ބަންދާ ދިމާކޮށް ބަސް ދަތުރުތައް އިތުރު ކޮށްފި

ގްރޭޓާ މާލެ ބަސް ޓަރމިނަލް -- ސަން ފޮޓޯ: އަޙްމަދު މުޖްތަބާ

ކުރިއަށް އޮތީ އީދު ބަންދަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން މާލެއިން ބޭރަށް ފުރާނެތީ، ފުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް އެމްޕީއެލް އާއި އެމްޓީސީސީ އިން ދޭ ބަހުގެ ހިދުމަތުގެ ވަގުތުތައް އަވަސްކޮށް ބަސް ދަތުރުތައް އިތުރުކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން ރޭ ބުނީ މިހާރު ކޮންމެ އެއް ގަޑިއިރަކުން މާލެ އާއި ހުޅުލެ އާއި ދެމެދު އެމްޕީއެލް އިން ދޭ ބަހުގެ ހިމުމަތް، ޗުއްޓީއާ ދިމާކޮށް ކޮންމެ 30 މިނެޓަކުން ދޭނެ ކަމަށެވެ. އަދި މާލޭގެ ތިން ބަސް ސްޓޮޕަށް ވެސް އެއާޕޯޓު ބަސް މަޑުކޮށް ދާގީނާ އާއި ފަސިންޖަރުން އަރުވާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ހުޅުމާލޭގެ އެތެރޭގައްޔާއި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު އެމްޓީސީސީ އިންދޭ ބަހުގެ ހިދުމަތް ވެސް މިހާރަށް ވުރެ އިތުރުކުރުމަށް ވަނީ ނިންމައިފަ އެވެ. އެމްޓީސީސީ އިން މިއަދު ބުނީ ކުރިއަށް އޮތް ބަންދު ތެރޭގައި ހުޅުމާލެ އާއި އެއާޕޯޓް އާއި ދެމެދުގެ ބަސްދަތުރުތައް ޕީކް ގަޑިތަކުގައި އިތުރުކުރާނެ ކަމަށެވެ. އަދި ހުޅުމާލެ ނެއިބަހުޑް ބަހުގައި ކަސްޓަމަރުންނަށް ލަގެޖް ގެންދިއުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އީދު ޗުއްޓީ އަށް ނުވަ ދުވަސް ލިބޭއިރު ގިނަ އަދަދެއްގެ ބަޔަކު ޗުއްޓީ އަށް މާލެ އިން ބޭރަށް ދާނެ އެވެ. އަތޮޅު ތެރެއަށާއި ބޭރަށް ގިނަ އަދަދެއްގެ ބަޔަކު ފުރާއިރު، އެންމެ ފަހު ވަގުތަށް ލަސްނުކޮށް ޗެކް އިން ވުމަށް ވައިގެ މަގުން ދަތުރުކުރާ މީހުންނަށް އެމްއޭސީއެލް އިން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

comment ކޮމެންޓް