ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާގެ މާކެޓަށް 10 ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަަންނަ މަންޒިލަކަށް އިންޑިއާ ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން މިދިޔަ ޖޫންމަހުގެ ނިޔަލަށް އެންމެ ގިނައިން ރާއްޖެއަށްް ޓޫރިސްޓުން ޒިޔާރަތްކުރި ޗައިނާއިން ވަނީ 140،265 މީހުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 10 ޕަސެންޓްގެ ކުރިއެރުމެވެ. ޗައިނާއަކީ ރާއްޖެއަށް އައި ޓޫރިސްޓުންގެ 16.3 ޕަސެންޓެވެ. މިދިޔަ އަހެއްރާ ދުވަހުގެ ތެރޭގައި ޗައިނާއިން އަންނަ ޓޫރިސްޓުން ދަށްވެ ކަންބޮޑުވުމަކަށް ވަނީ ވެފަ އެވެ.
ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ އިންޑިއާ އެވެ. އެ ގައުމުން 82،140 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއީ ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި މާކެޓްގެ ގޮތުގައި އިންޑިއާވީ ފުރަތަމަ ފަހަރެވެ. އަދި އިންޑިއާ މާކެޓްގެ ކުރިއެރުން ހުރީ، 99.9 ޕަސެންޓްގަ އެވެ. މީގެ ކުރިން އިންޑިއާ އަކީ ރާއްޖެއަށް ފަސް ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.
މިފަހުން، އިންޑިއާގެ މަޝްހޫރު ފަންނާނުވެސް ރާއްޖޭގައި ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި އެފަދަ ބައެއް ފަރާތްތަކާ ގުޅިގެން އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޗައިނާ، އިންޑިއާގެ އިތުރުން ދެން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަނީ، އިޓަލީ، ޖަރުމަން، އިނގިރޭސިވިލާތް، ރަޝިޔާ، ފްރާންސް، އެމެރިކާ، ޗަޕާން އަދި އޮސްޓްރޭލިޔާއިން އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން ހުރިހާ ބައްރު ތަކުންވެސް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. އަދި މަހުންމަހަށް ޓޫރިސްޓުން ޒިޔާރަތްކުރާ އަދަދު އިތުރުވާ ނިސްބަތް ބޮޑުކަންވެސް ވަނީ ފާހަގަވެފަ އެވެ.
މިދިޔަ ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 862،589 ޓޫރިސްޓުން އެވެ. މިއީ 2018 ވަނަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 18.7 ޕަސެންޓްގެ ގެ ކުރިއެރުމެކެވެ.
މިދިޔަ ޖޫން މަހު ޒިޔާތް ކޮށްފައިވަނީ 113،457 ޓޫރިސްޓުން އެވެ.