މިއަދުން ފެށިގެން ޓެކްސީތަކުން ނަގަން ޖެހޭނީ ކުޑަ އަގު!

ޓެކްސީ ޑްރައިވަރަކު ޓެކްސީއިން ދާގީނާތަކެއް ނަގަނީ --

މާލެ އާއި ހުޅުމާލެ އަދި ހުޅުލެއަށް ބްރިޖާއި ލިންކް ރޯޑުން ކުރާ ދަތުރުތަކަށް މިއަދުން ފެށިގެން ޗާޖުކުރެވޭނީ ޓްރާންސްޕޯޓު އޮތީރިޓީ އިން ކަނޑައަޅާފައިވާ އާ އަގުތަކުންނެވެ.

އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރުމާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރު ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލެ އިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިޔާ އަށެވެ. މީގެ ކުރިން މި ދަތުރުތަކަށް ޓެކްސީތަކުން ނަގަމުން ގޮސްފައިވަނީ 100 ރުފިޔާ އެވެ.

ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ޓެކްސީ ކުރުމުގެ ގަވައިދަށް ބަދަލުގެނެސް މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް ކޮންޓްރޯލް ކޮށްފައެވެ.

މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް އެކުލަވާލިއިރު، މީގެ ކުރިން ރޭގަނޑު 12 ގެ ފަހުން ކުރާ ދަތުރުތަކަށް 30 ރުފިޔާ ނަގަމުން އައި އައުން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު މިހާރު ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ރޭގަނޑު 12 އިން ހެނދުނު ހަޔަކާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށް ކަނޑައަޅައިފައެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރާ ދަތުރުތަކަށް ޗާޖު ކުރަނީ 25 ރުފިޔާ އެވެ.

މީގެ އިތުރުން ޓެކްސީތަކުން އެޕްލިކޭޝަނެއް ބޭނުން ކުރާގޮތަށް ވަނީ ކަނޑައަޅައިފައެވެ. އިއްޔެ ގެނައި ބަދަލާއެކު މިމަހުގެ އެކަކުން ފެށިގެން ޓެކްސީ ހުއްދަ ދޭނީ ޓްރާންސްޕޯޓުން ހުއްދަ ދީފައިވާ ތިން އެޕްލިކޭޝަންގެ ތެރެއިން ކޮންމެވެސް އެއް އެޕްލިކޭޝަނެއްގައި ރެޖިސްޓްރީވެފައިވާ އުޅަނދުތަކަށެވެ. އެ ތިން އެޕްލިކޭޝަނަކީ އެއައީ، އަވަސް ރައިޑް އަދި ޕިކްމީ އެވެ.

މި ތިން އެޕްލިކޭޝަނުގައި ރެޖިސްޓްރީވެގެން އަމިއްލަ ވެހިކަލްތަކަށްވެސް ޕްރައިވެޓް ހަޔާގެ ހިދުމަތް ދެވޭނެއެވެ.

ޓެކްސީތަކުން ބޮޑުއަގުނަގާތޯ ބެލުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއްވެސް ފަށައިފައެވެ.

ނަމަވެސް އެޕްލިކޭޝަންތައް ބޭނުން ކުރުމާމެދު ޑްރައިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް އަބްދުﷲ އިބްރާހިމް އިއްޔެ ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައެޅި އަގުތަކާމެދު މައްސަލައެއް ނެތްކަމަށާއި، އަދި ޑްރައިވަރުން މިހާރު ބޭނުންވަނީ ޓެކްސީ މީޓަރު ހަރުކުރުމަށް ކަމަށެވެ.

"އަގުތަކާމެދު އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ. އެކަމަށް އަޅުގަނޑުމެން މަރުހަބާވެސް ކިޔަން. ނަމަވެސް އަޅުގަނޑުމެންނަށް އޮތީ އެންމެ ޗޮއިސްއެއް، އެއީ މިހާދުވަސް ވަންދެން [ޓްރާންސްޕޯޓު މިނިސްޓްރީގައި] އެދެމުން އައި މީޓަރުތައް [ތާރަފުކުރުމަށް]. އޭތި ހޯދުމަށް މިހާރު [މަސައްކަތް މިކުރަނީ]" މީގެ ކުރިން އަގުތަކާ މެދު ހިތް ހަމަނުޖެހުން ފާޅުކުރި އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

ޑްރައިވަރުން ބުނަނީ މީޓަރު ހަރުކުރުމަށް މިނިސްޓްރީން ނިންމައިފި ނަމަ އެމީހުން ތިބީ އަމިއްލަ ޚަރަދުގައިވެސް އެކަން ކުރުމަށް ތައްޔާރަށް ކަމަށެވެ.

"މީޓަރުތައް އަޅުގަނޑުމެންނަށް ދެއްވާށޭ. އަޅުގަނޑުމެން މިތިބީ ތަބާވާން. މިއަދު ގޮވާލިޔަސް މާދަމާ ގޮވާލިޔަސް މީޓަރު ހަރުކުރަން ތައްޔާރަށް މިތިބީ. ތިބޭފުޅުން [މިނިސްޓްރީން] އިއުލާން ކޮށްދެއްވާށޭ. އަމިއްލައަށް ހަރަދު ދީގެންވެސް އަޅުގަނޑުމެން މިތިބީ މީޓަރު ހަރުކުރުމަށް ތައްޔާރަށް،" އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.

އިބްރާޙިމް ވިދާޅުވީ، މީގެ ކުރިންވެސް މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކުގައި މީޓަރު ތައާރަފް ކުރުމަށް އެދުނު ނަމަވެސް އެކަން ނުކުރަމީ ކަންބޮޑުވުމެއް ކަމަށެވެ.

comment ކޮމެންޓް