އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް، އުމުރުން 67 އަހަރުގައި މިރޭ އަވަހާރަވެއްޖެއެވެ.

ސުޝްމާ މިރޭ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިވަޑައިގެން، ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (އެއިމްސް)ގައި ފަރުވާ ހޯއްދަވަނިކޮށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އެގައުމުގެ ޚާރިޖީ ވަޒީރުކަން ކުރައްވައި، އިންޑިއާއާއި މުޅި ދުނިޔޭގެ ލޯބި ހޯއްދެވި ސުޝްމާ ފާހަގަވެގެން ދިޔައީ ހިތްހެޔޮ، އަދި އިންޑިއާގެ ރައްޔިތުންނަށް ދުނިޔޭގެ އެކި ހިސާބުތަކުގައި ދިމާވާ ކޮންސިއުލާ މައްސަލަތަކަށް އެހީތެރިވެދިނުމަށް ހުށިޔާރުކަމާއެކު މަސައްކަތްކުރެއްވި ފަރާތެއްގެ ގޮތުގައެވެ.

އެގޮތުން ޓްވިޓާ މެދުވެރިކޮށް ކޮންމެ މީހަކުވެސް ކޮންސިއުލާ އެހީއަށް އެދިއްޖެނަމަ، ކަން ކުރަންވީ ގޮތުގެ އިރުޝާދު ނުވަތަ އެކަމެއްގައި އެޅުއްވި ފިޔަވަޅު ސީދާ ސުޝްމާ ހާމަކުރައްވައެވެ.

https://sun.mv/119858

މި އަހަރު އިންޑިއާގައި ކުރިއަށް ދިޔަ ލޮކް ސަބާ އިންތިހާބުގައި، ސިއްހީ ހާލު ތަން ނުދޭތީ ސުޝްމާ ކުރިމަތިނުލައްވައެވެ. އެހެން ނަމަވެސް މީގެ ކުރިން ގާނޫނު ހަދާ މަޖިލހަށް ހަތް ފަހަރު އިންތިހާބުވިއެވެ.

މިރޭ ކުރެއްވި ޓްވީޓުތަކެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ ސުޝްމާ އަވަހާރަވުމަކީ އިންޑިއާގެ ސިޔާސީ ތާރީޚުގެ ވަރަށް ޚާއްސަ ބާބެއްގެ ނިމުން ކަމުގައި ސިފަކުރައްވާފައެވެ.

"ސުޝްމާއަކީ އެފަދަ ދެވަނައެއް ނުވާ ބޭފުޅެއް. އަދި އެތައް ބައެއްގެ އުންމީދާ ގުޅިފައިވާ ބޭފުޅެއް،" މޯދީ ވިދާޅުވިއެވެ.

ސުޝްމާގެ ވާހަކަދެއްކުންތެރިކަމާއި، ހިންގުންތެރިކަމާއި ގާނޫނު ހަދާ މަޖިލީހުގައި ކުރެއްވި މަސައްކަތްތަކަށް ތައުރީފުކުރައްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އޭނާއަކީ ހުރިހާ ޕާޓީއެއްގެ ލޯބި ހޯއްދެވި ބޭކަނބަލެއް ކަމަށެވެ. އަދި ސުޝްމާ ހިންގެވި ކޮންމެ މިނިސްޓްރީއެއް ވަރަށް ރަނގަޅަށް ހިންގެވި ކަމަށާއި، އޭނާ ޚާރިޖީ ވަޒީރުކަމުގައި ހުންނެވި އިރު އިންޑިއާއިން އެކި ގައުމުތަކާ އޮތް ގުޅުން ވަރަށް ބޮޑަށް ރަނގަޅުކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވިކަން މޯދީ ފާހަގަކުރެއްވިއެވެ.

"ސިއްހީ ހާލު އެންމެ ރަނގަޅު ނޫން ނަމަވެސް މިދިޔަ ފަސް އަހަރުގައި ޚާރިޖީ ވުޒާރާ ހިންގެވީ ވަރުބަލިފުޅުވުމެއް ނެތި. ދުވަހުން ދުވަހަށް މިނިސްޓްރީ ހިންގުމަށް ކުރަންޖެހޭ މަސައްކަތް ކުރެއްވި،"

ސުޝްމާ އެކްސްޓާނަލް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ރާއްޖެއާ ވަރަށް ގާތްކޮށް މަސައްކަތްކުރެއްވިއެވެ. އެގޮތުން ރާއްޖެއަށް ގިނަ ދަތުރުތަކެއް ކުރައްވައި، ދިވެހި ސަރުކާރުގެ އެކި ފަރާތްތަކާ ބައްދަލުކުރައްވައި ހެއްދެވިއެވެ.

comment ކޮމެންޓް