ލުތުފީ މައްސަލައިގަ އިހުމާލުވި މީހުނަށް ދައުވާ ކުރާނަން: އިދިކޮޅު ކޯލިޝަން

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށްދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ މައްސަލައިގައި އިހުމާލުވި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލާނެ ކަމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އެ ދެ ޕާޓީގެ އޮފީސް ހ. ހުރަފާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޕީޕީއެމް ކޯލިޝަންގެ ސަރުކާރެއްގައި، ލުތުފީ މައްސަލައިގައި އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލާނެ ކަމަށެވެ.

"ލުތުފީ މައްސަލައިގަ އިހުމާލުވި ހުރިހާ އެންމެނާ ދެކޮޅަށް އަޅުގަނޑުމެންގެ ސަރުކާރުގައި ދައުވާ ކުރާނަން. އެންމެ ފުރަތަމަ އުފުލާނެ ދައުވާއަކީ އެއީ،" ޝުޖާއު ވިދާޅުވި އެވެ.

ލުތުފީ އަކީ މި ގައުމުގެ އެންމެ ބޮޑު ޚާއިނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ނަމަވެސް އޭނާއަށް ހަރުކަށި ފިޔަވަޅެއް އަޅަން ރައީސަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

"ސަރުކާރުން އެބަޖެހޭ ލުތުފީ މިހާރު ހުރީ ކޮންތާކުތޯ ސާފުކޮށްދޭން. ސަރުކާރުން އެބަޖެހޭ ދިވެހި ރައްޔިތުންނަށް ލުތުފީއާ މެދު އަމަލުކުރަމުންދާ ގޮތް ކިޔައި ދޭން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ލުތުފީގެ މައްސަލައިގަ މުޅި ސަރުކާރު ފެއިލްވެފައިވާކަން ހާމަކޮށް، ލަންކާ އެމްބަސީގައި ލުތުފީ ފޮރުވައިގެން ގެންގުޅުނު މައްސަލައިގަ ޒިންމާވާން ޖެހޭ ފަރާތްތައް ހޯދަން ޖެހޭ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

ލުތުފީގެ ނަމުގައި ޓްވީޓްކޮށް ފޮރިން މިނިސްޓަރަށް ޝުކުރު އަދާކުރިކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ، އެމްބަސީން ލުތުފީއަށް ވީއައިޕީގެ ހިދުމަތް ދިނުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށާއި އެކަން ކުރި ފަރާތްތަކަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުވާދީ ހަމަލާގެ މޭސްތިރިޔާ، އަބްދުﷲ ލުތުފީ 2012 ވަނަ އަހަރު ބޭސްފަރުވާއަށް އިންޑިއާ ދިޔަގޮތަށް ފިލައިގެން އުޅުމަށްފަހު އޭނާ އަމިއްލަ އަށް އެމްބަސީއާ ހަވާލުވީ މި އަހަރުގެ މޭ 1 ވަނަ ދުވަހު އެވެ. އަދި އޭނާ މާލެ ގެނެސްފައިވަނީ ޖުލައި ނުވަ ވަނަ ދުވަހު އެވެ.

comment ކޮމެންޓް