އީޔޫގެ އިސް އޮފިޝަލަކު މަޖިލީހުގައި ތަގުރީރު ކުރައްވަނީ

ފްރެޑްރިކާ މުގުރީނީ--

ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ފްރެޑްރިކާ މުގުރީނީ މާދަމާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ފްރެޑްރިކާ މާދަމާ މަޖިލީހަށް ޒިޔާރަތް ކުރައްވާނެ ކަމަށާއި މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެކަމަނާގެ އަރިހުން އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

ފްރެޑްރިކާ ވަނީ އިޓަލީގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވައިފަ އެވެ. ނޭޓޯގެ އިޓަލީގެ ލީޑަރުކަމާއި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފްރެޑްރިކާ އަކީ އީޔޫގެ ކައުންސިލް މެންބަރު ކަންވެސް ކުރައްވާފައިވާ ބޭކަނބަލެކެވެ.

ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ގުޅުންތަކާއި ސަލާމަތީ ކަންތައް ބަލަހައްޓާ އެންމެ އިސްކޮށް ހުންނެވި ފްރެޑްރިކާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރައްވާނީ މަޖިލީހުގެ ޖަލްސާއެއްގައެއް ނޫނެވެ.

"އެހެން ނަމަވެސް ވީހާވެސް ގިނަ އިއްޒަތްތެރި މެންބަރުންނެއް އެ ބައްދަލުވުމަށް ވަޑައިގަތުމަކީ ވަރަށް ބޮޑު އެދުމެއް،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ފްރެޑްރިކާ މަޖިލީހުގައި ތަގުރީރު ކުރައްވާއިރު ރާއްޖޭގައި މަސައްކަތްކުރާ ޑިޕްލޮމޭޓުންނާއި ޔޫރަޕިއަން ޔޫނިއަންގެ ވިޔަފާރި ކުންފުނިތަކުގެ ވެރިންނާއި ރިސޯޓުތަކުގައި އުޅޭ ފަރާތްތަކާއި ކަމާބެހޭ އެހެން ފަރާތްތަކަށް މަޖިލީހަށް ދައުވަތު އަރުވާނޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ

comment ކޮމެންޓް