ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން އަންނަ އަހަރުގެ ބަޖެޓުގައި

ބ. ފެހެންދޫ އާއި ގޮއިދޫ ކޯޒްވޭއަކުން ގޫޅާލަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ފެހެންދޫއަށް ވަނީ ރަސްމީ ދަތުރެއްގައި ފެހެންދޫއަށް ވަޑައިގެންފައެވެ. އެ ދަތުރުގައި ފެހެންދޫ ކައުންސިލްގެ މެމްބަރުންނާވެސް ރައީސް ވަނި ބައްދަލުކުރައްވައިފައެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ބައްދަލުވުމުގައި ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން އަންނަ އަހަރު ބަޖެޓުގައި ހިމަނާނެކަމަށް ރައީސް ވައިދުވެވަޑައިގެންނެވި ކަމަށެވެ.

" ފެހެންދޫގައި ނަރުދަމާއާއި އަދި މިސްކިތެއް އެޅުމަށްވެސް އަންނަ އަހަރު ބަޖެޓުގައި ހިމަނާނެކަމަށް ވައުދުވެވަޑައިގެންނެވި." މޫސާ ވިދާޅުވިއެވެ.

ފެހެންދޫ އާއި ގޮއިދޫއަކީ އެއް ފަޅެއްގައި އޮންނަ ދެ ރަށެވެ.

"ގިނަ ރައްޔިތުން ވެސް ބޭނުންވޭ އެގޮތަށް. ހަމަ އެހެން އެބަތިބި ބައެއް ރައްޔިތުން އެގޮތަށް ބޭނުންނުވާ ވެސް. ގޮއިދޫއާ ކޯޒްވޭއަކުން ގުޅާލަންޏާ އިންނާނެ މޭލެއް ހާ ސަރަހައްދު. މިހާރު ޑިންގީއެއްގައި ދެވޭނީ ހަތް ވަރަކަށް މިނެޓުން." މޫސާ ވިދާޅުވިއެވެ.

ފެހެންދޫގައި މިވަގުތު ދިރިއުޅެމުން ދަނީ 150 މީހުންނެވެ.

ފެހެންދޫ އާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން އެދުނުއިރު އެރަށުގެ އާބާދީ ކުޑަކަމުން މިހާރު އެރަށު ސްކޫލުގައި ކިޔަވައެއް ވެސް ނުދެ އެވެ. އަދި އެ ރަށުގެ ކިޔަވާ ކުދިން ކިޔަވަން ދަނީ ޑިންގީއެއްގައި ގޮއިދޫ އަށެވެ،

ފެހެންދޫ ކުދިން އެ އަތޮޅު ގޮއިދޫ ސުކޫލަށް ކިޔަވަން ދިޔުމަށް ބޭނުން ކުރާނެ ރަނގަޅު ފެންވަރުގެ އުޅަނދެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ.

މި އަހަރުގެ ކުރީކޮޅު، އިންޑިއާގެ އޭރުގެ ފޮރިން މިނިސްޓަރު ސުޝްމާ ސުވަރާޖް ރާއްޖެ ވަޑައިގެންނެވި އިރު، ރާއްޖޭގައި އިޖުތިމާއީ ތަރައްގީއަށް ބޭނުންކުރުމަށް 106 މިލިއަން ރުފިޔާ (6.9 މިލިއަން ޑޮލަރު)ގެ ހިލޭ އެހީ ދިނުމަށް ނިންމި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ގޮއިދޫގައި ކިޔަވާ އެ އަތޮޅު ފެހެންދޫގެ ދަރިވަރުން، ދެ ރަށް ދޭތެރޭގައި ދަތުރުކުރުމަށް ފެންވަރު ރަނގަޅު ފެރީއެއް ހޯދުމަށް އެ ފައިސާގެ ތެރެއިން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

comment ކޮމެންޓް