އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ރާއްޖެ ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މުގުރީނީ ބައްދަލު ކުރެއްވުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ފްރެޑްރިކާ މުގުރީނީ ރާއްޖެ ވަޑައިގެންފި އެވެ.

މުގުރީނީގެ މި ދަތުރުފުޅުގައި މިއަދު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ ބައްދަލު ކުރައްވައިފަ އެވެ.

މި ދަތުރުފުޅުގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ އިރު މުގުރީނީގެ ތަގުރީރު އަޑުއެއްސެވުމަށް ރާއްޖޭގައި ތިއްބަވާ ޑިޕްލޮމޭޓުންނާއި ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ވެސް ވަނީ ދައުވަތު އަރުވައިފަ އެވެ.

މީގެ އިތުރުން މުގުރީނީ މިއަދު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މުގުރީނީ ވަނީ އިޓަލީގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. ނޭޓޯގެ އިޓަލީގެ ލީޑަރުކަމާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ މުގުރީނީ އަކީ އީޔޫގެ ކައުންސިލް މެންބަރު ކަންވެސް ކުރައްވާފައިވާ ބޭކަނބަލެކެވެ.

ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ގުޅުންތަކާއި ސަލާމަތީ ކަންތައް ބަލަހައްޓާ އެންމެ އިސްކޮށް ހުންނެވި މުގުރީނީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރައްވާނީ މަޖިލީހުގެ ޖަލްސާއެއްގައެއް ނޫނެވެ.

"އެހެން ނަމަވެސް ވީހާވެސް ގިނަ އިއްޒަތްތެރި މެންބަރުންނެއް އެ ބައްދަލުވުމަށް ވަޑައިގަތުމަކީ ވަރަށް ބޮޑު އެދުމެއް،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް