ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދީފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކުރަން ބޭނުން ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލު ކުރާނެ ގަވައިދުގެ ދަށުން ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރު ކުރުމަށް މިނިސްޓްރީ އަށް ހުށަހަޅާފައިނުވާ ފަރާތްތަކަށް، އެ ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރު ކުރުމަށް ހުށަހެޅޭނެ ކަމަށެވެ.
ކޮންސްޓްރަކްޝަން ޕީރިއަޑް މުއްދަތު ހަމަވެފައިވާ ފަރާތްތަކުން މުއްދަތު އިތުުރުކުރަން ބޭނުން ނަމަ އަންނަ މަހުގެ 13 ގެ ކުރިން މިނިސްޓްރީ އަށް ފޯމު ހުށަހެޅުމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގެ ގަވައިދުގައި ބުނެފައިވަނީ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭނީ ތިން ކަމަކަށް ބެލުމަށް ފަހު ކަމަށެވެ.
އެގޮތުން އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑް ގައި ތަން
އެއްކޮށް ތަރައްގީކޮށް ނިންމައި ހިންގަން ފެށުމަށް ހުށަހަޅަންޖެއެވެ. ފޭސްތަކަކަށް ބަހައިލައިގެން ތަރައްގީކުރަން ހުށަހަޅާ ނަމަ، މަދުވެގެން އެއް ފޭސް، ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ މުއްދަތުގެ ތެރޭގައި ނިންމައި ހިންގަން ފެށުމަށް، އެއްބަސްވާންޖެހެއެވެ.
ނޫންނަމަ ތަން ތަރައްގީކުރުމުގެ ގޮތުން ފާއިތުވި މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކާއި، އިތުރުކުރަން އެދޭ ކޮންސްޓްރަކްޝަން ޕީރިއަޑް ގައި މަސައްކަތް ހިންގަން
ރާވައިފައިވާ ގޮތުގެ ވޯކް ޕްލޭނެއް ހުށަހަޅަން ޖެހެއެވެ.
ތަން ކުއްޔަށް ހިފާފައިވާ ފަރާތުން ސީއެސްއާރުގެ ގޮތުގައި، ގަވައިދުގައި ބުނާ އަދަދަށްވާ ފައިސާ ފިނޭންސްގެ ޓޫރިޒަމް އެކްޓިވިޓީ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ޖަމާކުރުމުންވެސް ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެއެވެ.