ފަނޑިޔާރުގެ ތައްޚާނުގެ ދޮންމަނިކު: ފިސްތޯލަ ގެންގުޅުއްވި ނުފޫޒުގަދަ ޝަހުސިއްޔަތު

އެޅެހިށިގޭގައި ދޮންމަނިކު އިންދެވި ޏަމްޏަމް ގަހެއްގައި އަޅައިފައިވާ ޏަމްޏަމް -- ސަން ފޮޓޯ

ފަނޑިޔާރު ތައްޚާނުގެ ދޮން މަނިކުއޭ ބުނީމާ އެއީ ކާކު ކަން އެނގޭނީ މިހާރު ވަރަށް މަދު މީހަކަށް ކަމަށް ވެދާނެ އެވެ. އައްޑޫމީދުއަށް އުފަން، އަދި ފަހުން ހުޅުދޫގައި ދިރިއުޅުއްވި ދޮން މަނިކަކީ އައްޑޫގެ އިތުރުން މުޅި ރާއްޖެއަށް ބަލާއިރު ވެސް ވަރަށް ވެސް ހާއްސަ ޝަހުސިއްޔަތެކެވެ.

ދޮން މަނިކުގެ އަސްލު ނަމަކީ އިބްރާހީމް މަނިކު އެވެ. އަމިއްލަފުޅު ލިޔުއްވުންތަކުގައި ނަން ޖައްސަވައިފައި ހުންނަނީ "އިބްރާހީމް ބްނު ބަހާއުއްދީން" މި ގޮތަށެވެ. އައްޝައިޚް އިބްރާހީމް ބްނު ބަހާއުއްދީން ނުވަތަ އިސްމާޢީލު ފަނޑިޔާރު ތަކުރުފާނުގެ ދޮން މަނިކުގެ ބައްޕައަކީ މީދޫ އެދުރުގޭ އަލްފަޤީހް މޫސާ އެދުރު ތަކުރުފާނުގެ ދަރިކަލުން އަލްޤާޟީ އިބްރާހީމް މަޖްދުއްދީނުގެ ދަރިކަލުން މީދޫ ދެށެނާގޭ އަލްޤާޟީ އިސްމާޢީލު ބަހާއުއްދީނެވެ. ދޮން މަނިކުގެ ކާފައާއި ބައްޕަ ވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު އަދާ ކުރައްވައިފަ އެވެ. ދޮންމަނިކަށް ވެސް އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ހުށަހެޅުނެވެ. އެހެންނަމަވެސް އޭނާ އިސްކަން ދެއްވީ ރަށުގައި ދިރިއުޅުއްވުމަށެވެ. ދޮންމަނިކުގެ މަންމައަކީ މީދޫ ދޮންއާބުގޭ ފާޠިމާފާނެވެ.

ދޮންމަނިކުގެ ނަސަބު ދެ ފަރާތުންމެ ގުޅެނީ މީދޫ ކޯގަންނު މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވާ އަލްފަޤީހް އަލްހާފިޡް ޔޫސުފް ބްނު ޢީސާ ބްނު ޞޫރު ބްނު ސުލައިމާން ޤާދިރުގެ ދަރިކޮޅުން ވަޑައިގަތް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން (ބޮޑުފަނޑިޔާރު ތަކުރުފާނު) އާ އެވެ. އެހެނީ ދޮންމަނިކުގެ ބައްޕައަކީ ޝަމްސުއްދީން ބޮޑު ފަނޑިޔާރުތަކުރުފާނުގެ ދަރިކަލުން އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ ދަރިކަލުން އަލްވަޒީރުލްކަބީރު މުޙައްމަދު ބޮޑުފުތްތަކުރުފާނުގެ ދަރިކަލުން އައްނާއިބު އިބްރާހީމް ތަކުރުފާނުގެ ދަރިކަނބަލުން ފާޠިމާފާނުގެ އިބްރާހީމްތަކުރުފާނުގެ އާމިނާފާނުގެ ފާޠިމާފާނުގެ ދަރިކަލުން އަލްޤާޟީ އިބްރާހީމް މަޖްދުއްދީނުގެ ދަރިކަލުން އަލްޤާޟީ އިސްމާޢީލު ބަހާއުއްދީނެވެ.

ތައުލީމުޔާފްތާ އާއިލާއަކަށް ހިޖުރައިން 1281 ވަނަ އަހަރުގެ ޞަފަރު މަހުން 11 ވީ ބުރާސްފަތި ދުވަހު އުފަންވެވަޑައިގަތް ދޮންމަނިކަކީ ތަފާތު އެތައް ރޮނގަކުން ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތެކެވެ. ދޮންމަނިކު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އައްޑޫމީދޫ ދެށެނާގޭގަ އެވެ. ތުއްޕުޅުއިރު ދިރިއުޅުއްވީ މީދޫ ދޮންމަނިކުގެއޭ ކިޔާ ގޭގަ އެވެ.

ދޮންމަނިކަކީ ދުނިޔޭގެ ވަރަށް ގިނަ ތަންތަނަށް ދަތުރު ކުރައްވައި އެ ތަންތަނުގެ މީހުންގެ ދިރިއުޅުން ހުންނަ ގޮތް ދަސްކުރައްވައިގެން ހުންނެވި ހޭލުންތެރިއެކެވެ. އޭނާ ވަނީ ތުރުކީއާއި ސްޕެއިނާއި ޖިބްރޯލްޓާއާއި މޮރޮކޯއާއި މިސްރާއި ލުބްނާނާއި ސޫރިޔާއާއި ހިޖާޒާއި އިރާގާއި އީރާނާއި އަފްޣާނިސްތާނާއި ހިންދުސްތާނާއި ސިލޯނުގެ އިތުރުން ސިޔާމަށާއި އަސޭއަށް ވަޑައިގެންފަ އެވެ. އަދި އޭނާއަކީ ވަރަށް ގިނަ ތަންތަނުގެ އިސް ގަދަރުވެރީންނާއި އިލްމުވެރީންނާ އެކުވެރިކަން އޮތް ބޭފުޅެކެވެ. މި ގޮތުން އަފްޣާނިސްތާނުގެ އޭރުގެ ރަސްގެފާނުގެ މެހުމާންދާރީގައި އެ ރަސްގެފާނުގެ އަރިހުގައި ދޮންމަނިކު ހުންނެވި ހުންނެވުމާއި ހައިދަރުއާބާދުގެ ނިޒާމުންނާ ދެމެދު އޮތް ރަހުމަތްތެރިކަން ފާހަގަ ކޮށްލެވެ އެވެ. މައްކާގެ ހަރަމްފުޅުގެ އިމާމާ ވެސް ސިޓީބިޓީ ބަދަލު ކުރައްވައި ރަހުމަތްތެރިކަން ދެމެހެއްޓެވި އެވެ.

ދޮން މަނިކަކީ އަރަބި ބަހުގެ އިލްމުުވެރިއެކެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ އެދުރެކެވެ. ފިގުހު އިލްމާއި ތަފްސީރު އިލްމާއި ހަދީސް އިލްމަށް އަރައި ހުންނެވި އިލްމުވެރިއެކެވެ. ހިސާބު އިލްމުގެ އުސްތާޒެކެވެ. ޔޫނާނީ ބޭސްވެރިކަމަށް އަރައިހުންނެވި ހަކީމެކެވެ. ކިއްސަރު ވަޑާމާއި ތެދުއި ވަޑާން ކުރެއްވި މާވަޑިއެކެވެ. ރަންރިހީގެ މަސައްކަތް ކުރެއްވި ތިލޭރެކެވެ. ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ރަނގަޅަށް ދެނެވަޑައިގެން ހުންނެވި، އެ ކަމުގެ މާހިރެކެވެ. ނިޔަމިކަމަށް އަރައިހުންނެވި މާލިމީއެކެވެ. ވިޔަފާރިވެރިއެކެވެ. ރަނާއި ޖަވާހިރުގެ ވިޔަފާރިއާއި މާވަހަރުގެ ވިޔަފާރި ކުރެއްވި އެވެ.

މާމެލާމެލީން އަރަގު ނަންގަވައި ދޮންމަނިކު އަމިއްލަފުޅަށް އަތަރު އުފެއްދެވިއެވެ. އަޅިއާއި މާފެނާއި ލުނބޯ އަދި ކާށިތެޔޮ ބޭނުން ކުރައްވައިގެން އެކި ކުލަކުލައިގެ އެކި ވަސްދުވާ ސައިބޯނި އުފައްދަވައި ވިއްކެވި އެވެ.

