އުފެއްދުންތެރިކަމުގެ ގައުމީ މައުޒަރުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޒުވާނުންގެ ހުނަދު ދައްކާލުމަށް އަހަރަކު އެއް ފަހަރު ބާއްވާ "ކައްޓި ހިތްވަރު"، މިއަހަރު ސަލްޓަން ޕާކާއި ނެޝަނަލް އާޓް ގެލަރީގައި ފެށިގެން ކުރިއަށްދަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހީން އުފައްދާފައިވާ ތަކެތި އެއްތާކުން ދައްކާލުމަށް ބާއްވަމުން އަންނަ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019ގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ ބަޔަކަށް މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

އެގޮތުން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިހާރު ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އިންބުންޏެވެ.

މިއަހަރު ބާއްވާ މައުރަޒުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށްނެރެ އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ދިވެހި އުފެއްދުންތައް ކުރިއެރުވުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން އުވެމުން އަންނަ ދިވެހި އުފެއްދުންތަކާ މާކެޓަށް އަލަށް ނެރޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށްވެސް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކުރިއަށްގެންދާ މައުރަޒުގައި ހަ ދާއިރާއަކުން ބައިވެރިވެވޭނެއެވެ.

1- ވަކިވަކި ފަރުދުންގެ ދާއިރާ

2- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ

3- ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)

4- ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާ

5- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ

6- ކްލަބު ޖަމިއްޔާ ތަކުގެ ދާއިރާ

comment ކޮމެންޓް