ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ މައްސަލަ ފުލުހަށް

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް: އޭނާ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ސައްހަ ނޫން މައުލޫމާތު ދިން ކަމުގެ ތުހުމަތުގައި އެކަންތައް ތަހްގީގް ކުރުމަށް ފުލުހުންނަށް ވަނީ ފޮނުވާފައި --- ފޮޓޯ: މަޖިލިސް

ބޭންކް އޮފް މޯލްޑިވަސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދެއްވި ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކޮށް ދިނުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ، މިމަހުގެ 16 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ސައްހަ ނޫން މައުލޫމާތު ތަކެއް ދިން ކަމަށް އެ ކޮމެޓީގެ މުގައްރިރު އަންގާފައިވާ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ކޮމެޓީއަށް ވަޑައިގެން ކޮމިޓީގައި ސައްހަ ނޫން މައުލޫމާތު ދީފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ މުގައްރިރު މަޖިލީހިގެ ރައީސަށް އަންގަވާފައިވާތީ ބޭންކް އޮފް މޯލްޑިވަސްގެ ޑެޕިއުޓީ ސީއީއޯއަށް ތުހުމަތު ކުރެވޭ މި މައްސަލަ ތަހުގީގްކޮށް ދެއްވާ ދައުވާ ކޮށްދިނުމަށް ކަމާބެހޭ މުއައްސަސާއަށް ފޮނުވުމަށް ނިންމާފައިވަނީ،" ނިއުޝާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބީއެމްއެލް ހާޒިރު ކޮށްފައި --- ފޮޓޯ: މަޖިލިސް

ނަމަވެސް ޝަރީފް ދެއްވީ ޝައްހަ ނޫން ކޮން މައުލޫމާތު ތަކެއް ކަމެއް އަދި އެކަމުގެ އެއްވެސް ތަފްސީލެއް ނިއުޝާ ނުދެއްވަ އެވެ.

ކޮމިޓީތަކަށް ހާޒިރުކުރެވޭ ދައުލަތުގެ ވުޒާރާތަކައި ބައެއް މުއައްސަސާތަކުގެ ބޭފުޅުން މައުލޫމާތު ދެއްވުމުގައި އިތުރުފުޅު ހައްދަވާ ނަމަ ދައުވާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ބުދަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން ވިދާޅުވެފަ އެވެ.

މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ކުށެއް ކަން ހަނދާންކޮށްދެއްވަމުން ނަޝީދު އެ ދުވަހު ވިދާޅުވީ، ދެން އެފަދަ އަމަލެއް ހިންގާ ކަމަށް ޝައްކު ކުރެވިއްޖެ ނަމަ ތަހުގީގުކޮށް، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ނަޝީދު އެހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓްތަކާއި ގުޅޭ ގޮތުން ބީއެމްއެލްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުނީ އޮތީ އަންގާރަ ދުވަހު އެވެ.

comment ކޮމެންޓް