ސާފް ޗެމްޕިއަންޝިޕްގެ ބަދަލުގައި ޒުވާން ޓީމު ގަތަރުގެ މުބާރާތަކަށް

ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން --- ފޮޓޯ// އެފްއޭއެމް

އިންޑިއާގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ދޫކޮށް ރާއްޖޭގެ ޒުވާން ގައުމީ ޓީމު ބައިވެރިވާނީ ގަތަރުގައި އޮންނަ މުބާރާތެއް ކަމަށްވާ އިންޓާނޭޝަނަލް ފޯ ނޭޝަންސް ކަޕުގައި ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.

އަންނަ މަހުގެ 21 އިން 31 އަށް އިންޑިއާގެ ކަލްޔާނީގައި ކުޅުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ސަރަހައްދީ މުބާރާތް ދޫކޮށްލަން އެފްއޭއެމްއިން ނިންމާފައިވާ އިރު އެ މުބާރާތުގެ ބަދަލުގައި ރާއްޖޭގެ 16 އަހަރުން ދަށުގެ ޒުވާން ޓީމު ބައިވެރިވާނީ ހަމަ އެ ދުވަސްވަރު ގަތަރުގައި ބާއްވާ މުބާރާތުގަ އެވެ. އެހެން ކަމުން ރާއްޖެއާ ނުލައި މިފަހަރުގެ 15 އަހަރުން ދަށުގެ ސާފުގައި ބައިވެރިވާނީ ބޫޓާން، އިންޑިއާގެ އިތުރުން ނޭޕާލާއި ސްރީލަންކާ އަދި އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއެވެ.

ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ބޫޓާން ކޮޅަށް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// އެފްއޭއެމް

ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ އެ މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާ ޓީމުތައް އަދި ނޭންގޭ އިރު، އެ މުބާރާތުގައި ރާއްޖެއިން ބައިވެރިވާން ނިންމީ ސާފް މުބާރާތައް ވުރެން އެ މުބާރާތުގައި ބައިވެރިވާ އޭޝިއާގެ ޓީމުތަކަށް ވުރެން ވަރުގަދަ ޓީމުތައް ގަތަރުގައި އޮންނަ މުބާރާތުގައި ބައިވެރިވާތީ ކަމަށް އެފްއޭއެމުން ބުނެ އެވެ. އެ އިދާރާއިން ބުނީ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުންތެރިންނަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ޒުވާން ޓީމުން މިފަހަރުގެ ސާފުގައި ބައިވެރިވާން މީގެ ކުރިން ނިންމައި ފަރިތަކުރުންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ގަތަރުގެ މުބާރާތައި ސާފް ޗެމްޕިއަންޝިޕު އެއްދުވަސްވަރެއްގައި އޮތުމުން އެ ދެ މުބާރާތުގެ ތެރެއިން ގައުމީ ޓީމަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ މުބާރާތަކީ ގަތަރު މުބާރާތް ކަަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

ގައުމީ 15 އަހަރުން ދަށުގެ ޓީމުން އައްޑޫ ސިޓީގައި ދާދިފަހުން ނިމިގެންދިޔަ ޔޫއެފާ އެސިސްޓް މުބާރާތުގައި ވާދަކޮށްފައިވާއިރު، އެ މުބާރާތުގައި ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. އެ މުބާރާތުގައި ރާއްޖެ ކޮޅަށް 15 ގޯލު ވަދެފައިވާ އިރު މުޅި މުބާރާތުގައި ވެސް ރާއްޖެއަށް ޖެހުނީ އެންމެ ގޯލެކެވެ.

އެ މުބާރާތުގައި ވެސް ރާއްޖޭގެ ކޯޗަކީ އިބްރާހިމް ހަލީމް (ޖަޑާ) އެވެ. މިދިޔަ ޑިސެމްބަރު މަހު ތައިލެންޑުގައި އޮތް ޔުއެފާ އެސިސްޓް މުބާރާތުގައި ވެސް ޖަޑާގެ ކޯޗުކަމުގައި ރާއްޖެ ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން ސައިޕްރަސް، ބަންގްލަދޭޝް އަދި ތައިލެންޑް އަތުން ބަލިވެފަ އެވެ.

ޖަޑާ މީގެ ކުރިން ބުނީ މި މުބާރާތަކީ ތަޖުރިބާ ހޯދުމުގެ މުބާރާތެއް ކަމަށެވެ. ކުރިއަށް އޮތް ގަތަރު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ގައުމުތަކާ ކުޅެ ރާއްޖެއަށް ތަޖުރިބާ ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ކޯޗު ބުންޏެވެ.

comment ކޮމެންޓް