އެޕްލިކޭޝަނުގައި ރެޖިސްޓްރީނުވެ އަމިއްލަ ފަރާތްތަކަށް ޓެކްސީ ނުކުރެވޭނެ

މާލޭގެ މަގެއްގައި ޓެކްސީއެއް ދުއްވާފައި ދަނީ -- ސަން ފޮޓޯ

ޓްރާންސްޕޯޓުން ހުއްދަ ދީފައިވާ އެޕްލިކޭޝަންތަކުގައި ރެޖިސްޓްރީ ނުވެ، އަމިއްލަ ފަރާތްތަކަށް ޕްރައިވެޓް ހަޔާގެ ޚިދުމަތް ނުދެވޭނެ ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފިއެވެ.

އެ އޮތޯރިޓީ އިން މިއަދު ބުނީ ޕްރައިވެޓް ހަޔާގެ ޚިދުމަތް ދިނުމަށް އަމިއްލަ ފަރާތްތަކަށް ހުއްދަ ދޭން ނިންމި ނަމަވެސް، އެ އޮތޯރިޓީއިން ހުއްދަ ދީފައިވާ ތިން އެޕްލިކޭޝަންގެ ތެރެއިން އެޕްލިކޭޝަނެއްގައި ރެޖިސްޓްރީ ނުވެ، ޕްރައިވެޓް ހަޔާގެ ގޮތުގައި ޓެކްސީ ކުރުމަކީ މަނާކަމެއް ކަމަށެވެ.

އަދި އެ އެންގުމާ ޚިލާފުވާނަމަ އެއްގަމު ދަތުުރުފަތުރުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ ދަށުން 750 ރުފިޔާގެ ޖޫރިމަނާ ކުރެވޭނެ ކަމަށް އެ އިއުލާނުގައިވެއެވެ.

މީގެ އިތުރުން ޓެކްސީގެ އަގުތައް ކަނޑައަޅާފައި ވަނިކޮށް އެއަށްވުރެ ބޮޑު އަގު ނަގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުންޏެވެ. އެ އޮތޯރިޓީ އިން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު އަގު ޗާޖު ކުރާނަމަ 750 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ޓެކްސީ އަގުތައް ތަންފީޒު ކުރުމަށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ވަނީ ފަށައިފައެވެ. އަގު ބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކުގެ މައުލޫމާތު ފުލުހުންގެ ވައިބަރ ނަންބަރު 9926091 އަދި ވަޓްސްއަޕް ނަންބަރު 9888999 އަށް ހިއްސާ ކުރުމަށް ވަނީ އެދިފައެވެ. މައުލޫމާތު ހިއްސާ ކުރާއިރު އުޅަނދުގެ މައުލޫމާތު ދަތުރުގެ ތަފްސީލާއި އެކު އަދި ފަސިންޖަރުގެ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

މީގެ ކުރިން ބްރިޖާއި ލިންކް ރޯޑުން ކުރާ ދަތުރުތަކަށް 100 ރުފިޔާ ނެގިނަމަވެސް ރައްޔިތުންގެ ކަންބޮޑުވުމާއެކު މި އަގުތައް ވަނީ ކުޑަކޮށްފަ އެވެ.

އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރުމާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރު ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލެ އިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިޔާ އަށެވެ.

މީގެ ކުރިން ރޭގަނޑު 12:00 ގެ ފަހުން ކުރާ ދަތުރުތަކަށް 30 ރުފިޔާ ނަގަމުން އައި އައުން ވަނީ ބާތިލްކޮށްފަ އެވެ. ނަމަވެސް ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު މިހާރު ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށް ކަނޑައަޅައިފަ އެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރާ ދަތުރުތަކަށް ޗާޖު ކުރަނީ 25 ރުފިޔާ އެވެ. ޑިކީ އަށް ދާގީނާ ލާނަމަ، ނަގާ ފައިސާ ނެގުން ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް