ޔާމީން ނުސީދާކޮށް މައުމޫނަށް: ރާއްޖެ އޮތް ހާލަތާމެދު ޒިންމާވާންޖެހޭނެ

ކުރީގެ ރައީސް ޔާމީން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖެ މިހާރު އޮތް ހާލަތާމެދު ޒިންމާވެލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅުން މިރޭ ކާނިވަލުގައި ބޭއްވި "ނުވިއެއްނު" އެއްވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރާއްޖެ ހަލާކުވެގެން މިދަނީ ރާއްޖޭގެ ހުރިހާކަމެއް އެންމެ މޮޅަށް އެނގޭކަމަށް ބުނާ ބޮޑުންނާހުރެ ކަމަށެވެ.

"މިހާރު އެބޭފުޅުންވެސް ތިއްބެވީ އެޖެންޑާ 19ގެ ތެރޭގައި، އެބޭފުޅުންނަށްވެސް ކުރެވޭނެ މާބޮޑުކަމެއް މިހާރު ނޯންނާނެ،" ރާއްޖޭގެ އިގްތިސޯދަށް ހީނަރުކަން އައިސްފައިވާ ކަމަށާއި އިގްތިސޯދީ ބޮޑު މަޝްރޫއެއްވެސް ސަރުކާރަށް ނުހިންގޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ރައްޔިތުން ހޭލުންތެރިވާންޖެހޭ ކަމެއް އެބައޮތް. ކޮންމެ އިރުވައި މޫސުމެއްގައި ދޮންދޫނި ނިކުންނަގޮތަށް ކޮންމެ އިންތިހާބަކާ ދިމާކޮށް ނިކުންނާނެ ސިޔާސީ ބޮޑުން. މިއީ ފާރަވެރިވާންޖެހޭ ބަޔެއް. މިއީ ނުރައްކާތެރި ބަޔެއް. މިއީ ގައުމު ފަސާދަ ކުރާ މީހުން. މި މީހުން ދައްކާ ވާހަކަ އަޑު ނާހަންވީ މިހާރު،" ކޮންމެ ފަހަރަކު ރާއްޖެ އަނދަވަޅަކަށް ވައްޓާލަނީ މި ބޮޑުންގެ ޓީމުން ކަމަށް ޔާމީން މިރޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

މި ސަރުކާރުން ކުރާ ކަމަކީ ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލުން ކަމަށާއި ރައްޔިތުންނަށް ހުވަފެންތަކެއް ދެއްކުން ނޫން ކަމެއް ސަރުކާރުން ނުކުރާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީންގެ ސަރުކާރަށްވުރެ ގިނަ ކަންތައް މި ސަރުކާރުން ކޮށްފައިވާކަމަށް ބުނެ އޮޅުވާލަމުންދާކަމަށްވެސް ޔާމީން މިއަދު ވިދާޅުވިއެވެ.

"އެބަބުނޭ އަޅުގަނޑުމެންގެ ސަރުކާރަށޤވުރެ ގިނަ ކަންތައް ކޮށްދެވިއްޖެ ކަމަށް. [އެކަމަކު] އިތުރުވީ ހަދާ ދޮގު. އިތުރީ ރައްޔިތުންނަށް ދައްކާ ހުވަފެން، އެއްވެސް ކަމެއް ވީއެއް ވެސް ނޫން،" މިހާރު އެނގުގެންދަނީ މި ސަރުކާރަށް އެއްވެސް ކަމެއް ނުވާނެކަން ކަމަށް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރަށް ތަރައްގީގެ މަޝްރޫއެއް ރާވަންވެސް ނޭނގޭކަމަށް ވިދާޅުވެ ޔާމީން ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ސަރުކާރުން ކުރާކަމަކީ ކުރީ ސަރުކާރުގެ ޑްރާފްޓުތައް ފެނޭތޯ ބެލުން ކަމަށާއި ކިތަންމެ ވަރަކަށް ބެލިޔަސް އެ ޑްރާފްޓުތައް ފެންނަން ނުހުންނާނެ ކަމަށް ކުރީގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ކުރަކަމަކީ ކުރީ ސަރުކާރުގެ ޕްލޭންތައް ތަންފީޒު ކުރަން ކަމަށާއި މި ސަރުކާރުން ކުރި ކަންތައް ކަމަށް ދައްކަން އިފްތިތާހު ކުރަނީ ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް ކަމަށް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް