އައްޑޫ ނޭޗާ ޕާކު: ތިމާވެށި ރައްކާތެރިކުރަމުން އިގްތިސާދީ ފައިދާ!

އައްޑޫ ސިޓީ ހިތަދޫ އީދިގަލި ކިޅިން ފެށިގެން ކޯއްޓޭއާ ހިސާބަކީ މީގެ އަހަރުތަކެއް ކުރިން އެއްވެސް އުސޫލެއް ނެތި ހިތަކަށް ދޫކޮށްލާފައި އޮތް ތަންތަނެވެ. ގުދުރަތީ ގޮތުން މުއްސަނދި އެ ސަރަހައްދުތައް އީކޯ ޓޫރިޒަމަށް ތަރައްގީކޮށް "އައްޑޫ ނޭޗާ" ޕާކަށް މިހާރު ވަނީ ބަދަލުކޮށްލައިފި އެވެ. އެއާއެކު، ވަޅުޖެހިފައި އޮތް އައްޑޫގެ ފަތުރުވެރިކަމަށް އިތުރު ސެލިން ޕޮއިންޓެއް ލިބިއްޖެ އެވެ. އެތަން މިހާރު ވަނީ ރަށުގެ ތަރައްގީ އާއި ޓޫރިޒަމްގެ ކުރިއެރުމާ ވެސް ގުޅިލާމެހިފަ އެވެ. މިއީ، ރާއްޖޭގެ އެތަން މިތަނުގައި ނަކަލު ކުރަން ޖެހޭ ކޮންސެޕްޓެކެވެ.

ފައްކާ އީކޯ ޓޫރިޒަމް ފެސިލިޓީއެއް

އައްޑޫ ނޭޗާ ޕާކަކީ ވޯލްޑް ބޭންކުގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓުގެ ދަށުން ތަރައްގީކޮށްފައިވާ ތަނެކެވެ. އެތަން ހެދުމުގެ ބޭނުމަކީ އީދިގަލި ކިޅިން ފަށައިގެން ކޯއްޓޭއާ ހިސާބަށް ހިމެނޭ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކޮށް އެތަނުން އިޖުތިމާއީ އިގްތިސާދީ އަދި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުންވެސް ފައިދާ ހޯދުމެވެ. ނޭޗާ ޕާކު ހިންގާ ކޮންސެޕްޓަކީ އައްޑޫ ރައްޔިތުންތަކެއްގެ ސިކުނޑިން އުފަންވި ހިޔާލެކެވެ.

އައްޑު ނޭޗާ ޕާކްގެ އިދާރީ މަސައްކަތްތައް ކުރާ ހަޓްތައް: މިތަނުގެ މަގުބޫލްކަން އަންނަނީ އިތުރުވަމުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެތަން ހަދާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ބާޑްވޮޗް އޭރިއާ އާއި އެހެނިހެން ކުދިކުދި ތަރައްގީ ގެނަ އެވެ. އެ ފިޔަވައްސަށް ފަންޑު ކުރީ އޮސްޓްރޭލިއަން އެއިޑުންނެވެ. ޕްރޮޖެކްޓުގެ ބޮޑު ބައެއް ހެދީ ދެވަނަ ފިޔަވަހީގެ ދަށުންނެވެ. އެ ފިޔަވައްސަށް ފަންޑު ކުރީ ޔޫރަޕިއަން ޔުނިއަން އިންނެވެ. ވޯލްޑް ބޭންކުން މުޅި ޕްރޮޖެކްޓުގެ ފަންޑުތައް ފޯރުކޮށްދިން އިރު ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެންވަޔަރަމެންޓް މިނިސްޓްރީއިންނެވެ. މި ޕްރޮޖެކްޓް 2015 ގައި ފަށައި ނިންމާލުމަށް ފަހު، އެތަން އާންމުކޮށް ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

ނޭޗާ ޕާކުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދެއް ހިމެނެ އެވެ. އެއީ އީދިގަލިކިޅި، މަންތާ ޕޮއިންޓު އަދި ބްރިޓިޝް ލޯޔަލްޓީ ނައު ފެތިފައި އޮންނަ ސަރަހައްދެވެ.