ދޮންމަނިކަކީ ރަށުގައި ދަނޑުވެރިކަން ކޮށް އުޅޭ ގޮތާ ތަފާތު އީޖާދީ ބަދަލުތަކެއް ގެންނެވި ހުނަރުވެރިއެކެވެ. ކުރީން އައްޑޫގައި ނަހައްދާ ބާވަތުގެ ގަސްގަހާގެހި ބޭރުން ގެންނަވައި ތައާރަފް ކުރެއްވި އެވެ. މި ގޮތުން ޏަމްޏަމާއި އަނބިހި، ވިލާތު ކުންނާރާއި ކާމަރަނގައާއި ހެލެނބެލި، ގޯނބިލި، އަދި އަތައިގެ ތަފާތު އެތައް ބާވަތެއް ތާރަފު ކުރެއްވިއެވެ. ހަމައެހެންމެ ކާފޫރުތޮޅިއާއި ކަރަންފުލާއި އަރޮޅިއާއި ބުރޮޅި ގަސް ވެސް ތައާރަފު ކުރެއްވިއެވެ. މީގެ އިތުރުން ޖަނބުރޯލާއި ޖަންބާއި ފިނިފެން ޖަންބާއި، އަނބާއި ސައްކޭލާއި އެވަކާޑޯ ގަސް ވެސް ތައާރަފު ކުރެއްވިއެވެ. އަދި ގެރިގުޔާއި ކާދު ބޭނުން ކުރައްވައިގެން ގަސްކާނާ އުފެއްދެވިއެވެ.

އެޅެހިށިގޭ ގޯތިތެރެ --

އަމިއްލަފުޅަށް އެޅެހިށިގޭގައި ފުރެއްދެ ލޮނު އުފެއްދެވޭތޯ ވެސް މަސައްކަތް ކުރެއްވިއެވެ. މި ގޮތުން އެޅެހިށިގޭގައި ތަނެއް ހައްދަވައި އެ ތަނަށް މޫދުން ލޮނު ގެންނަވައިގެން ފުއްލޮނު ހެއްދެވޭތޯ ކުރެއްވި މަސައްކަތުން އޭނާ ގެންގުޅުއްވި ސިނާއީ ވިސްނުންފުޅުގެ ހަރުދަނާކަން ވަޒަން ކުރެވެއެވެ. ފުއްލޮނު އުފައްދަވާން ވެގެން ބޭނުން ކުރެއްވި ބިލިގާ ދާދި ފަހަކާ ޖެހޭން ދެން ވެސް ހުއްޓެވެ.

މޮޅަށް އަދި މީރުކޮށް ކެއްކެވުމުގެ ހުނަރަކީ ވެސް ދޮންމަނިކަށް ލިބިވަޑައިގެންފައިވާ ތަފާތު ހުނަރުތަކުގެ ތެރެއިން އެއް ހުނަރެވެ. މަޝްހޫރު އައްޑޫ ހަވާދަކީ ވެސް ދޮންމަނިކުގެ އަމިއްލަފުޅު ރެސެޕީއެކެވެ. ކުކުޅު ރިހައާއި، ހިންދުސްތާނު ރިހައާއި، ދީނާރުފޮޅިއާއި، އިޑިއްޕަން، ރަވާ ފަދަ ބާވަތްތައް ތައްޔާރު ކުރާނެ ގޮތް އަނބިކަނބަލުންނަށް ދަސްކޮށް ދެއްވަނީ ޚުދު ދޮންމަނިކު އަމިއްލަފުޅަށެވެ. ކެއްކުމަށް ބޭނުން ކުރެއްވީ ކަރާސީނު ބައްތި އުނދުނެކެވެ. މަޝްހޫރު އައްޑޫ ކުދި ކޭކަކީ ވެސް ދޮންމަނިކު ތައާރަފު ކޮށްދެއްވި ރެސެޕީއެކެވެ.

ދޮންމަނިކުގެ ފަރީއްކޮޅު ހުންނަ ގޮތަށް ބަލާއިރު، ދޮންމަނިކުގެ ދެ ކަނބަލުން ފަތިސްނަމާދުން ވަޑައިގެން ފުރަތަމަ ހިއްޕަވަނީ ތާޒާ ކިރުގެ ކިރު ތަށްޓެކެވެ. މި ކިރު ފެލުމަށް ބޭނުންވާ ގެރިބަކަރި އެޅެހިށިގޭގައި ގެންގުޅުއްވައެވެ. މި ތަކެތީގެ ކިރުން ދަހީ (ކަރޑް/ޔޯގަޓް) އާއި ޕަނީރު (ޗީޒު) އާއި މައްކަން (ބަޓަރު) އާއި ގިތެޔޮ އުފައްދަވައި ބޭނުން ކުރެއްވި އެވެ. ޕަނީރު (ޗީޒު) އުފައްދަވާން ބޭނުން ކުރެއްވީ ރޯކިރާއި ރާހުތާއި ލޮނެވެ.

ހެނދުނު ސައިފޮދުގެ ގަޑީގައި ހުންނަނީ ކޮންމެވެސް ދެ ބާވަތެއްގެ ރިހައާއި ދީނާރު ފޮޅިއާއި ދެބައިކުޅަ އެއްބަޔަށް ކައްކައިފައިވާ ބިހަކާއި ކޭކާއި ތާޒާ ކިރާއި ތާޒާ މޭވާއެވެ. ނުވަގަޑީގައި ކޮންމެވެސް ތާޒާ ފަންޏެއް ހިއްޕަވައެވެ. މި ކަންކަމަށް ބޭނުންވާ މޭވާ ބިންނަނީ ގޭގެ ބަގީޗާއިންނެވެ.

މެންދުރު އާއްމުކޮށް ހުންނާނީ ދާދުޚާން މަރުކާގެ ހިމަ ހަނޑުލުން ކައްކައިފައި ހުންނަ ބަތާއި ދެ ވައްތަރެއްގެ ރިހައެވެ. މީގެ ތެރެއިން އެއް ރިހައަކީ ތަރުކާރީން އެކަނި، މަހުގެ ބާވަތެއް ބޭނުން ނުކޮށް ކައްކާ ރިހައަކަށް ވާން ޖެހެއެވެ. އަނެއް ރިހައަކީ މަހުގެ ބާވަތަކުން ކައްކައިފައި ހުންނަ ރިހައެކެވެ. އަދި ކާން އަރާ ކޮންމެ މީހަކަށް ފިހެފައި ވާ ބޭނގު މަހެއް އޮންނާނެއެވެ. މި ކަމަށް ހުޅުދޫ ކުޅީގައި ބޭނގު ގެންގުޅުއްވައެވެ.

ހަވީރު ސައިފޮދަކަށް ހިއްޕަވަނީ އޮވަލްޓީނެވެ. މިއާއެކު އޮވަލްޓީން ބިސްކޯދު ނުވަތަ މާރީ ބިސްކޯދު ނުވަތަ ހަންޓްލީ ކެބިން ބިސްކޯދު ބޭނުން ކުރައްވައެވެ. ރޭގަނޑުގެ ފަރީއްކޮޅަކީ ދީނާރު ފޮޅިއާއި ރިހަ ނުވަތަ ބަތާއި ރިހަ ނުވަތަ އިޑިއައްޕަން ނުވަތަ ރަވާ ފަދަ ބާވަތެކެވެ. ރޭގަނޑު ގަޑީގައި ވެސް ފިހުނު ބޭނގު ހުންނާނެއެވެ. ރޭގަނޑު ގަހުވަ ހިއްޕަވައެވެ. ގަހުވަ ހައްދަވަނީ ގަހުވަ އޮށް ރާއްޖެއިން ބޭރުން ގެންނަވައިގެންނެވެ. މިއީ ދޮންމަނިކުގެ ދުވަހު ފަރީއްކޮޅު ހުންނަ ގޮތެވެ. މިއީ އޭރުގެ އާއްމު ދިވެހީންގެ ކެއުމާ އަޅާ ބަލާއިރު ވަރަށް ތަފާތު ކެއުމެކެވެ.

ދޮންމަނިކުގެ އަމިއްލަފުޅު ދިރިއުޅުއްވުމުގެ ކަންކަން ބައްޓަން ކުރެއްވީ ހައިދަރުއާބާދުގެ ނަވާބުންގެ ދިރިއުޅުއްވުމާ އެއް ގޮތަށެވެ. ހެދުން އެޅުއްވީ ވެސް އެ ފާޑަށެވެ. އަނބިކަނބަލުންގެ ހެދުން ކޮޅަކީ ވެސް ގަދަ ކުލައެއްގެ ފޮތީން ގަޔަށް ވަރަށް ދޫކޮށް ފަހައިފައި ހުންނަ އަރަބި ފާޑުގެ ހެދުމެކެވެ. އިސްޓާކީނަށް އަރައިފައި އިސްތަށިފުޅު އޮންނަނީ ބުރުގާއަކުން ނިވާކުރައްވައިފައެވެ. އަންހެނުން ބުރުގާ އަޅައި، ބުރުގާއިން މޭމަތި ނިވާ ކުރުމަށް މީހުންނަށް ނަސޭހަތް ދެއްވައި ހެއްދެވިއެވެ.

