ގެސްޓް ހައުސްތަކަށް ހުރި ގޮންޖެހުންތައް ބެލުމަށް މިނިސްޓަރު އަތޮޅުތަކަށް

ގެސްޓް ހައުސް ވިޔަފާރީއަށް ހުރި ގޮންޖެހުންތައް ބެލުމަށް މިނިސްޓަރު އަލީ ވަހީދު މިއަދު ބ. ތުޅާދޫއަށް ވަޑައިގެން --- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު، ބ. އަދި ށ އަތޮޅަށް ފުރާވަޑައިގެންފި އެވެ.

ޓުއަރިޒަމް މިނިސްޓްރީ ބުނީ، މިނިސްޓަރުގެ އެ ދަތުރަކީ ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމާއި ގުޅޭ ގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އަދި އެ ވިޔަފާރީގެ އެންމެހައި މަސްލަހަތުވެރިންނާއި ބައްދަލުކުރުމަށް ރާއްޖޭގެ އެކި ސަރަހއްދުތަކަށް ކުރުމަށް ހަމަޖެހިފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ދަތުރެއް ކަމަށެވެ.

ދެ ދުވަހުގެ އެ ދަތުރުގައި ބ. ތުޅާދުއަށާއި ށ. ކަނޑިތީމަށް މިނިސްޓަރު އަލީ ވަހީދު ޒިޔާރަތް ކުރައްވާނެ އެވެ.

ގެސްޓް ހައުސް ވިޔަފާރީއަށް ހުރި ގޮންޖެހުންތައް ބެލުމަށް މިނިސްޓަރު އަލީ ވަހީދު މިއަދު ބ. ތުޅާދޫއަށް ވަޑައިގެން --- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

"މިދަތުރުފުޅުގެ މަގުސަދަކީ މި އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސިޔާސަތު ބައްޓަންކުރުމުގައި ބޭނުންވާ ހިޔާލާއި ލަފާ ހޯދުން،" ޓުއަރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިނިސްޓަރުގެ އެ ދަތުރުގައި ށ. ކަނޑިތީމުގައި ފުރަތަމަ ފަހަރަށް ގެސްޓް ހައުސެއް ހުޅުވައި ދެއްވައި އެ ރަށަށް ގެސްޓް ހައުސްގެ ވިޔަފާރީ އިފްތިތާހު ކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ސަރުކާރު އައި ފަހުން މިނިސްޓަރ އަލީ ވަހީދު ވަނީ ރާއްޖޭގެ 50 ރަށަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި ށ. އަތޮޅާއި ބ. އަތޮޅަށް ވަޑައިގަތުމުން ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިނިސްޓަރަށް ޒުޔާރަތް ކުރެވުނީ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް