އެމެރިކާ އެކުލަވާލާ ކަނޑުގެ ބާރުގައި ބައިވެރިވުމާ މެދު ޖަޕާން ވިސްނަނީ

ޓޯކިޔޯ (ޖުލައި 21): ގަލްފުގައި ދަތުރުކުރާ އާގު ބޯޓުތަކާއި ތެޔޮ ޓޭންކަރުތައް ހިމާޔަތް ކުރުމުގެ ނަމުގައި އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާ ކަނޑުގެ ބާރުގައި ޖަޕާން ސިފައިން ބައިވެރިކުރުމާމެދު އަދި ވަކިގޮތެއް ނުނިންމާކަމަށް އެގައުމުގެ ބޮޑުވަޒީރު ޝިންޒޫ އަބޭ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ގައުމީ ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި އަބޭ ވިދާޅުވީ ޖަޕާނަކީ ގަލްފުގެ ތެލަށް ބަރޯސާވާ ގައުމެއްކަމަށްވީނަމަވެސް ގަލްފުގެ މަސްރަހު ހުރިގޮތުން އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާ ކަނޑުގެ ބާރުގައި ޖަޕާނުގެ އަސްކަރީ ބާރުތައް ޝާމިލް ކުރުމުގައި އަދި ގޮތެއް ނުނިންމަވާ ކަމުގައެވެ. އަބޭ ވިދާޅުވީ އެ ބާރުތަކުގައި ބައިވެރިވެ މުހިއްމު ދައުރެއް އަދާކުރުމަށް އެމެރިކާގެ ފަރާތުން ރަސްމީ ސިފައެއްގައި ދައުވަތު ލިބިފައިވާ ކަމުގައެވެ.

އަބޭ ވިދާޅުވީ އެމެރިކާއަކީ އެމެރިކާގެ ބައިވެރިއަކަށްވާއިރު އީރާނަކީވެސް ޖަޕާނުގެ އިހްތިރާމް ލިބިފައިވާ ޒަމާންވީ ދެގޮތެއްނުވާ އިތުބާރުހުރި ރަހްމަތްތެރިއެއް ކަމުގައެވެ. އަދި އަބޭ ދާދިފަހުން އީރާނަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ގަލްފުގެ މަސްރަހު ހޫނުވީ އެމެރިކާއިން އީޜާނުގެ ނިއުކްލިޔާ އެއްބަސްވުމުން ވަކިވުމަށްފަހު އީރާން އިގްތިސާދީ ގޮތުން އިނދަޖައްސާލުމަށްޓަކައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައި އީރާނުގެ ތެޔޮ އެކްޕޯޓް ކުރުން ހުއްޓުމަކަށް ގެނައުމުގެ އުދުވާނީ މަސައްކަތް ފެށުމުގެ ސަބަބުންނެވެ. މީގެއިތުރުން އެމެރިކާވަނީ އީރާނަށް ބިރު ދެއްކުމަށްޓަކައި ގަލްފަށް ހަނގުޜާމައިގެ މަނަވަރުތަކާއި ސިފައިން ފޮނުވައި އީރާނަށް ހަނގުރާމައިގެ އިންޒާރުތައްވެސް ދޭން ފަށާފައެވެ. ނަމަވެސް ހަނގުރާމަ ފަށަން ބޭނުންނުވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއެވެ.

އީރާނުން މިދިޔަ ހުކުރުދުވަހުވަނީ ގަލްފުގެ ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރެއް އޭގެ ފަޅުވެރިންނާއެކު ހިފަހައްޓާފައެވެ. މިއި ސްޕޭންގެ ޖިބްރޯލްޓާގެ ކައިރިން ދަތުކުރި އީރާނުގެ ތެޔޮ ޓޭންކަރެއް އިނގިރޭސިވިލާތުން ހިފެހެއްޓުމުން އޭގެ ރައްދުގައި އީރާނުން ކުރިކަމެއްކަމަށް އިނގިރޭސި ސަރުކާރުން ތުހުމަތު ކުރެއެވެ.

އިނގިރޭސި ތެޔޮ ޓޭންކަރު ވަގުތުން ދޫކޮށްލުމަށް ޔޫރަޕްގެ ގައުމުތަކުން ގޮވާލަމުން ދިޔަނަމަވެސް އީރާނުންވަނީ އެ ގޮވާލުންތަކަށް ބީރު ކަންފަތެއްދީފައެވެ. އީރާނުން ހިފަހައްޓާފައިވާ އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރު "މެސްޑަރު" ދޫކޮށްލުމަށް ގޮވާލި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ އިތުރުން ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތް ހިމެނެއެވެ.

އަދި ޔޫރަޕްގެ އިއްތިޙާދުންވެސްވަނީ "މެސްޑަރު" ވަގުތުން ދޫކޮށްލުމަށް އީރާނަށް އިލްތިމާސްކޮށްފައެވެ. މި ގޮވާލުންތަކަށް ބީރުކަންފަތެއް ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ "މެސްޑަރު" ހިފެހެއްޓީ ކަނޑު ފަތުރުފަތުރާބެހޭ ބައިނަލްއަޤުވާމީ ޤަވައިދުތަކާ ޚިލާފަށް ދަތުރުކުރުމުގެ އިތުރުން އީޜާނުގެ ކަނޑުގެ އުޅަނދެއްގައި ޖެހި އެކްސިޑެންޓް ވުމާވެސް ގުޅިގެންކަމުގައެވެ.

އެ ޓޭންކަރާއި އޭގެ ފަޅުވެރިންގެ މައްސަލަ މިހާރު ތަހްގީގް ކުރަމުން ގެންދަނީ އީރާނުގެ ޝަރުޢީ ދާއިރާއިން ކަމަށާ އެކަމުގައި ގޮތެއް ނިންމާނީ އީރާނުގެ ކޯޓުތަކުން ކަމަށްވެސް ޒަރީފް ވިދާޅުވިއެވެ. މިމައްސަލާގައި އިނގިރޭސި ޚާރިޖީ ވަޒީރު ޖެރިމީ ހަންޓް ހޮނިހިރު ދުވަހުވަނީ ޒަރީފް އާ ގުޅުއްވައި އިނގިރޭސިވިލާތުގެ ތެޔޮ ޓޭންކަރު މިނިވަންކޮށް ދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ހަންޓްގެ އެދިވަޑައިގަތުމަށް ޒަރީފް އާނބަސް ވިދާޅުވެފައި ނުވާކަމަށް އީރާނުގެ މީޑީއާ އިން ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް