ބޮޑު އީދަށް ގެސްޓް ހައުސްތަކާއި ރިސޯޓްތައް ފުރިއްޖެ

ށ. ފުނަދޫގައި އީދު ފާހަގަކުރުން --- ފޮޓޯ/ ޖަވާދު ( ޖަވާ އާޓްސް)

އަނެއްކާވެސް ދިގު ބަންދެއް އަންނަނީއެވެ. މިފަހަރު ކުރިމަތީގައި މި އޮތީ ބޮޑު އީދު ބަންދެވެ. ގުޅުންބަދަހިކޮށް އާއިލާތަކާއި ރައްޓެހިން އެކުގައި ވަގުތު ހޭދަކޮށް އުފާވެރި ދުވަސްތަކެއް ހޭދަކޮށްލުމަށް ރަނގަޅު ފުރުސަތެކެވެ.

މި ހުކުރުން ފެށިގެން އަންނަ ހޮނިހިރާ ހަމައަށް ދިގުދެމިގެންދާ މި ޗުއްޓީ އަށް މިހާރުވެސް ގިނަ ބަޔަކު ތައްޔާރުވާން ފަށައިފި އެވެ. ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ބާރު ބޮޑުވާން ފަށައިފި އެވެ. ރަށްރަށަށް އަރާ ފުރައިގެން ދާން ތިބި މީހުންވެސް ފޮށިތަންމަތި ބަނދެ ރެޑީވަނީ އެވެ.

މިދޭތެރެއަކުން އޮތީ އީދު ޗުއްޓީއަށްވެސް ރާއްޖެއިން ބޭރަށް ދަތުރު ކުރި ޓްރެންޑެކެވެ. އެކަން ބަދަލުވެ، މިހާރު ދިވެހިންގެ ޗުއްޓީ ރާއްޖޭގެ ކޮންމެވެސް ރަށެއްގައި ނޫނީ ރިސޯޓެއްގައި ހޭދަކުރާ ޓްރެންޑެއް މިވަނީ އުފެދިފަ އެވެ. ރައްޓެހިންގެ ގާތަށް އެމީހުންގެ ރަށަށް ގޮސްލަން މިހާރު ފަސޭހަ އެވެ. ރަށު ފަތުރުވެރިކަމާއެކު ގެސްޓުހައުސްތައް ގިނަވެ، ރަށްރަށުގައި މަޑުކޮށްލާނެ ތަންތަން ގިނަ އެވެ.

މިއަހަރުގެ އަޟްހާ އީދަށް ވަގުތު ކުޑަތަންވަމުން އަންނައިރު ދިވެހިފަތުރުވެރިން ވަނީ ގިނަ ރަށްރަށުގެ ގެސްޓުހައުސްތައް ބުކްކޮށް ނިންމާލައިފަ އެވެ. މާލެ ކައިރި އަދި ދުރު ހިސާބުތަކުގެ ރިސޯޓުތަކަށްވެސް ބާރު ބޮޑެވެ. އެކަމަކު މިފަހަރު ބާރު ބޮޑުވެފައި ވަނީ ދިވެހި ފަތުރުވެރިންގެ ބުކިންތަކުން އެވެ.

ކ. މާފުށި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ގެސްޓުހައުސްގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ މާފުށީގައި ހިންގާ ގެސްޓުހައުސް އަކުން ބުނީ އިދު އައުމުގެ ދެ ހަފްތާ ކުރިން ދިވެހިން ރިޒަވޭޝަން ހަދަން ފަށާ ކަމަށެވެ. އާންމުކޮށް ތިނެއް ނޫނީ ހަތަރު ދުވަހު އާއިލާ ތަކާއި ރައްޓެހިންނާއެކު އައިސް މަޑުކުރާ ކަމަށް ބުންޏެވެ.

"މިހާރު މިއޮތީ 95 ޕަސެންޓަށްވުރެ ވެސް ފުލްކޮށް. އަދިވެސް މީހުން ގުޅާ ރިޒަވޭޝަން ހެދުމަށް،" އާންމުކޮށް ކުލަ ގަދަކޮށް އީދު ފާހަގަ ކުރާ މާފުށީގެ ގެސްޓްހައުސް އަކުން ބުންޏެވެ.

އއ ރަސްދޫގައި ހިންގާ ގެސްޓްހައުސްއަކުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ އީދާ ދިމާކޮށް ރަސްދޫގެ ގެސްޓުހައުސްތަކަށްވެސް ބާރު ބޮޑުވާ ކަމަށެވެ.

"މިހާރު މިއޮތީ ވަރަށް ފުލްކޮށް. އާންމުކޮށްވެސް އީދާ ދިމާކޮށް ވަރަށް ގިނަ ދިވެހިން އާދޭ. މިތާ ކައިރީ އޮންނަ ސޭންޑް ބޭންކަށް ކުރީ އީދުގައިވެސް ދުވާލަކު 200 އެއްހައި ދިވެހިން ދިޔަ. މިފަހަރު އެއަށްވުރެވެސް ގިނަވާނެ ކަމަށް މި ބަލަނީ،" ގެސްޓްހައުސްގެ އޮފިޝަލް ބުންޏެވެ.

ޓޫރިސްޓުންތަކެއް ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ: ގެސްޓް ހައުސް ވިޔަފާރީގައި ތޮއްޑޫއަކީ މަޝްހޫރު ރަށެއް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އއ ތޮއްޑޫގައި ގެސްޓުހައުސްއެއް ހިންގާ ފަރާތަކުން ބުނީ ކޮންމެ އީދަކާ ދިމާކޮށްވެސް ގިނައަދަދެއްގެ ދިވެހިން އެރަށަށް ދާކަމަށެވެ. އީދުފަދަ ބަންދުތަކުގެ އިތުރަށް ހަފްތާ ބަންދުތަކުގައުވެސް ގެސްޓުހައުސްތަކަށް ބާރުބޮޑުވާކަން އޭނާ ފާހަގަކުރިއެވެ.

"އާންމުކޮށް އީދަށް ހަފްތާއަކަށް ވާއިރު ފުލްވޭ ގެސްޓުުހައުސް. ދިގު ޗުއްޓީއެއް ވީމާ 3 ނޫނީ 4 ދުވަހަށް އަންނަނީ. އޮގަސްޓު 10 އިން 14 އަށް ފުލްކޮށް މިއުޅެނީ،"

ގިނަ ގެސްޓު ހައުސްތަކުން ވަނީ އީދާ ދިމާކޮށް ދިވެހިންނަށް ހާއްސަ ޕެކޭޖުތައްވެސް ތައާރަފުކޮށްފައެވެ.

ގެސްޓުހައުސްތަކަށް ދިވެހިންގެ ފަރާތުން ބޮޑު ޑިމާންޑެއް އޮންނައިރު، ބޭރުގެ ފަތުރުވެރިންނެކޭ އެއްގޮތަށް ދިވެހިންވެސް އޮންލައިންކޮށް ގެސްޓުހައުސްތައް ބުކް ކުރާ ކަން ގެސްޓު ހައުސް އެސޯސިއޭޝަނުން ފާހަގަ ކުރެއެވެ.

"ކުރީގައި ވާގޮތަކީ ރަށްރަށަށް މި ދަތުރު ކުރަނީ އެރަށެއްގައި ރައްޓެއްސެއް ހުރިނަމަ. އަނެއްކާ ރާއްޖޭގެ ރަށްރަށުގައި ހުންނަ ހާއްސަ ކަންތައްތަކާއި ރަށުގެ ރީތިކަން ދިވެހިންނަށް ހާއްސަކޮށްގެން މާކެޓެއްވެސް ނުކުރެވޭ. އޭރު އިންބައުންޑް ޓޫރިޒަމް އެއްގޮތަކަށްވެސް ނެތޭ ބުނެވިދާނެ. އެކަމަކު، ގެސްޓު ހައުސްތަކާއެކު އިންބައުންޑް ޓޫރިޒަމް މިދަނީ ފުޅާވަމުން. އެއްރަށުން އަނެއްރަށަށް ޗުއްޓީ ހޭދަކުރަންދާ މީހުންގެ އަދަދުވެސް މިދަނީ އިތުރުވަމުން،" އަހުމަދު ކަރަމް ވިދާޅުވިއެވެ.

