އަބްދުﷲ ޝާހިދު ވަނީ މަޖިލީހުގައި އިތުރުފުޅު ހައްދަވާފައި: ސައީދު

މާވަށު ދާއިރާގެ މެންބަރު ސައީދު: މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު އިތުރުފުޅު ހެއްދެވި ކަމަށް ސައީދު ވަނީ ވިދާޅުވެފައި --- ފޮޓޯ: މަޖިލިސް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރެއްވުމުން ދެއްކެވި ވާހަކާގައި ހަގީގަތާ ހިލާފު ވާހަކަ ދައްކަވައި އިތުރުފުޅު ހައްދަވާފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފި އެވެ.

މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ މަޖިލީހަށް ހާޒިރުކޮށްފައި ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލަކާ ގުޅިގެންނެވެ. އަދި އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހަތަރު ގައުމަކަށް ދަތުރުކުރައްވައި، ތިން މަސް ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހޯއްދަވައިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިއީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީއާ އެއްވަރު އަދަދެއް ކަމަށެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ހިލޭ އެހީ ނުހޯއްދެވުނު ވާހަކައާއި ހޯއްދެވުނު ފައިސާގެ އަދަދު މަދު ކަމަށް ދޭހަވާ މޭރުމުން މިނިސްޓަރު ޝާހިދު ދައްކަވާފައި ވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު މޭޖާ އެކްޓިވް އެކްސްޓާނަލް ގްރޭންޓްގެ ގޮތުގައި 222 މިލިއަން އެމެރެކީ ޑޮލަރު ލިބިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ހަމައެކަނި ކުނި މެނޭޖްކޮށް ތިމާވެއްޓާ ގުޅުން ހުރި މަޝްރޫއުތަކަށް ވެސް ރައީސް ޔާމީންގެ ސަރުކާރުން 146 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ހޯދިފައިވާ ކަން ސައީދު ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ފޮރިން މިނިސްޓަރު މިއަދު މަޖިލީހުގެ ތަޅުމުގައި އެ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އެވަނީ އިތުރުފުޅު ހައްދަވާފައި. އެއީ ކޮށްގެން ވާނެ ކަމެއް ނޫން. އެއީ ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް،" ސައީދު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކުރެވޭ ދައުލަތުގެ ވުޒާރާތަކައި ބައެއް މުއައްސަސާތަކުގެ ބޭފުޅުން މައުލޫމާތު ދެއްވުމުގައި އިތުރުފުޅު ހައްދަވާ ނަމަ ދައުވާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ކުށެއް ކަން ހަނދާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ދެން އެފަދަ އަމަލެއް ހިންގާ ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ތަހުގީގުކޮށް، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދެއްވި ކަމަށް ބުނެ އެ ކޮމެޓީގެ މުގައްރިރު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

comment ކޮމެންޓް