އިންޑިއާ-ރާއްޖެ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާއާއެކު ރާއްޖެއިން ހެދި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް އެގްރިމަންޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އިންޑިއަން އެމްބަސީ

އިންޑިއާޔާއި ރާއްޖެއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް އެގްރިމަންޓްއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު މެންދުރު މަރުކަޒީ ބޭންކް، އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއި ކުރެއްވީ ގަވަރުނަރު އަހުމަދު ނަސީރެވެ. އަދި އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާގެ އެގްޒެކްޓިވް ޑިރެކްޓަރު ރަބީ އެން މިޝްރާ އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާއިން ރާއްޖެއަށް ދިނުމަށް އެއްބަސްވި، 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި އެގްރިމަންޓްގެ ތަފްސީލްތަކެއް އެމްއެމްއޭއިން އަދި ހާމައެއް ނުކުރެ އެވެ.

މީގެ ކުރިންވެސް 2012 އިން ފެށިގެންވެސް ކޮންމެ އަހަރަކު އިންޑިއާޔާއި ރާއްޖެއާ ދެމެދު ކަރަންސީ ސޮވްޕްތައް ހަދާފައިވެ އެވެ.

ކަރަންސީ ސްވެޕް އެގްރިމަންޓަކީ، ދެ ގައުމެއްގެ ފައިސާ ބަދަލު ކުރުމަށް، އެ ދެ ގައުމުގެ ސެންޓްރަލް ބޭންކުގެ ދެމެދުގައި ސޮއިކުރާ އެއްބަސްވުމެކެވެ. އެގޮތުން، އިންޑިއާގެ ސެންޓްރަލް ބޭންކުން ދިވެހި ރުފިޔާ ބަހައްޓާއިރު، އެ އަދަދަށްވާ އިންޑިއާ ރުޕީސް އެ ގައުމުން އެމްއެމްއޭގައި ބަހައްޓާނެ އެވެ. އަދި ފަހުން އެއްބަސްވާ ތާރީހެއްގައި އެ ދެ ފައިސާ ބަދަލު ކުރެ އެވެ. މިފަދަ އެއްބަސްވުންތަކުގެ ސަބަބުން، ރާއްޖެއިން އިންޑިއާއަށް ދައްކަން ޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކުމަށް މަގުފަހިވެ އެވެ.

ކަރަންސީ ސްވެޕްއެއް އަލުން ހަދަން ސޮއިކުރިއިރު މިދިޔަ މާޗް މަސް ނިމުނުއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ނޫނީ، ޔޫޒަބަލް ރިޒާވް 251 މިލިއަން ޑޮލަރަށް ވަނީ ދަށްވެފަ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ ރިޒާވް ދަށްވެފައިވަނީ ކަރަންސީ ސްވޮޕްގެ ގޮތުގައި އިންޑިއާ އަށް ދައްކަންޖެހޭ 100 މިލިއަން ޑޮލަރު ދެއްކުމުން ކަމަށެވެ.

comment ކޮމެންޓް