އައްޑު ނޭޗާ ޕާކްގެ ވެއިޓިން އޭރިއާ: މިއީ ވޯލްޑް ބޭންކުގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ ދަށުން ހިންގާފައިވާ މަޝްރޫއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޭޗާ ޕާކުގެ މައި ދޮރާށިން ވަންނަ އިރު ފެންނާނީ ލަކުޑިން ހަދާފައި ހުރި ހިތްގައިމު ހިޔާތަކެވެ. އެ ހިޔާތަކުގެ މަތީގައި ދިވެހި ފަން ޖަހާފައި ހުރެ އެވެ. އެ ހިޔާތަކަކީ އެޑްމިނިސްޓްރޭޓިވް ބިލްޑިންތަކާއި ވިސިޓާސް ސެންޓަރުތަކެވެ. އޭގެ ހަތަރު ވަރަކަށް ހިޔާ އެތަނުގައި ހުރެ އެވެ. އެއީ ސްޕެއިންގެ އާކިޓެކްޗާ ކުންފުނެއްގެ ޑިޒައިނެކެވެ.

ނޭޗާ ޕާކުގެ ގުދުރަކީ ސަރަހައްދު ތަރައްގީކޮށްފައި ވަނީ އެ މުޅި ސަރަހައްދުގެ ފުރިހަމަ ޓުއާއެއް ދެވޭ ގޮތަށެވެ. ޓުއާއަށް ދިވެހިންގެ އަތުން ފަސް ރުފިޔާ ނަގާ އިރު ބޭރު ފަތުރުވެރިންގެ އަތުން ނަގަނީ ހަތް ޑޮލަރެވެ.

ޓުއާގެ ތެރެއިން ޕާކުގެ ހާއްސަ އެކި ސަހަރަހައްދުތަކަށް މަޑުކޮށް ޓުއާ ގައިޑު އެތަނުގެ މައުލުމާތު ދެއެވެ. އޭގެ އިތުރުން، އެތަންތަނުގައި މައުލޫމާތު ލިޔެފައި ހުންނަ ބޯޑުތައްވެސް ބަހައްޓާފައި ހުރެއެވެ. ބޭނުމިއްޔާ ޓުއާ ނަގަން ހަތަރު މީހުންގެ ޖާގައިގެ ބަގީއެއްގައިވެސް ދެވިދާނެ އެވެ. ނުވަތަ ބައިސިކަލުގައިވެސް ދެވިދާނެ އެވެ.

އައްޑު ނޭޗާ ޕާކް: މިތަނުގައި ގުދުރަތީ އެތައް ރީތިކަމެއް ހިމެނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕާކުން ދޭ ހިދުމަތްތަކުގެ ތެރޭގައި މަންތާ ޕޮއިންޓު އަދި ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކަށް ޑައިވިންއަށް ގެންގޮސްދިނުން ހިމެނެއެވެ. އަދި ގައިޑެޑް ސްނޯކްލިންގެ ހިދުމަތްވެސް ދެއެވެ. ކޯއްޓޭ ކޮޅަށް ޕިކްނިކް ދެވޭ ގޮތްވެސް ހަމަޖައްސައިދެއެވެ. އެތަނުން ދޭ ހިދުމަތްތަކުގެ ތެރެއިން އެންމެ މަގުބޫލީ ކެނޯ ދުއްވުމެވެ.

ފައިދާ ވަނީ ސީދާ އައްޑޫއަށް

އައްޑޫ ނޭޗާ ޕާކުގައި މަސައްކަތް ކުރަނީ އެންވަޔަރަމެންޓް މިނިސްޓްރީއިން މުސާރަދޭ މުވައްޒަފުންނެވެ. އެކަމަކު، އެތަނަށް ލިބޭ ފައިސާ އަކީ އެންވަޔަރަމެންޓް މިނިސްޓްރީގެ ތެރެއިން މައި ސަރުކާރަށް ލިބޭނެ ގޮތަށް ހަމަޖެހިފައިވާ ފައިސާއެއް ނޫނެވެ. ހުރިހާ ފައިސާއެއް ދާނީ ސީދާ ޕާކަށް އަދި އައްޑޫ ސިޓީ އަށެވެ.

އައްޑޫ ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޭޗާ ޕާކާ ހަވާލުވެވަޑައިގެން ހުންނެވި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އައިމިނަތު އަފާއު ވިދާޅުވި ގޮތުގައި ޕާކަށް ލިބޭ ހުރިހާ ފައިސާއެއް ދާނީ އައްޑޫ ކޮންސަވޭސަން ފަންޑަށެވެ. އެ ފަންޑަށް ދާ ފައިސާގެ ތެރެއިން 50 ޕަސެންޓު ހަރަދު ކުރާނީ ޕާކުގެ ހަރަދުތައް ބެލެހެއްޓުމަށާއި މެއިންޓެނެންސްއަށެވެ. އަދި އަނެއް 50 ޕަސެންޓު އައްޑޫގެ ކޮމިއުނިޓީ ޑިވޮލޮޕްމެންޓު ޕްރޮޖެކްޓުތައް ފަންޑު ކުރަން ގްރާންޓުގެ ގޮތުގައި ދޭން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ސީދާ އައްޑޫގެ ތަރައްގީއަށް ހަރަދުވާނެ ފައިސާ އެވެ.

ނޭޗާ ޕާކަށް ލިބޭ ފައިސާއިން ސީދާ އައްޑޫގެ ޕްރޮޖެކްޓުތަކަށް ހަރަދު ކުރަން ހަމަޖެހިފައިވާ އިރު، އެތަނުން އައްޑޫ ރައްޔިތުންނަށާއި ވިޔަފާރިއަށްވެސް ފައިދާ ކުރާނެ އެވެ.

ނޭޗާ ޕާކާ އެކު އައްޑޫގައި އުފެދުނީ އިތުރު ވަޒީފާތަކެވެ. އެ ޕާކުގައި މިވަގުތު މަސައްކަތް ކުރަނީ އަފާއު ހިމެނޭ ގޮތަށް ހަތް ސްޓާފުންނެވެ. އެއީ ހުސް އައްޑޫ މީހުންނެވެ. އަފާއު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޑިމާންޑު އިތުރުވުމުން އިތުރު ވަޒީފާތައްވެސް އުފެދިގެންދާނެ ކަމަށެވެ.

އައްޑޫ ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާތައް އުފެދުމުގެ އިތުރުން އިތުރުން، ޕާކަށް ވަންނަ ސަރަހައްދުގައި ގާއިމްކޮށްފައިވާ ހިޔާތަކުގައި ރެސްޓޯރެންޓު ހިންގަން އަދި ސުވިނިއާ ފިހާރަތައް ހިންގަން ކުރިއަށް އޮތްތަނުގައި ހުޅުވާލުމަކީ ވެސް ސީދާ އައްޑޫގެ ވިޔަފާރިއަށް ފައިދާ ކުރާނެ ކަމެކެވެ. އަފާއު ވިދާޅުވި ގޮތުގައި އެ ފުރުސަތުތައްވެސް ދޭނީ މުޅިން އައްޑޫގެ ފަރާތްތަކަށެވެ. މިހާރުވެސް ޓްރެއިނިން ޕްރޮގްރާމެއް ބާއްވައި އައްޑޫގެ 90 މީހަކަށް ސުވެނިއާ ހަދަން ދަސްކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަގުބަލު ވަރަށް އުޖާލާ

ނޭޗާ ޕާކުގެ މަސައްކަތް ނިންމައި ހުޅުވާފައިވީ ނަމަވެސް، އަދި އެތަން އަމިއްލަ ފައިމައްޗަށް ކޮޅަށް ނުޖެހެ އެވެ. ޕާކުގެ ހަރަދުތައް މިހާރު ބަލަހައްޓަނީ އެންވަޔަރަމެންޓް މިނިސްޓްރީއިންނެވެ. އެތަނުގެ ފައިސާ ޖަމާވާ ފަންޑު އަދި ބޭނުން ކުރަން ނުފަށަ އެވެ. ފުރަތަމަ ހަ މަސް ތެރޭގައި ފަންޑަށް ލިބުނީވެސް ހަތަރު ލައްކަ ރުފިޔާ އެވެ.

ނޭޗާ ޕާކު ދިވެހި އަދި ބޭރުގެ ފަތުރުވެރިންނަށް މާކެޓު ކުރަން އަދި ފަށާފައެއް ނުވެ އެވެ. އެހެންވެ، އެތަނަށް އަންނަ މީހުންގެ އަދަދު އެހާ ގިނައެއް ނޫނެވެ. އެކަމަކު، މާކެޓު ނުކުރާ އިރަކާ ބަލާއިރު ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ރަނގަޅު އަދަދަކަށް މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އަފާއު ވިދާޅުވި އެވެ.

އައްޑު ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑު ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހީނުކުރާ ވަރުގެ ތަރުހީބެއް ލިބިއްޖެ. ދެން އެކްސްޕޭންޑު ވަމުން ދާނީ،" އަފާއު ވިދާޅުވި އެވެ.

