ދިރާސާތައް ކުރުމަށް އެމްއެންޔޫއިން ރިސޯޓަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިރާސާތައް ކުރުމަށް އެމްއެންޔޫއާ ކްރޮސްރޯޑްސްއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ދިރާސާތައް ކުރުމާ ބެހޭގޮތުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ އެނބޫދޫ ފަޅުގައި މިހާރު ތަރައްގީ ކުރާ ރިސޯޓެއް ކަމަށްްވާ ކްރޮސްރޯޑްސް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ހަވީރު ކްރޮސްރޯޑްސް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ އަލީ ފަވާޒް ޝަރީފެވެ. އަދި ކްރޮސްރޯޑްސްގެ ފަރާތުން ސޮއިކުރެއްވީ ކްރޮސް ރޯޑްސްގެ އޮޕަރޭޝަންގެ ވައިސް ޕްރެޒިޑެންޓް މާޓިން ވޭން ޑިއާ ރެޖްޑެޔޫއެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްއެންޔޫއާ ކްރޮސްރޯޑްސް ގުޅިގެން ދެފަރާތަށްވެސް މަންފާ ކުރަނިވި އަދި ޝައުގުހުރި ކަންކަމާ ދޭތެރޭ ދިރާސާކުރުމާއި އެއާ ގުޅޭ ލިޔެކިޔުންތަކަކާއި ރިޕޯޓްތައް ހިއްސާކޮށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާސާތައް ކުރުމަށް އެމްއެންޔޫއާ ކްރޮސްރޯޑްސްއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

އޭގެ އިތުރުން ދަރިވަރުންނަށް އިންޓާންޝިޕްގެ ފުރުސަތު ހޯދައިދިނުމާއި ދަރިވަރުންނާއި މުވައްޒަފުންނަށް ހާއްސަކުރެއްވިފައިވާ އެކިއެކި ޕްރޮގްރާމްތަކާއި ކޯސްތަކާއި މަސައްކަތު ބައްދަލުވުން ހިންގުމަށް ވަނީ ހަމަޖެހިފައިވައެވެ.

އެމްއެންޔޫއިން ބުނީ އެ އެއްބަސްވުމުގެ ސަބަބުން އެ ޔުނިވާސިޓީން ކުރާ ދިރާސާތަކުގެ ފެންވަރުމަތިވެ އަދި ތައުލީމީގޮތުން ކުރިއަރައިދާނެ ކަަމަށެވެ.

މިއީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު އެއްބަސްވުމެކެވެ.

ދަރިވަރުންގެ އިންޓާންޝިޕާއި އެހެނިހެން ކަންކަމުގައި މީގެ ކުރިންވެސް އެމްއެންޔޫއިން ވަނީ އެހެން ރިސޯޓްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް