އާއިލާ މަރުވި ވާހަކަ ޓްރަމްޕްއަށް ދެންނެވުމުން ދެން އެއްސެވީ އެމީހުން މިހާރު ކޮބައިތޯ

ނާދިއާ ޓްރަމްޕާއެކު---

އެމެރިކާގެ ރައިސް ޑޮަނަލްޑް ޓްރަމްޕް ޔަޒީދީ އެކްޓިވިސްޓް ނާދިއާ މުރާދާ މުއާމަލާތް ކުރެއްވި ގޮތުން ޓްރަމްޕްއަށް ބޮޑެތި ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އައިސިސްގެ އަތް ދަށުން މިނިވަންވެ ރޭޕްއާ ދެކޮޅަށް މަސައްކަތް ކުރައްވަމުންދާ އެކްޓިވިސްޓް ނާދިއާއަށް ވަނީ ދުނިޔޭގެ ނޯބަލް ސުލްހައިގެ އިނާމްވެސް ހާސިލްކުރައްވައިފައެވެ.

ނާދިއާ އިއްޔެ ވަނީ ޓްރަމްޕްއާ ބައްދަލުކުރައްވައި އައިއެސްގެ އަނިޔާވެރިކާއި ޔަޒީދީންނަށް އިރާގުގައި އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ވިދާޅުވެ އެކަންތައްތައް ޓްރަމްޕްގެ ސަމާލުކަމަށް ގެންނަވައިފައެވެ.

އެ ބައްދަލުވުމުގައި ނާދިއާވަނީ އައިއެސްއިން އޭނާގެ މުޅި އާއިލާ މަރާލިގޮތުގެ ވާހަކަވެސް ޓްރަމްއާ ހިއްސާކުރައްވައިފައެވެ. ނަމަވެސް އެ ވާހަކަަ ދެންނެވިތާ ކުޑަ އިރުކޮޅެއް ތެރޭ ޓްރަމްޕް ވަނީ އޭނާގެ އާއިލާގެ މީހުން ކޮބައިތޯ އައްސަވައިފައެވެ.

" އެމީހުން މިހާރުވީ މަރުވެފައި. އެމީހުން ވަނީ ގަބުރުސްތާނުގައި ވަޅުލާފައި،" ޓްރަމްޕްއަށް ޖަވާބުދެމުން ނާދިއާ ވިދާޅުވިއެވެ.

ޓްރަމްޕްއަށް ފާޑުކީ ފަރާތްތަކުން ބުނީ އެ ވާހަކަތަކުންވެސް އެނގިގެން ދިޔައީ ނާދިޔާ ދެއްކެވި ވާހަކައަށް ޓްރަމްޕް އެއްވެސް ސަމާލުކަމެއް ނުދެއްވާކަން ކަމަށެވެެ.

އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ދުނިޔޭގެ ސްލްހައިގެ އިނާމް ލިބުނީ ކީއްވެތޯވެސް ނާދިއާއާ ސުވާލު ކުރައްވައިފައެވެ.

"ތިބާއަށް ނޯބެލް އިނާމްވެސް ލިބުނު ތެދެއްތޯ. ވަރަށް ރަނގަޅު. އެމީހުން ކީއްވެތޯ ތިބާއަށް ނޯބެލް ޕްރައިޒް ދެއްވީ؟" ޓްރަމްޕް ނާދިއާއާ ސުވާލުކުރިއެވެ.

ޓްރަމްޕް އެކި މީހުންނާ މުއާމަލާތްކުރައްވާ ގޮތުން ގިނަ ފަހަރު ވަރަށް ގިނައިން ފާޑުކިޔުންތައް އަމާޒުވެއެވެ. ދާދި ފަހުން ޓްރަމްޕް އެމެރިކާގެ ކޮންގްރެސްގެ މުސްލިމު ދެ މެމްބަރުން އެނބުރި ގައުމަށް ދިއުމަށް ގޮވާލެއްވުމުންވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

comment ކޮމެންޓް