ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު: މޮގަރިނީ

އޮގަސްޓް 8، 2019: ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ފްރެޑްރިކާ މުގުރީނީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މީޑިއާއަށް މައުލޫމާތު ދެއްވުން -- ސަން ފޮޓޯ-- ފަޔާޒު މޫސާ

ރާއްޖެއާ ޔޫރަޕިއަން ޔުނިއަންގެ ގައުމުތަކާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތުތަކާ ބެހޭގޮތުން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރެވުނުކަމަށް އެ ޔުނިއަންގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ފެޑެރިކާ މޮގެރިނީ ވިދާޅުވެއްޖެއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މޮގެރިނީ ވަނީ މީޑިއާއަށް ބަޔާނެއް ދެއްވައިފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އީޔޫގެ ގައުމުތަކަށް ރާއްޖެއިން އެތެރެ ކުރާ މަސްވެރިކަމުގެ އުފެއްދުންތަކުން ނަގާ ޓެރިފް ކުޑަކުރުމާ ބެހޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން، މޮގެރިނީ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް އޭނާއާ މަޝްވަރާކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ، ޓެރިފްގެ ކަންތައްތައް ހައްލުކުރެވޭނެކަމުގެ ޔަގީންކަން ނުދެވޭނެ ކަމަށެވެ. އެކަމަކު ދެން އަންނަ އީޔޫ ކޮމިޝަނެއްގައި އެކަން އެޖެންޑާކޮށްގެން އެކަމުގެ ވާހަކަ އީޔޫ ކޮމިޝަނުގައި ދައްކަވަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ އުފެއްދުންތަކުން ނަގާ އަގުތައް ދަށް ކުރެވޭނެ އެހެން ގޮތްތަކާ ބެހޭގޮތުންވެސް ރައީސްއާއި މިނިސްޓަރާއެކު ވާހަކަ ދެކެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެ މައްސަލަ ހައްލު ކުރަން ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވާހަކަ ދެކެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން އީޔޫއިން ބަލައިގަންނަ މިންގަނޑުތަކަކަށް ފެތޭ ގައުމުތަކަށް އީޔޫގެ "ޖީއެސްޕީ" އަދި "ޖީއެސްޕީ ޕްލަސް" ސްކީމުގެ ދަށުން އިމްޕޯޓު ޓެރިފްތައް ކަނޑާދެއެވެ.

މޮގެރިނީ މިއަދު އިތުރަށް ވިދާޅުވީ ދިވެހީން ޔޫރަޕަށް ދިއުމަށް ޝެންގެން ވިސާ ފަސޭހައިން ލިބުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށެވެ. އެކަމަކު، ވިސާ އެގްޒެމްޕްޝަން ލިސްޓު މިހާރުގެ އީޔޫ ކޮމިޝަނުން މުރާޖާ ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދެން އަންނަ ކޮމިޝަނަކުން އެ ލިސްޓު މުރާޖާ ކުރަންވާއިރަށް ރާއްޖެއިން އެޑްވޮކެސީ މަސައްކަތް ކުރާނެ ކަމަށް ގަބޫލު ކުރާ ކަމަށް މޮގެރިނީ ވިދާޅުވިއެވެ.

ޓެރެރިޒަމްއާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން އިޔޫއިން ވަނީ ރާއްޖެއަށް 2.5 މިލިއަން ޔޫރޯގެ އެހީއެއް ދޭން ނިންމައިފައެވެ. އެކަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން ފެޑެރިކާ މޮގެރިނީ ވަނީ ހާމަކުރައްވައިފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި އީޔޫއާއެކު ގުޅުން ރަނގަޅު ކުރެވިފައި މިވަނީ އަދި ކިރިޔާ ކަމަށެވެ. އަދި އީޔޫއިން ރާއްޖެއަށް ފަހިވާ ވިސްނުންތަކެއް ގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް