށް ގެއްލުންވާން ފެށި ސަބަބެއް،" ރިމްނާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެއާޕޯޓެއް ދިގު މުއްދަތެއްގައި ގެއްލުމުގައި އޮޕަރޭޓު ކުރުމަކީ ވާނެ ކަމެއް ނޫނެވެ. ހާއްސަކޮށް ކާސާއިން ޒިންމާވާ ގޮތަށް ބޭންކުތަކުން ލޯނު ނަގައިގެން ގަން އެއާޕޯޓުގެ ތަރައްގީއަށް ވަނީ، 11.7 މިލިއަން ޑޮލަރު (180 މިލިއަން ރުފިޔާ) އިންވެސްޓްކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން، ގަން އެއާޕޯޓު 900 މީޓަރަށް ދިގުކޮށް އެ ސަރަހައްދުން 350 މީޓަރު ފުޅާ މިނުގައި ހިއްކައިގެން ވަނީ ރަންވޭ ވެސް ބޮޑުކޮށްފަ އެވެ.

އެވަރުގެ ބޮޑު އިންވެސްޓްމަންޓަކުން ރަނގަޅު ފައިދާއެއް ނެރެވެން ޖެހެ އެވެ. އެހެން ނޫނީ، މުސްތަގުބަލުގައި ވެސް ގަން އެއާޕޯޓަށް އިންވެސްޓް ކުރާނެ ބޭރުގެ އިންވެސްޓަރުން ނުހޯދޭނެ އެވެ. ރިމްނާ ވިދާޅުވި ގޮތަށް އެއާޕޯޓް ތަރައްގީގެ އަމަލީ މަސައްކަތް 2013ގައި ފަށައިގަތީ، އެ އިންވެސްޓްމަންޓް ދެކޮޅު ޖެއްސޭނެ ބޮޑު ތަސައްވަރަކާ އެކު އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބެގޭޖް ޗެއިން - ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ އިންވެސްޓްމަންޓް ފެށި ދުވަސްވަރު، ގަން އެއާޕޯޓު ކުންފުނީގެ އެމްޑީ އަދި އެމްޕީއެލްގެ މިހާރުގެ އެމްޑީ، ޝާހިދު އަލީ އޭރު ވިދާޅުވެފައިވާ ގޮތުގައި މައިގަނޑު ވިސްނުމަކީ ދެކުނުގެ ހަތަރު އަތޮޅުގެ މައި ގޭޓަކަށް ގަން އެއާޕޯޓު ހަދައި ހުވަދޫގައި ހުރި އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކާ ގުޅާލާ ފާލަމަކީ އެ އެއާޕޯޓުގެ ގޮތުގައި ހެދުމެވެ. އަދި އެކަމުގެ ސަބަބުން އެއާޕޯޓުގައި ފެށޭ އާ ވިޔަފާރިތަކާއި އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުން އިތުރު 400 އެއްހާ ވަޒީފާ ވެސް އުފެދޭނެ ކަމަށް އޮތީ ހިސާބު ޖަހައިފަ އެވެ. އެ އުންމީދީ މަޝްރޫއާ އެކު ދެކުނުގެ ހުވަފެނަކީ އިގްތިސާދު އެހެން ލެވެލްއަކަށް އުފުލައިލަ ދިނުމެވެ.

އެކަމަކު އޭގެއިން އެއްވެސް ކަމެއް ކުރިއަކަށް ނުދިޔަ އެވެ. ދުނިޔޭގެ ފްލައިޓްތައް ގަމަށް އަންނަ ގޮތެއް ނުވި އެވެ. ޕެސެންޖަރުންގެ މޫވްމަންޓް އިތުރެއް ނުވި އެވެ. އާ ވިޔަފާރިތަކާއި ވަޒީފާތައް ކުރިއަރައިގެން ނުދިޔަ އެވެ. އެއާޕޯޓް ފީސިބިލް ކުރަން ސިޓީ ހޮޓާ ހެދުމުގެ މަޝްރޫއެއް އޮތަސް، އެކަން ވެސް ވީހިސާބެއް ވެސް ނޭނގެ އެވެ. އަދި ހުވަދޫގައި ހުރި ރިސޯޓްތަކާ ގުޅުވާލަދޭ ސީޕްލޭންގެ ހިދުމަތް ވެސް ހިނގައި ގަންނަ ގޮތެއް ނުވި އެވެ.

