ރޭގަނޑު 12ގެ ފަހުން ކުރާ ދަތުރުތަކަށް 30 ރުފިޔާ ނެގިދާނެ

ޓެކްސީއެއް -- ސަން ފައިލް ފޮޓޯ

ރޭގަނޑު 12 ގެ ފަހުން ޓެކްސީތަކުން ކުރާ ދަތުރުތަކަށް 30 ރުފިޔާ ޗާޖު ކުރެވިދާނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފިއެވެ.

މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް އެކުލަވާލިއިރު، މީގެ ކުރިން ރޭގަނޑު 12 ގެ ފަހުން ކުރާ ދަތުރުތަކަށް 30 ރުފިޔާ ނަގަމުން އައި އައުން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް ޑްރައިވަރުންގެ ކަންބޮޑުވުންތަކާއެކު މިހާރު ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަނީ ރޭގަނޑު 12 އިން ހެނދުނު ހަޔަކާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށް ކަނޑައަޅައިފައެވެ. މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ކުރާ ދަތުރުތަކަށް ޗާޖު ކުރަނީ 25 ރުފިޔާ އެވެ.

އަލަށް އެކުލަވާލި އަގުތަކަށް ބަލާއިރުމާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރު ކުރެވޭނެ އެންމެ ބޮޑު އަގަކީ 75 ރުފިޔާ އެވެ. މާލެ އަދި ހުޅުމާލެ އިންވެސް ހުޅުލެއަށް ދަތުރުކުރެވޭނީ 60 ރުފިއާ އަށެވެ.

ޑްރައިވަރުންގެ ކަންބޮޑުވުމަކީ، ދާގީނާ އަރުވާއިރު މިހާރު އިތުރަށް ނަގާ ފަސް ރުފިޔާ ނެގުން އަލަށް އެކުލަވާލި އަގުތަކުގައި ހިމަނާފައި ނުވުމާއި ރޭގަނޑު 12ގެ ފަހުން 30 ރުފިޔާ އަށް ދަތުރުކުރި ކުރުން އުވާލުމެވެ. ނަމަވެސް ރޭގަނޑު ބާރައިގެ ފަހުން 30 ރުފިޔާ ޗާޖު ކުރެވިދާނެ ކަމަށް މިހާރު ވަނީ ކަނޑައަޅައިފައެވެ. ދާގީނާ އަށް ޗާޖުކުރުން ނިމުމަކަށް ގެނައުމަށް އާ އުސޫލަށް ގެނައި ބަދަލު އަލުން ބަދަލު ކޮށްފައެއް ނުވެއެވެ.

"މި ދިމާވަނީ އިދު ޗުއްޓީ އާ. މިހާރު ޑްރައިވަރުން ނިންމާފައި އޮތީ ޑިކީތައް ތަޅުލަން. ދާގީނާ ނުލާ ދަތުރުތައް 25 އަށް ކުރަން. ކުރިން ދާގީނާ އަރުވާނަމަ 30 ރުފިޔާ ޗާޖު ކުރިނަމަވެސް އާ އަގުތަކާއެކު އެބައި އޮތީ އުވާލާފާ. ދެން ރަށްރަށަށް ދާ މީހުން ފުރަން ދާއިރު ޕިކަޕަށް ދާގީނާ އަރުވަން ބުނަން ބައެއް ޓެކްސީތަކުން ވަނީ ނިންމާފައިި،" ޓެކްސީ ސެންޓަރަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އަލަށް އެކުލަވާލި އަގުތަކަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.

މީގެ އިތުރުން ޓެކްސީތައް ޓެކްސީ އެޕްލިކޭޝަނުގައި ރެޖިސްޓްރީ ކުރުމާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންވެސް މިއަދު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން ޓެކްސީ ހުއްދަ ދީފައިވާ ޓެކްސީތައް އެޕްލިކޭޝަނުގައި ރެޖިސްޓްރީކުރުން މަޖުބޫރު ނޫން ކަމަށް ކަނޑައަޅާފައިވާއިރު މިމަހުގެ އެކެއްގެ ފަހުން ހުއްދަ ދޭ ޓެކްސީތަކަކީ ޓެކްސީ އެޕްލިކޭޝަނެއްގައި ރެޖިސްޓްރީ ވެފައިވާ ޓެކްސީއަކަށް ވާންޖެހޭނެކަމަށް ވަނީ ކަނޑައަޅައިފައެވެ.

ރާއްޖޭގައި ޓެކްސީގެ ހިދުމަތް ދިނުމަށް ތިން އެޕްލިކޭޝަނަކަށް ވަނީ ހުއްދަ ދީފައެވެ. އެއީ އަވަސް ރައިޑް، ޕިކްމީ އަދި އެ އައީ އެވެ.

comment ކޮމެންޓް