ގެޔަށް އަންނަ މެހުމާނުންނަށް ކަދުރާއި ގަހުވަ ނުވަތަ އާރޮހާއި ދޮންކޭލާއި ސައި ނުވަތަ ނާރޮވައްފަލުދައާއި ދޮންކޭލާއި ސައި ދެއްވައި ދުއްސަވާން ދެއްވައެވެ.

އެ ޒަމާނުގައި މުޅީން އަލަށް ގެ ފެންވައިރު ކުރެއްވިއެވެ. އޯވަހެޑް ޓޭންކު ބަހައްޓަވައި އެޔަށް ފެން ނެގުމަށް ސަރަކަ ލައިފައި ހުންނަ ޕަންޕެއް ބޭނުން ކުރެއްވިއެވެ. ފާޚާނާ ހައްދަވައި މޫނު ދޮންނަ ތަށި ބެހެއްޓެވިއެވެ. ބައްތި ދިއްލައިގެން ބޭނުން ކުރާ އެނބުރޭ ފަންކާ ގެންގުޅުއްވިއެވެ.

ސޮޑާ ކައްކާ ސާމާނު ހިންދުސްތާނުން ގެންނަވައިގެން ތަފާތު ރަހަތަކުގެ ސޮޑާ އަޅުއްވައި އޭގެ ވިޔަފާރި ކުރެއްވިއެވެ. ތަފާތު ބާވަތްތަކުގެ ހަކީމީ ޝަރުބަތުތައް މީރުކޮށް ކައްކަވައި އެކި ބަލިތަކަށް ފަރުވާ ކުރެއްވުމުގައި އެ ޝަރުބަތުތައް ބޭނުން ކުރެއްވިއެވެ. މި ގޮތުން އަންނާރު ސަރުބަތާއި، ހެލެނބެލި ސަރުބަތާއި، ކެލާ ސަރުބަތު ފާހަގަ ކޮށްލެވެއެވެ.

ހިކިމަހާއި ބޮނޑިހަލުވާއާއި ކުފުރާ ފަދަ ތަކެތި ރާއްޖެއިން ބޭރަށް ވިއްކެވިއެވެ. ކުފުރާއިން ތެޔޮ ތައްޔާރު ކުރެއްވުމަށް ހިލަވަނެއް ވެސް ދޮންމަނިކު ބޭރުން ގެންނެވިއެވެ. އެ ހިލަ ވަން މިހާރުވެސް ހުޅުދޫ ބަނދަރު ކައިރީގައި އެބަ ހުށްޓެވެ.

ދޮން މަނިކު ގެންނެވި ހިލަ ވަން -- ސަން ފޮޓޯ

އައްޑޫގައި އެ ޒަމާނުގައި ބޭނުންކުރި އޮޑި ފަހަރުގެ ފަރުމާއަށް ބަދަލު ގެންނަވައި ދުރު ދަތުރުތަކަށާއި ގިނައިން މުދާ އުފުލުމަށް އެކަށޭނަ ގޮތަށް އޮޑިތަކުގެ ފަރުމާތައް ދޮންމަނިކު ބަދަލު ކުރެއްވިއެވެ.

މީގެ އިތުރުން ގަޑި މަރާމާތު ކުރެއްވުމާއި ފެން ނަގާ އަތު ޕަންޕު ފަދަ ތަކެއްޗާއި މަސް މަރާ ބަޑި ފަދަ ތަކެތި އުފެއްދެވުމަކީ ވެސް ދޮންމަނިކު ކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ހިމެނުނު ކަންކަމެވެ.

ދޮންމަނިކު ސިލޯނުން ބައްލަވައިގަތް ތަށި ދުއްކާނުގެ ވާހަކައަކީ ވެސް މަޝްހޫރު ވާހަކައެވެ. މިއީ ތަށި ދުއްކާނެއްގައި ހުރި ތަށިތަކެއް ބައްލަވާން ދޮންމަނިކު ހުންނަވަނިކޮށް ސިލޯނުގެ ވިޔަފާރިވެރިޔަކު ދޮންމަނިކާ ދިމާއަށް ބުނި ދެރަ ބަހަކާ ހުރެ އޭނާގެ ތަށި ދުއްކާނުގެ ތިން ދުއްކާނު އެއްކޮށް ބައްލަވައިގަތް ވާހަކައެވެ. މި ތަށިތައް ބައްލަވައިގެން ބައެއް ތަށި ބައްސަވައި، ދެން ހުރި ތަށިތައް އައްޑޫ ހުވަދޫ މުލަކު އޮޑި ފަހަރަށް އަރުވައިގެން ގެންދެވީއެވެ. ރަށަށް ގެންދެވި ތަށިތަކުގެ ތެރެއިން ވެސް ގިނަ ތަށި ބެއްސެވީއެވެ. މުލަކާއި ހުވަދު އަތޮޅުގެ ރަށްރަށުގެ ވަރަށް ގިނަ މީހުންނަށް ވެސް ދޮންމަނިކު ބެއްސެވި ތަށިތައް ލިބުނު ކަމުގައި ވެއެވެ.

ދޮންމަނިކު އެންމެ ފުރަތަމައަށް ތައުލީމު ހާސިލު ކުރެއްވީ ބައްޕަ އިސްމާޢީލް ބަހާއުއްދީނުގެ އަރިހުންނެވެ. އޭގެ ފަހުން އަލްޤާޟީ އެޅެގޭ ޢަލިދީދީގެ އަރިހުންނެވެ. އެއަށް ފަހު ދޮންމަނިކު ވަޑައިގަތީ ސިލޯނުގެ ގާލީއަށެވެ. ސިލޯނަށް ވަޑައިގަތް އިރުވެސް ޢަރަބި ބަސް ދެނެވަޑައިގަނެއެވެ. ސިންގަޅަ ބަހާއި ތަމަޅަ ބަސް ދަސްކުރެއްވީ ސިލޯނުންނެވެ. ސިލޯނުގައި ތައުލީމު ހާސިލު ކުރައްވާން ދުވަސްކޮޅަކު ހުންނެވުމަށް ފަހު ދެން ވަޑައިގަތީ ހައިދަރުއާބާދަށެވެ. ފާރިސީ ބަހާއި އުރުދޫ ބަހާއި އިނގިރޭސި ބަސް ދަސް ކުރެއްވީ ހައިދަރުއާބާދުންނެވެ. ހައިދަރުއާބާދުން ދޮންމަނިކު ކިޔަވައި ވިދާޅުވީ ޙަނަފީ ފިގުހާއި ޔޫނާނީ ބޭސްވެރިކަމެވެ.

ދޮންމަނިކު ހައިދަރުއާބާދުގައި ހުންނެވި ދުވަސްވަރު ހައިދަރުއާބާދުގެ ނިޒާމަކަށް ހުންނެވި ނަވާބް މީރް މަޙްބޫބު ޢަލީ ޚާނުގެ އަރިހުގައި ދޮންމަނިކަކީ ވަރަށް މަގުބޫލު ޝަހުސިއްޔަތެކެވެ. ދޮންމަނިކާއި މީރް މަޙްބޫބު ޢަލީ ޚާނާ ދެ ބޭފުޅުންނަކީ ދާދި އެއް އުމުރެއްގެ ދެ ބޭފުޅުންނެވެ. މީރް މަޙްބޫބު ޢަލީ ޚާން އަވަހާރަވުމުން އޭނާގެ ދަރިކަލުން މީރް އުސްމާން ޢަލީ ޚާންއާ ވެސް ދޮންމަނިކު ގާތްގުޅުމެއް ބޭއްވިއެވެ.

ހައިދަރުއާބާދުން ދޮންމަނިކު ވަޑައިގަތީ ބޮންބޭއަށެވެ. ބޮންބޭއިން ވަޑައިގަތީ ދިއްލީއަށެވެ. ދިއްލީން ވަޑައިގަތީ އަފްޣާނިސްތާނަށެވެ. ދޮންމަނިކު އަފްޣާނިސްތާނުގައި ހުންނެވި ދުވަސްވަރު އަފްޣާނިސްތާނުގެ ރަސްގެފާނުގެ ގާތް ރަހުމަތްތެރިއަކަށް ވެ ވަޑައިގަތެވެ. މި ދެ ބޭފުޅުންގެ ދެމެދުގައި ބަދަލު ކުރެވުނު ސިޓީފުޅުތައް ވަރަށް ފަހަކާ ޖެހޭން ދެން ވެސް ދޮންމަނިކުގެ ގެ ކަމުގައިވާ ހުޅުދޫ އެޅެހިށިގޭގައި ހުއްޓެވެ.

އަފްޣާނިސްތާނުގައި ދުވަސްކޮޅަކު ހުންނެވުމަށް ފަހު ދޮންމަނިކު ދެން ވަޑައިގަތީ އީރާނަށެވެ. އީރާނުން ޢިރާޤަށް ވަޑައިގެން ޢިރާޤު މަގުން މައްކާއަށް ވަޑައިގަތެވެ. ޙައްޖުވެ މަދީނާވެ ވަޑައިގަތުމަށް ފަހު، މައްކާގައި ތައުލީމު ހާސިލު ކުރެއްވުމަށް ހަތަރު އަހަރެއްހައި ދުވަހު ހުންނެވި އެވެ. މައްކާގައި ކިޔަވާން ހުންނެވި އިރު، ކިޔަވައިދެއްވި އުސްތާޒުގެ އެންމެ ހާއްސަ ދަރިވަރަށް ވުމުގެ ޝަރަފާ އެކު އުސްތާޒުގެ އަމިއްލަފުޅު ހާންދާނީ އަނގޮޓިއެއް ހަދިޔާއެއްގެ ގޮތުގައި ދޮންމަނިކަށް ލިބިވަޑައިގަތެވެ. މި އަނގޮޓި ދާދި ފަހަކާ ޖެހޭންދެން ވެސް އާއިލާގެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުގައި އޮތެވެ.

ރާއްޖެ ވަޑައިގަތީ ޖުމްލަ ނުވަ އަހަރު ބޭރުގައި އުޅުއްވުމަށް ފަހުއެވެ. ރާއްޖޭގައި ދުވަސްކޮޅަކު ހުންނެވުމަށް ފަހު 1909 ވަނަ އަހަރު އަނެއްކާ ވެސް ދޮންމަނިކު މައްކާއަށް ވަޑައިގަތެވެ. މި ފަހަރު ވަޑައިގަތީ އަނބިކަނބަލުން މީދޫ ގަނޑުވަރު ޙަސަންދީދީގެ އެޅެގޭ ޢަލިދީދީގެ މަރްޔަމްދީދީއާ އެކު ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމަށެވެ. މި ދަތުރުފުޅުގައި އަނބިކަނބަލުންނާއި އަނބިކަނބަލުންގެ މަންމަ އަވަހާރަވުމުން ދޮންމަނިކު އަނެއްކާވެސް މައްކާގައި ކުޑަ ދުވަސްކޮޅަކު މަޑު ކުރެއްވިއެވެ. މި ފަހަރު ރާއްޖެ ވަޑައިގަތީ 1910 ވަނަ އަހަރުއެވެ. ހަމަ މިއަހަރު މީދޫ ގަނޑުވަރު ޙަސަންދީދީގެ އެޅެގޭ ޢަބްދުﷲ ދީދީގެ ފާޠިމަތުދީދީއާ ކައިވެނި ބެއްލެވިއެވެ. އަދި އޭގެ ފަހުން އަލްޤާޟީ މޫސާ ބަދްރުއްދީނުގެ އަޙްމަދު މަނިކުގެ އާމިނާމަނިކެއާ ވެސް ކައިވެނި ބެއްލެވިއެވެ. ފާޠިމަތުދީދީގެ ބަނޑުން މުޙައްމަދު ސަޢީދު އަދި އާމިނާ މަނިކެގެ ބަނޑުން މުޙައްމަދު ތައުފީޤުއާއި އަޙްމަދު ޞާލިޙް އާއި ޢަބްދުލްމުޙްސިން ލިބިވަޑައިގަތެވެ.

މުޙައްމަދު ސަޢީދުއާއި މުޙައްމަދު ތައުފީޤު އުފަންވީ އެއް އަހަރެއްގެ ދެކޮޅުގައެވެ. މުޙައްމަދު ސަޢީދު ރައްކާވުމަށް ފަހު ފާޠިމަތުދީދީ އަވަހާރަވީއެވެ. އަދި މުޙައްމަދު ސަޢީދުވެސް މާގިނަ ދުވަހެއް ނުވެ އަވަހާރަވީއެވެ. އަދި ފަހުން މީދޫ ގަނޑުވަރު ޙަސަންދީދީގެ ފިޔޯރީ ދޮންދީދީގެ މަރްޔަމްދީދީއާ ވެސް ދޮންމަނިކު ކައިވެނި ބެއްލެވިއެވެ. މި ބަނޑަށް ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެއެވެ.

ދޮންމަނިކު ހުޅުދޫގައި ތިން މިސްކިތެއް ބިނާ ކުރެއްވިއެވެ. މީގެ ތެރެއިން އެއް މިސްކިތަކީ މަޝްހޫރު ޓަކިޔާ މިސްކިތެވެ. މި މިސްކިތުގެ ހިޔާ ކޮށްފައިވާ ބައިގެ ތެރޭގައި ވުޟޫ ކުރުމަށް ހާއްސަކޮށް ހަދައިފައި އޮންނަ ފެން ގަނޑެއް އޮވެއެވެ.

ޓަކިޔާ މިސްކިތާއި އެ މިސްކިތުގައި ވުޟޫ ކުރާން ފެން އަޅާން ހެއްދެވި ތަން --

ދޮންމަނިކަކީ ރާއްޖެއަށް އެންމެ ފުރަތަމައަށް ޗާޕު މެޝިނަކާއި ކަފާ މެޝިނެއް ގެންނަވައި ޗާޕުގެ މަސައްކަތް ފެއްޓެވި ބޭފުޅާ ވެސް މެއެވެ. ދޮންމަނިކު ގެންނެވި ލިތޯ ޗާޕު މެޝިން މާލޭގައި ދާރުލްއާސާރުގައި މިހާރު ވެސް ފެންނާން އެބަ ހުށްޓެވެ. ދޮންމަނިކު ތަރުޖަމާ ކުރެއްވި ފޮތްތަކުގެ ތެރޭގައި މަންހަބުލް ފަވާއިދި ފީ މުހިއްމާތިލް ޢަޤާއިދި މި ފޮތް ހިމެނެއެވެ. މީގެ އިތުރުން ޖަންނާތުލް ފިރްދައުސި ކިޔާ ފޮތަކާއި ރިސާލާ ކިޔާ ފޮތެއް ވެސް ލިޔުއްވައި ޗާޕު ކުރެއްވިއެވެ. ޖަންނާތުލް ފިރްދައުސި މި ފޮތް އެންމެ ފުރަތަމައަށް ޗާޕު ކުރެވުނީ 26 އޯގަސްޓް 1910 ގައެވެ. ރިސާލާ ލިޔުއްވައި ނިމުނީ 10 ޑިސެންބަރު 1927 ގައެވެ.

ދޮންމަނިކު ގެންގުޅުއްވި ކަމަށް ބުނާ ޒާތުގެ ފިސްތޯލެއް

ހުޅުދޫ އެޅެހިށިގޭގައި ދޮންމަނިކު ގެންގުޅުއްވި، ޝިކާރަ ކުރުމަށް ބޭނުން ކުރާ ޒާތުގެ ބަޑިއަކާއި ފިސްތޯލައެއް އޮތެވެ. މި ތަކެތި ގެންގުޅުއްވުމުގެ ހުއްދަ ދޮންމަނިކަށް ދެއްވީ އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. ބުނެވޭ ގޮތުގައި ދޮންމަނިކުގެ އުނަގަނޑުގެ ކަމަރަށް ފިސްތޯލަ ޖައްސަވައިގެން އާންމުންގެ ތެރެއަށް ނިކުންނަވަ އެވެ. މިއީ، އާންމު މީހަކަށް މިހާ ފާޅުގައި ހަތިޔާރު ގެންގުޅުމަށް މިހާތަނަށް ހުއްދަ ދެވުނު ފުރަތަމަ ބޭފުޅާ އެވެ. މި ތަކެތި ސަރުކާރުން ގެންދެވީ ދޮންމަނިކު އަވަހާރަވުމުންނެވެ.

ދޮންމަނިކު އަވަހާރަވީ 29 ޞަފަރު 1351، 3 ޖުލައި 1932 ވީ ހޯމަ ވިލޭރޭ ޢިޝާ ނަމާދު ވަގުތުއެވެ. އޭރު ޢުމުރުފުޅުން 68 އަހަރުފުޅެވެ. ފަސްދާނުލެވިފައި ވަނީ ހުޅުދޫ މާމިސްކިތް ދޮށުގައެވެ.

comment ކޮމެންޓް