"އަޅުގަނޑުމެންނަށް ހަމައެކަނި ލިބިފައި މި އޮތީ ރަންވޭއެއް. މީގެން އެއާޕޯޓެއް ހިންގަން އެބަ އުނދަގޫވޭ. މިއާ އެކު އިތުރު ވިޔަފާރިތައް ވެސް ފަށަން ފުރުސަތު ލިބެން ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ ގަން އެއާޕޯޓު ކުންފުންޏަށް. ދުނިޔޭގައި އެއާޕޯޓްތަކުގައި ނޮން އެއުރަނޮޓިކް އާމްދަނީ ބޮޑ. އެކަމަކު އެ ފުރުސަތެއް މިތާނެއް. އެއީ ވަރަށް ބޮޑު ޗެލެންޖެއް،" ރިމްނާ ވިދާޅުވި އެވެ. "ތަރައްގީގެ މަޝްރޫއަށް ފަހު ވަރަށް ދަށްކޮށް މި އެއާޕޯޓްގެ އޮޕަރޭޝަންތައް މިދަނީ. ވަރަށް ހާލުގައި،"

ހައްލަކީ ދުނިޔެއާ ގަން ގުޅާލުން

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ބައިވެރިވެގެން ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ގަން އެއާޕޯޓު ދިޔައީ، އައްޑޫގައި ހުރި ރިސޯޓްތަކާއި ހުވަދޫގައި ހުންނަ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ސީދާ ގަމަށް ގެނެވޭ ގޮތަށް ބައިނަލްއަގުވާމީ ދަތުރުތައް އެ އެއާޕޯޓަށް ކުރާ ގޮތަށެވެ. އެކަމަކު ތަރައްގީއަށް ފަހު އިންޓަނޭޝަނަލް ފްލައިޓުތައް ގަމަކަށް ތިރިއެއް ނުކުރި އެވެ.

ހަމައެކަނި، ދަތުރުތައް ފެށީ ސްރީލަންކަން އެއާލައިންސްއިން ގަމާއި ކޮޅުނބާ ދެމެދު އެވެ. އެކަމަކު އެ ދަތުރުތަކަށް ވެސް އެކަށީގެންވާ ތަރުހީބެއް މިހާރު ނުލިބޭ ކަމަށް ރިމްނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަބަބަކަށްވީ، ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ލަންކާ މަގުން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމެވެ. މީގެ ކުރިން ސްރީލަންކަންގެ 70 ޕަސެންޓް ފުރޭ އިރު މިހާރު ފުރެނީ އެ ދަތުރުތަކުގެ 20 ޕަސެންޓު ކަަމަށް އޭނާ ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޗެކްއިން ސަރަހައްދުގައި ފަސިންޖަރުންތަކެއް މަޑުކޮށްލައިގެން - ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ އިތުރުން، ސްރީލަންކަންއިން ވެސް ކުރާ ޝަކުވާ އަކީ އެ އެއާލައިނުން ގަމަށް ޓޫރިސްޓުން ގެނައި ނަމަވެސް، އެ ޓޫރިސްޓު މީހާ ހުވަދުއަތޮޅުގެ ރިސޯޓްތަކަށް ދެވޭނެ މަގެއް ނެތުމެވެ. ކަނެކްޝަން ފްލައިޓްތަކެއް ނެތުމެވެ.

"އަޅުގަނޑުމެން ބުނެފިން ސީޕްލޭން އޮޕަރޭޓު ނުކުރެވެންޏާ މޯލްޑިވިއަން ފްލައިޓު ބާއްވަން ސްރީލަންކަންގެ ދަތުރުތަކާ ދިމާވާ ގޮތަށް ޓޫރިސްޓުން އެ މީހުންގެ ރިސޯޓުތަކަށް ގެންދަން. އެކަމަކު އެކަމެއް އަދި ވެސް ނުވޭ. ކަނެކްޝަންސް މިތަނުން ނުހެދޭތީ އިންޓަނޭޝަނަލް ފްލައިޓްތައް ނާންނަނީވެސް،" ރިމްނާ ވިދާޅުވި އެވެ.