ސަމާ އައިލެންޑް ރިސޯޓު -- ގެޓިން ސްޓޭމްޕްޑް

ޓްރެވަލް ކުންފުނި މޫދު ހޮލިޑޭސް އަކީ ހަފްތާ ބަންދަށް ހާއްސަކޮށް އަދި ޗުއްޓީތަކާ ދިމާކޮށް ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ވޯކް ޕާމިޓް ހޯލްޑަރުންނަށް ތަފާތު ޗުއްޓީ ޕެކޭޖުތައް ވިއްކާ ކުންފުންޏެކެވެ. މިފަހަރުގެ އީދާ ދިމާކޮށް ރިސޯޓު ދަތުރުތައް ހާއްސަ އަގެއްގައި ވިއްކާ މޫދު ހޮލިޑޭސް އިން ބުނީ އީދު ބަންދަށް ދިވެހިންގެ ގިނަ ބަޔަކު އެކުންފުނި މެދުވެރިކޮށް ރިސޯޓުތަކަށް ރިޒަވޭޝަން ހައްދަމުންދާ ކަމަށެވެ.

"މިފަހަރު މާލެއާ ދުރު ސަރަހައްދުތަކަށްވެސް ހުންނާނެ ހާއްސަ ޕެކޭޖުތައް ފްލައިޓާއެކު. ކޮންވީނިއަންޓް ވީމާ ގިނަ ބަޔަކު އެ ޕެކޭޖުތައް އެބަ ގަނޭ. ހުންނާނެ ދަރަވަންދޫ އަށްވެސް. މިފަހަރު އަޅުގަނޑުމެންގެ ޕެކޭޖުތައް ހުންނާނެ އާންމުކޮށް ދިވެހިން ގޮސްނޫޅޭ ރިސޯޓުތަކަށް ވަރަށް އަގުހެޔޮކޮށް. ހާއްސަކޮށް އާއިލާތަކަށް ހާއްސަ ރޭޓްތަކެއް،"

އެ ކުންފުނިން ޕެކޭޖު ވިއްކާ ޗައިލްޑް ފްރެންޑްލީ ޕެކޭޖުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް މޫދު ހޮލިޑޭސް އިން ބުންޏެވެ.

"އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރީމާ އެބަ ހަމަޖައްސައިދެން ކިތަންމެ ދުރަސް ރިސޯޓުތަކަށްވެސް ގެސްޓުހައުސްތަކަށްވެސް ޕެކޭޖުތައް،"

މާލެ ކައިރިން ގިނަ ބަޔަކު ޒިޔާރަތްކުރާ ސަމާ އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު މާރިޔާ ޝަރީފް ވިދާޅުވީ އެ ރިސޯޓުން އީދަށް ހާއްސަކޮށްގެން ވިއްކާ ޕެކޭޖަް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ.

"އާންމުކޮށްވެސް ވަރަށް ގިނަ ދިވެހިން މިކޮޅަށް އާދޭ އީދަށް. އީދާ ދިމާކޮށް ސަގާފީ ގިނަ ހަރަކާތްތައްވސް މިކޮޅުގައި ކުރިއަށް ގެންދަން. މިފަހަރުވެސް އޮންނާނެ ކުރުފަލި، މާލި، ބޮޑުމަސް ބޭނުން ފަދަ ކުޅިވަރުތައް،" މާރިޔާ ވިދާޅުވީ އެންމެ ފަހުންވެސް އީދާ ދިމާކޮށް 300 އެއްހައި ދިވެހިން އެ ރިސޯޓަށް ދިޔަ ކަމަށެވެ. މިފަހަރުވެސް އެއަދަދަށް ނޫނީ އެއަށްވުރެ ގިނަ ބަޔަކު ސަމާ އަށް ޗުއްޓީ އަށް ދާނެކަމަށް ލަފާކުރެވޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އީދަށް ދެތިން ދުވަހަށް ވެފައިވާއިރު، އީދު ޗުއްޓީ އޮތީ ކިހިނެއް ހެއްޔެވެ؟ އެއްވެސް ރަށަކަށް ދިޔުމަށް ޕްލޭނެއް އެބައޮތް ހެއްޔެވެ؟ ގެސްޓުހައުސްތައް ފުލްވަމުންދާއިރު އަވަހަށް ޕްލޭން ފައިނަލްކޮށްލާށެވެ.

comment ކޮމެންޓް