އަފާއު ވިދާޅުވި ގޮތުގައި މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ޒިޔާރަތް ކުރީ ސްކޫލު ބަންދުގެ ތެރޭގަ އެވެ. އެގޮތުން ސްލޫ ބަންދުގެ ތެރޭގައި 1200އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، ގިނައީ ދިވެހި ފަތުރުވެރިންނެވެ. ބޭރު ފަތުރުވެރިން މަދުވުމަކީ އަފާއުގެ ކަންބޮޑުވުމެކެވެ. ޕާކު މާކެޓް ކުރަން ފެށުމުން އެކަން ރަނގަޅުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ފޭސްބުކް ޕޭޖެއް ހުރޭ. ބޭރު ދުނިޔެއަށް މާކެޓް ކުރަން އަދި މަަސައްކަތެއް ނުކުރެވޭ. އަވަސް މުސްތަގުބަލެއްގައި މާކެޓު ކުރަން ފަށާނެ،" އަފާއު ވިދާޅުވި އެވެ.

އައްޑު ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑު ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕާކު ބޭރު ދުނިޔެއަށާއި ރާއްޖެއަށް ރަގަޅަށް އިސްތިހާރު ކުރުމުން އެތަަނަށް ފަތުރުވެރިން އަންނާނެ އެވެ. ރެސްޓޯރެންޓުތަކާއި ފިހާރަތައް ގާއިމް ކުރުމުން އެތަނަށް އާ ދިރުމެއް ލިބިގެންދާނެ އެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫއަށް ވަންނަ ފައިސާ އިތުރުވެގެންދާނެ އެވެ.

އިގްތިސާދީ މަންފާއެއް ނުލިބޭ ތަނެއް ހިމާޔަތް ކުރުމުގެ މުހިންމުކަން ގިނަ މީހުންނަށް ނުވިސްނޭ ކަމަށް އަފާއު ވިދާޅުވި އެވެ. ނޭޗާ ޕާކުގައި ހިމެނޭ ސަރަހައްދުތަކުން މިހާރު އިގްތިސާދީ ފައިދާ ނެގޭނެ ގޮތް މިވަނީ ހަމަޖެހިފަ އެވެ. ކުރިން ވަލަށް ދޫކޮށްފައި އޮތް ސަރަހައްދުން މިއަދު ފައިސާ ލިބެ އެވެ. ރައްޔިތުންނަށް ފައިދާ އެވެ. އަދި އެއާ އެކު، މި ސިޓީގެ މުއްސަނދި ތިމާވެށިވެސް ބޮޑުތަނުން ހިމާޔަތް ކުރެވެނީ އެވެ.

އައްޑު ނޭޗާ ޕާކްގައި ސަންގެ ނޫސްވެރިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑު ނޭޗާ ޕާކްގައި ސަންގެ ނޫސްވެރިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިމާވެށި ހިމާޔަތް ކުރަމުން މުޅި ސިޓީއަށް ފައިދާ ކުރާނެ ގޮތަކަށް ބައްޓަންކޮށްފައިވާ މި ޕާކުގެ މޮޑެލް ރާއްޖޭގައި ބޭނުން ކުރެވޭނެ އެހެން ތަންތަންވެސް އެބަ ހުއްޓެވެ. ފުވައްމުލަކުގެ ނޭޗާ ޕާކަކީވެސް އިގްތިސާދީ މަންފާ ލިބޭނެ އީކޯ ޓޫރިޒަމް ފެސިލިޓީ އެކެވެ. އަދި މިހާރު އެއާޕޯޓެއް އަޅައި ދެބައިކޮށްފައިވާ ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައިތައްވެސް މިފަދަ މޮޑެލްއަކަށް ތަރައްގީ ކުރެވިދާނެ އެވެ. ނ. ކެނދިކުޅުދޫގައި އޮންނަ މާސިންގާ ކުޅިއަކީވެސް މިފަދައިން އެ ރަށުގެ ރައްޔިތުންނަށް ފައިދާ ވާނެ ގޮތަކަށް ތަރައްގީ ކުރެވިދާނެ ތަނެކެވެ. އައްޑޫ ނޭޗާ ޕާކްގެ ކޮންސެޕްޓް މުޅި ރާއްޖެއިން ނަމޫނާއަކަށް ބަލަން ޖެހެ އެވެ. މިއީ ތިމާވެށި ހިމާޔަތްކުރަމުން އިގްތިސާދީ މަންފާ ހޯދިދާނެ ތަރައްގީގެ ޒަމާނީ މޮޑެލްއެކެވެ.

އައްޑު ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑު ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

comment ކޮމެންޓް