ފޮރިން މިނިސްޓްރީ ހިންގަ އިމާރަތް މަރާމާތު ކުރުމަށް، އެމިނިސްޓްރީ އިން ދެމުންދާ ހިދުމަތްތައް ވަގުތީގޮތުން އެހެން އިމާރާތަކަށް ބަދަލު ކުރަން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ފޮރިން މިނިސްޓްރީގެ އިމާރަތް މަރާމާތު ކުރުމުގެ މަސައްކަތް މި މަހުގެ 15 ގައި ފަށާނެ ކަމަށެވެ.
މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދާތީ ފޮރިން މިނިސްޓްރީގެ ހިދުމަތްތައް ވަގުތީގޮތުން އެމްޓީސީސީ ސޯމިލް ރިލޮކޭޝަން ބިލްޑިން (ހުޅުމާލެ ފެރީޓާމިނަލްގެ އިރުމަތީ ހުންނަ އިމާރާތް) އަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
އަދި ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ހިދުމަތްތައް ދޭނީ ސޯމިލް ބިލްޑިންގްގުން ކަމަށް ބުނެފައި ވެއެވެ.
މަސައްކަތް ވަގުތީގޮތުން ބަދަލުކުރާ ދުވަސްތަކުގައި މިނިސްޓްރީއިން ދެމުންގެންދާ ހިދުމަތްތަކުގައި ދިމާވެދާނެ ދަތިތަކަށް ފޮރިން މިނިސްޓްރީ އިން ވަނީ މައާފަށް އެދިފައެވެ.
ފޮރިން މިނިސްޓްރީގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޗައިނާގެ އެހީގައެވެ.
ޗައިނާގެ އެހީގައި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
މި އެއްބަސްވުމުގެ ދަށުން، ފޮރިން މިނިސްޓްރީގެ އިމާރާތް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރާނެއެވެ.
މި މަސައްކަތް ނިމުމުން، އެ މިނިސްޓްރީން ދިވެހިންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.