ރައީސް ސޯލިހު މޮރިޝަސްގެ ވަގުތީ ރައީސާ ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ވަގުތީ ރައީސާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު މޮރިޝަސް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް މޮރިޝަސް އަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭސްމްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މޮރިޝަސްގެ ވަގުތީ ރައީސާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ދެގައުމަށްވެސް ވަރަށް އެއްގޮތް ގޮންޖެހުންތަކަކަށް ވާތީ އެފަދަ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މިބައްދަލުކުރުމުގައި ރައީސް ސޯލިހު ވަނީ އިއްޔެ އެމަނިކުފާނުގެ ދެ ކަނބަލުންނާއި ދިވެހި ޑެލިގޭޝަނަށް މޮރިޝަސްއިން ވިދާޅުވި ހޫނު މަރުހާބާއަށްޓަކައި އެގައުމުގެ ވަގުތީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

އިއްޔެ ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުނީތީ އުފާކުރައްވާކަން ހާމަކުރައްވައި މުބާރާތުގެ ކުރިޔަށް ހުރި ކުޅިވަރުތައް ވެސް ބައްލަވައިލެއްވުމަށް ވަރަށް ބޮޑަށް ޝައުޤުވެރިވެ ވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާނީ ހޯމަ ދުވަހުއެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ޓީމުތަކުން ބައިވެރިވާ ކުޅިވަރު މެޗުތައް ރައީސް ބައްލަވާލައްވާނެއެވެ.

comment ކޮމެންޓް