ސައުދީ އަތުން ވެސް ބަލިވެ ރާއްޖެގެ ޒުވާން ޓީމުގެ އުންމީދުތައް ފެނަށް!

ޔޫއެފާއާއި އެފްއޭއެމް ގުޅިގެން އައްޑޫގައި ބާއްވަމުން އަންނަ މުބާރާތުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާ އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ޔުއެފާއާއި ފޫޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން އައްޑޫގައި މިހާރު ކުޅެމުން އަންނަ 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މެޗުގައި އިއްޔެ ސައުދީ އަރަބިއްޔާ އަތުން ބަލިވެ ރާއްޖޭގެ ޒުވާން ޓީމު ކަޓައިފި އެވެ.

ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު އެ މެޗުން ސައުދީ ކުރި ހޯދީ 0-6ގެ ބޮޑު ނަތީޖާ އަކުންނެވެ. ފަހުގެ ތާރީޙެއްގައި އުމުރުފުރާ ކެޓަގަރީއަކަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ މި ފުޓުބޯޅަ މުބާރާތުގައި ޖުމުލަ ހަތަރު ގައުމަކުން ވާދަ ކުރާއިރު ލަދުވެތި ގޮތަކަށް އަމިއްލަ ފަސްގަނޑުން ރާއްޖެ ކެޓުމަކީ ހައިރާންވާން ޖެހޭ ވަރު ކަމެއް ނޫނެވެ.

ޔޫއެފާއާއި އެފްއޭއެމް ގުޅިގެން އައްޑޫގައި ބާއްވަމުން އަންނަ މުބާރާތުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާ އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ރާއްޖޭގެ ސީނިއާ ފުޓުބޯޅަ ޓީމު ވެސް މިހާރު މޮރިޝަސްގައި ކުރިއަށްދާ އައިއޯއައިޖީގެ ފުޓުބޯޅަ ކެޓަގަރީން ވަނީ އެއްވެސް ޕޮއިންޓެއް ނުލިބި ކަޓައިފަ އެވެ. އެ މުބާރާތުގައި ކުޅުނު ތިން މެޗަކުން ބައިކޮޅަށް 10 ގޯލު ރާއްޖެ ކޮޅަށް ވަނެވެ. ނަމަވެސް ރާއްޖެއަށް މުޅި މުބާރާތުގައި ވެސް ޖެހުނީ އެންމެ ގޯލެކެވެ. ކޯޗު ބުނީ ކުޅުންތެރިން ޖެހިލުންވަނީ ކަމަށެވެ.

ނިސްބަތުން ރާއްޖެއަށް ވުރެން މާ ކުރީގައި އޮތް ސައުދީ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ބަލިވި ނަމަވެސް އިއްޔެގެ މެޗުގައި އެ ޓީމުން ވަނީ ރާއްޖެ ކޮޅަށް "ގޯލު ފުންޏެއް" ޖަހައިފަ އެވެ. މި ނަތީޖާއާ އެކު މުބާރާތުގައި އޮތް އެންމެ ވަރުގަދަ ޓީމު ކަމަށްވާ ލެޓްވިއާއާ ދެކޮޅަށް ރާއްޖެއިން ވާދަ ކުރާނެ މެޗުގެ ނަތީޖާ އަންދާޒާ ކުރަން ވެސް އުނދަގުލެވެ. ހިތަށް އަންނަނީ ބޮޑެތި ބޮޑެތި އަދަދުތަކެކެވެ.

ނަމަވެސް ރާއްޖޭގެ ގައުމީ ޓީމު ކަމަށްވާތީ އަބަދުވެސް ކުރެވޭ އުންމީދެއް އޮވެ އެވެ. މީގެ ކުރިން ދިވެހި ޓީމުން ބޮޑެތި ގައުމުތައް ކައިރިން ރަނގަޅު ނަތީޖާތަކެއް ނެރެފައި އެބަހުއްޓެވެ. އެކަމަކު މިހާރު ޓީމު އޮތް ހާލަތަށް ބަލައި އެފަދަ އާދަޔާ ޙިލާފު ކަމެއް ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ، ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންތަކެއް ހިމެނޭ ވީޑިއޯއާ ގުޅިގެން އެ ޓީމުގެ ބައެއް ކުޅުންތެރިންނާ މެދު އެފްއޭއެމުން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެ ވީޑިއޯގައި ހިމެނޭ ކުޅުންތެރިންތައް ވަނީ ޓީމުން ބޭރުކޮށް މާލެ ފޮނުވާލައިފައި ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އިއްޔެގެ މެޗުގައި ސައުދީއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ހަ ގޯލު ރާއްޖެ ކޮޅަށް ޖަހައިފަ އެވެ. ފުލުފުލުގައި ސައުދީއިން ގޯލުތައް ފޮނުވާލި އިރު ރާއްޖޭގެ ޑިފެންސަށް އޮބި އޮންނަވަރެއް ވެސް ނޫނެވެ. ދެވަނަ ހާފުގައި ރާއްޖޭގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ފަހަތަށް ފައިބައިގެން ސައުދީއަށް ގޯލެއް ޖެހުނަ ނުދީ ހިފެހެއްޓި ނަމަވެސް މުޅި މެޗުގައި ވެސް ރާއްޖެއިން ސައުދީގެ ގޯލަށް ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެ އެވެ.

މި ފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ ކޯޗަކީ އިބްރާހިމް ހަލީމް (ޖަޑާ) އެވެ. މިދިޔަ ޑިސެމްބަރު މަހު ތައިލެންޑުގައި އޮތް ޔުއެފާ އެސިސްޓް މުބާރާތުގައި ވެސް ޖަޑާގެ ކޯޗުކަމުގައި ރާއްޖެ ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން ސައިޕްރަސް، ބަންގްލަދޭޝް އަދި ތައިލެންޑް އަތުން ބަލިވެފަ އެވެ.

ޖަޑާ އިއްޔެގެ މެޗުގެ ކުރިން ބުނީ މި މުބާރާތަކީ ތަޖުރިބާ ހޯދުމުގެ މުބާރާތެއް ކަމަށެވެ. ކުރިއަށް އޮތް އޭއެފްސީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ގައުމުތަކާ ކުޅެ ރާއްޖެއަށް ތަޖުރިބާ ލިބޭނެ ކަމަށް ކޯޗު އުންމީދު ކުރި ނަމަވެސް މިފެންނަނީ އެހެން މަންޒަރެކެވެ.

comment ކޮމެންޓް