ސަސްޕެންޑް ކުރި ކުޅުންތެރިންނަށް ނަސޭހަތްދީ އަނބުރާ ދަނޑަށް

ސަސްޕެންޑް ކުރި ޒުވާން ގައުމީ ޓީމްގެ ކުޅުންތެރިންނާއި އެފްއޭއެމްގެ ރައީސް ބައްސާމް ބައްދަލު ކުރައްވަނީ --- ފޮޓޯ: އެފްއޭއެމް

ވީޑިއޯއަކާ ގުޅިގެން ސަސްޕެންޑް ކުރި 15 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކުޅުންތެރިންނާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައްދަލުކޮށް ސަސްޕެންޝަން އުވާލައިފި އެވެ.

ބައްސާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖެހުނު މައްސަލައާ ގުޅިގެން 15 އަހަރުން ދަށުގެ ގައުމީ ޓީމްގެ އެ ކުންތެރިންނާ ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށާއި އެފަދަ ކަމެއް ދެން އެ ކުޅުންތެރިން ތަކުރާރު ނުކުރާނެ ކަމަށެވެ.

"އައްޑޫއިން ޓީމް އައުމާ އެކު އެ ކުޅުންތެރިން (ސަސްޕެންޑް ކުރި) ތަމްރީންތައް އަލުން ފަށާނެ. އިރާދަކުރެއްވިއްޔާ ދެން އެ ކުޅުންތެރިން އެފަދަ ކުށެއް ތަކުރާރެއް ނުކުރާނެ،" ބައްސާމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ވީޑިއޯއާ ގުޅިގެން އެފްއޭއެމް އިން އޭރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ބެލުމުން، އެއީ މިހާރު އައްޑޫ ސިޓީގައި ކުރިއަށްދާ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ކޮށްފައިވާ ކަމެއް ނޫންކަމަށާއި، އެއީ މިދިޔަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ މުބާރާތެއްގައި ހިނގި ކަމެއްކަން އެނގިފައިވާ ކަމަށެވެ.

ނަމަވެސް ވީޑިއޯގައި ހިމެނޭ ބައެއް ކުދިން އައްޑޫގައި ކުރިއަށްދާ މުބާރާތަށް ނެގި ޓީމުގައި ވެސް ހިމެނޭ ކަމަށާއި، އެހެންކަމުން އެކުދިންނާ މެދު ޑިސިޕްލިނަރީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

ވީޑިއޯއާ ގުޅިގެން އެކުދިން ވަނީ ޓީމުން ވަކިކޮށް މާލެ ގެނެސްފައެވެ. އަދި ކުޅުންތެރިންގެ ކަންކަން ގާތުން ބަލައި އިތުރަށް ފަރުވާތެރި ވުމަށް ޓީމުގެ އޮފިޝަލުންނަށް ވެސް ނަސޭހަތް ދީފައި ވާނެ ކަމަށް އެފްއޭއެމުން ބުންޏެވެ.

comment ކޮމެންޓް