އިމްރާން ޚާން ޓްރަމްޕާ ބައްދަލު ކުރައްވަނީ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މިއަދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރައްވާނެ -- ފޮޓޯ: ގެޓީ

ދިއްލީ (ޖުލައި 22): ޕާކިސްތާނާއި އެމެރިކާގެ ގުޅުން ރަނގަޅު ކުރުމަށްޓަކައި ބޮޑުވަޒީރު އިމްރާން ޚާން މިއަދު ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލު ކުރައްވާނެ ކަމަށް ދެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

އެ ދެ ގައުމުގެ ލީޑަރުން ބައްދަލު ކުރައްވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން މިދިޔަ އަހަރު އެމެރިކާއިން ވަނީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ޕާކިސްތާނުން އެއްބާރުލުން ނުދޭ ކަމަށް ބުނެ އެގައުމަށްދޭ އަސްކަރީ އެހީގެ ބޮޑު ބައެއް ކަނޑާލާފަ އެވެ.

އަދި މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ހަރަދު ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާ، ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް)އިން ވަނީ ޕާކިސްތާން ބްލެކްލިސްޓު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު މިދިޔަ މަހު ދީފަ އެވެ. އެގައުމު މިހާރު އޮތީ އެފްއޭޓީއެފްގެ ގްރޭލިސްޓުގަ އެވެ. އޭގެ ސަބަބުން ޕާކިސްތާނުގެ އިގްތިސާދަށް 10 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭ ކަމަށް އެނެލިސްޓުން ލަފާ ކުރެ އެވެ.

އެހެންކަމުން ދެ ލީޑަރުންގެ ބައްދަލުވުމުގައި ޕާކިސްތާނަށްދޭ އަސްކަރީ އެހީ އަނެއްކާވެސް އިތުރު ކުރުމާ ބެހޭ ގޮތުންނާއި އެފްއޭޓީއެފްއިން ޕާކިސްތާން ބްލެކްލިސްޓު ކުރުމާ ދެކޮޅަށް ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް އެނެލިސްޓުން ވިދާޅުވެ އެވެ.

ޕާކިސްތާނުގެ ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ބޮޑުވަޒީރުގެ ދަތުރުފުޅުގެ ސަބަބުން "ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ" އެވެ.

އެއީ މިދިޔަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިމްރާން ޚާން ވަޑައިގެންނެވި ފަހުން އޭނާ އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު އެމެރިކާއަށް ވަޑައިގެންނެވި ޚާން ހުންނަވާނީ، ޕާކިސްތާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ގެކޮޅުގައި ކަމަށް އެގައުމުގެ މީޑިއާތަކުން ބުންޏެވެ. އަދި އެއީ ހަރަދު ކުޑަކުރުމުގެ ގޮތުން ނިންމި ގޮތެއް ކަމަށްވެސް އެމީޑިއާތަކުގައިވެ އެވެ.

comment ކޮމެންޓް