https://sun.mv/122907

މީގެ ކުރިން ސައުތު އެފްރިކަން އެއާލައިންސްއިން ވެސް ގަމަށް ޝެޑިއުލް ދަތުރުތަކެއް ކުރި އެވެ. އެކަމަކު އެ މީހުންގެ މައްސަލައަކަށްވީ ވެސް ޓޫރިސްޓުން ރާއްޖޭގެ އެކި ދިމާތަކަށް ގެންދަން ކަނެކްޝަން ފްލައިޓްތަކެއް ނެތުމެވެ. ގަން އެއާޕޯޓް ތަރައްގީގެ ޕްލޭންގައި ރާވާފައި އޮތީ ގަން އެއާޕޯޓަށް ސީދާ ބޭރުގެ ފްލައިޓުތަކުން އަންނަ ޓޫރިސްޓުން ސީޕްލޭންގައި އެކި ސަރަހައްދުތަކަށް ފޮނުވާށެވެ. އެކަމަށް ޓަކައި ޓީއެމްއޭއިން އިންވެސްޓްކޮށްގެން ސީޕްލޭން ޓާމިނަލަކާއި ބޭސްއެއް ފައްކާކުރި އެވެ. އެކަމަކު އިންޓަނޭޝަނަލް ފްލައިޓްތަކުގެ ދަތުރުތައް ފަށައި ނުގަނެވި، ސީޕްލޭންގެ ހިދުމަތް ވެސް ނުފެށި އެކަމަށް ހެދި ޓާމިނަލް ވެސް މިހާރު ވީރާނާވެ އޮޔާ ދަނީ އެވެ.

"ކަނެކްޓިވިޓީ ނުހެދެންޏާ މި އެއާޕޯޓް ހަމަ މިހެން އޮންނާނީ. އަޅުގަނޑުމެން މިހާރު ވެސް އެބަ މަސައްކަތް ކުރަން އެއާލައިންތަކާ ވާހަކަ ދައްކައިގެން މިތަނަށް ފްލައިޓްތައް ގެނެވޭތޯ ސީދާ ބޭރުން. އެއީ މި އޮތް މައްސަލަ ހައްލުކުރަން އޮތްހާ ވެސް ގޮތަކީ. ދެން އެއާ އެކު އަޅުގަނޑުމެން އެބަ ދޭން ޖެހޭ ކަނެކްޓިވިޓީ ފްލައިޓްތަކެއް ބާއްވާނެ ކަމުގެ ޔަގީންކަން ވެސް،" ރިމްނާ ވިދާޅުވި އެވެ.

އެކަމަކު ގަން އެއާޕޯޓް ކުންފުނި އޮތީ މި ބޮޑު އެއާޕޯޓް ފުރިހަމައަށް އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސަައްކަތްތައް ކުރަން އަތުކުރި އޮޅާލައިފަ އެވެ. ބޭރުގެ ބައެއް އެއާލައިންތަކުގެ ޝަކުވާއަކަށް ވަނީ ގްރައުންޑް ހޭންޑްލިންއަށް ބޭނުންވާ އެންމެ ފަހުގެ ސާމާނާއި އަދި ފަޔާ ފައިޓިން އުޅަނދުތައް ތަންކޮޅެއް ދުވަސްވެފައި ހުރުމެވެ. ރިމްނާ ވިދާޅުވީ، ކާސާއިން އިންޓަރެސްޓް ފްރީ ލޯނެއް ނަގައިގެން އެތަކެއްޗަށް މިހާރު އޯޑަރު ޖަހާފައިވާ ކަމަށެވެ.

"އޭރުން ބޭރުގެ ފްލައިޓްތައް އަންނަން ކިރިޔާ ވެސް ހުރަހަކަށް ވެފައި އޮތް ކަންތައް ވެސް އެ ހައްލުވީ. މިތަނަށް އިންޓަނޭޝަނަލް ފްލައިޓް ގެންނަން އެންމެން މަސައްކަތް ކުރަންވީ،" ރިމްނާ ވިދާޅުވި އެވެ.

އެއާޕޯޓަށް ވާނުވާއެއް ނޭނގޭ، އަޅައެއް ނުލާ

މާލެއަށް ފަހު ރާއްޖޭގެ އެންމެ ބޮޑު އާބާދީ، އައްޑޫގެ ތަރައްގީގައި ބުރަކި ޖެހޭ މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ ވެސް ގަން އެއާޕޯޓް ކުރިއަރަން ޖެހޭ މިންވަރާ ގާތަށް ވެސް ކުރި ނޭރުމެވެ. އެތަނަކީ ޑޮމެސްޓިކް އެއާޕޯޓެކޭ ތަފާތެއް ނެތުމެވެ. އެތަނަށް އުދުހޭ އެއާލައިންއަކަށް ހަމައެކަނި ވަނީ ގައުމީ އެއާލައިން އެވެ.

