މިނިވަން ދުވަހާ ގުޅިގެން މާލޭގައި ކުރިން ބާއްވަމުން ދިޔަ ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަނެއްކާ ވެސް ފަށަން ނިންމައިފި އެވެ.
މީގެ ކުރިން ހުއްޓާލާފައި އޮތުމަށް ފަހު، އެ އީދު 2016 ވަނަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ވެސް މިއުޒިކީ އީދު ބޭއްވި އެވެ.
ހެރިޓޭޖް މިނިސްޓްރީގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް 'ސަން' އަށް ވިދާޅުވީ މިއުޒިކީ އީދު މިމަހުގެ 27 އަދި 28 ވަނަ ދުވަހު އަލިމަސް ކާނިވަލުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިފަހަރުގެ މިއުޒިކީ އީދު ބާއްވަނީ ގިނަ ބޭންޑްތަކަކަށް ބައިވެރިވުމުގެ ފުރުސަތު ދީގެން ކަމަށް ނާއިލް ވިދާޅުވި އެވެ.
"ތޭރަ ބޭންޑެއް ޕާފޯމް ކުރާނެ މިއުޒިކީ އީދުގައި. ދެރެއަށް ބަހާލައިގެން ކުރިއަށް ގެންދާނީ. އާންމުންނަށް ހުޅުވާލައިގެން ކާނިވާ ސަރަހައްދުގައި އޮންނާނީ." ނާއިލް ވިދާޅުވި އެވެ.
މިފަހަރުގެ މިނިވަން ދުވަހާ ގުޅިގެން ފުޅަނދުބުރު ބޭއްވުމާއި ސުކޫލު ކުދިންގެ ޕެރޭޑް އަދި ސުކޫލު ކުދިންގެ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފަ އެވެ.
މިއަހަރު ފާހަގަ ކުރަނީ 54 ވަނަ މިނިވަން ދުވަހެވެ.