ޖުލައި 18، 2019: އައްޑޫ ސިޓީގެ މޭޔާރު އަބްދުﷲ ސޯދިގް(ސޯބެ) ސަން އޮންލައިންނަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު އެކަމަށް އެއްބަސްވެވަޑައިގެން ވިދާޅުވި ގޮތުގައި، ގަން އެއާޕޯޓާމެދު އައްޑޫގެ ރައްޔިތުންގެ އުންމީދުތައް އޮތީ ވަރަށް މަތީގަ އެވެ. އެކަމަކު މި ސަރުކާރަށް ނުވަ މަސް ވެގެން ދާއިރުވެސް ގަން އެއާޕޯޓް ކުންފުނީގެ ބޯޑު ފުރިހަމަ ނުވެ އޮތުމަކީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެއީ އައްޑޫގެ ބޮޑު އާބާދީއަށް ގެނުވާ މާޔޫސްކަމެއް ކަމަށް މޭޔަރު ދެކެވަޑައިގަންނަވަ އެވެ.

https://sun.mv/122945

"އެތަން [ގަން އެއާޕޯޓު] ހިންގާނެ އެމްޑީއެއް އަދިވެސް ނުލެވޭ. ބޯޑު ފުރިހަމައެއް ނުވޭ. އެހެންވެ، ގަން އެއާޕޯޓު ކުރިއަށް ގެންދާނެ ގޮތެއް، މި ސަރުކާރުގެ ޑިވެލޮޕްމަންޓް ޕްލޭންގެ ވިސްނުމަކީ ކޮބައި ކަމެއް ސާފެއް ނުވޭ. އެއާޕޯޓުގެ ކަންތައްތައް އަދި ވެސް މި އޮތީ ވަރަށް ވާނުވާ ގޮތަކަށް،" ސޯބެ ވިދާޅުވި އެވެ.

މޭޔަރުގެ ބޮޑު ޝަކުވާއެއް ދެން އޮތީ، ގަން އެއާޕޯޓްގެ ތަރައްގީގައި އައްޑޫ ކައުންސިލްގެ ބައިވެރިވުން ނެތީތީ އެވެ. އެ އެއާޕޯޓް އޮޕަރޭޝަނަށް ގެންނައުމުގައި ހަގީގީ ހައްލެއް ހޯދަން ސަރުކާރުތަކުން ނުކުޅެދިފައި ވަނީ އެހެންވެގެން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. ސަބަބަކަށް ވަނީ އައްޑޫގެ ރައްޔިތުންގެ ސީދާ ވިސްނުމާއި ހިޔާލު އެއާޕޯޓްގެ ސިޔާސަތުތައް ނިންމުމުގައި ނެތުމެވެ. ނަތީޖާއަކަށް ވަނީ، ކޮންމެ ޕްލޭނެއް ޗޮކުން ދިޔުމެވެ.

"މައި ސަރުކާރުގައި ތިބޭ ބަޔަކު ހުރިހާ ސިޔާސަތުތަކެއް ނިންމާއިރު މިތަނުގައި ދިމާވާ އަސްލު މައްސަލައެއް ނޭނގޭ. ނޫނީ ވަކި ވިޔަފާރިވެރިންތަކެއްގެ ބަހަށް މި ސިޔާސަތު ނިންމަނީ. ނޫނީ އެ މީހުންގެ ވިޔަފާރިއެއް ގޮތަށް މި އޮންނަނީ. ދެން އެއީކީ ހަގީގީ ހައްލު ލިބޭނެ ކަމަކަށް ނުވޭ،" މޭޔަރު ވިދާޅުވި އެވެ.

ގަން އެއާޕޯޓަކީ އައްޑޫގެ ތަރައްގީއަށް އެކަނި އޮތް އުންމީދެއް ނޫނެވެ. އެއީ ދެކުނުގެ އަތޮޅުތަކުގެ ތަރައްގީ އާ ޒަމާނަކަށް ގެންގޮސްދޭނެ ދޮރާއްޓެކެވެ. އެކަމަކު ސުވާލަކީ، ގަން އެއާޕޯޓުގެ ބޮޑު އިންވެސްޓްމަންޓާ އެކު، ފައިދާއެއް ނުވެ ފަޅުތަނެއްގެ ގޮތުގައި އެ އެއާޕޯޓު ކިހާ ދުވަހަކު ބޭއްވި ދާނެ ހެއްޔެވެ؟ ނޫނީ އޮންނާނެ ހެއްޔެވެ؟ ތާއަބަދު އުމުރަށް މިގޮތަށް މި އެއާޕޯޓް ބާއްވަންވީ ހެއްޔެވެ؟

comment ކޮމެންޓް