އާޒިމާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ރައީސް ޔާމީން

2015 ވަނަ އަހަރުގެ ޖެނުއަރީ، 10 ގައި މިނިސްޓަރ ފޮރ ލީގަލް އެފެއާޒް މަޤާމަށް ‏ޢާއިޝަތު އާޒިމާ ޝަކޫރު ޢައަޔަނު ކޮށް އޭރުގެ ރައީސް ޔާމީން ފަތްކޮޅު ދެއްވަނީ --- ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާގެ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ދައުލަތުން ހުށަހަޅައިފި އެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ބާއްވާފައިވާއިރު ޕީޖީއިން ބުނީ، އާޒިމާ ދޮގު މައުލޫމާތު ފޯރުކޮށްދިނީ އެންޓި ކޮރަޕްޝަން ކޮމިޝަން (ޢޭސީސީ) އަށް ކަމަށެވެ. އަދި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގެ ކަމަށް ވެސް ޕީޖީން ވަނީ ބުނެފަ އެވެ.

މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލާފައިވަނީ އެސްކްރޯ އެކައުންޓް އެގްރިމެންޓާ ޚިލާފަށް ފައިސާ ޖަމާކޮށް ބޭންކް އޮފް މޯލްޑިވްސްއިން ވަކި ގޮތަކަށް ލިޔުން ހޯއްދަވާފައިވާތީ އެވެ. މީގެ ކުރިން ދައުލަތުން ހާމަކޮށްފައިވާ ގޮތުގައި އެކްސްރޯ އެކައުންޓަށް ޖަމާކޮށްފައި ވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އަތުން، ރައީސް ޔާމީން، ހޯއްދެވި އެއް މިލިއަން ޑޮލަރެވެ.

ޕީޖީއިން އާޒިމާއާ ދެކޮޅަށް ހެކި ހުށަހަޅާފައިވާއިރު ރައީސް ޔާމީންގެ އިތުރުން ދެން ހެކީންގެ ގޮތުގައި ހުށަހަޅާފައިވަނީ އޭސީސީގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި ހަސަން ލުތުފީ އާއި އޭރުގެ އޭސީސީގެ ނައިބު ރައީސްގެ މުއައްވިޒު ރަޝީދު އެވެ. އަދި ކުރީގެ ދެ ޓޫރިޒަމް މިނިސްޓަރުން ކަމަށްވާ މޫސާ ޒަމީރާއި އަހުމަދު އަދީބުގެ ނަން ވެސް ވަނީ ހުށަހަޅާފަ އެވެ. އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ނަން ވެސް ހެކީގެ ގޮތުގައި ވަނީ ހުށަހަޅާފަ އެވެ.

އާޒިމާއާ ދެކޮޅަށް ހަ މީހުން ހެކިންގެ ގޮތުގައި ހުށަހެޅިއިރު ކިތާބީ ހެކީގެ ގޮތުގައި ވެސް ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ބޭންކް ސްޓޭޓްމެންޓްތަކާއި ޗެކްތަކާއި ރައީސް އޮފީހާއި ބޭންކް ސިޓީތައް ވެސް ހިމެނެ އެވެ. އަދި ބޭންކް ސްޓޭޓްމެންޓްތަކާއި ޗެކްތަކުގެ ބައެއް ސިއްރުކޮށް ދިނުމަށް ޕީޖީއިން ވަނީ އެދިފަ އެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަށް އިންކާރު ކުރައްވައި އޭނާ ވިދާޅުވީ، ދައުވާގައި ބުނެފައިވާ ކަންތައް ހިނގައި ދިޔައިރު ރައީސް އޮފީހުގެ މަގާމެއްގައި އޭނާ ނުހުންނާނެ ކަމަށެވެ. އަދި އެކަމުގައި ޕީޖީ އައިޝަތު ބިޝާމްގެ ހިއްސާ އޮންނާނެ ކަން އާޒިމާ ފާހަގަ ކުރެއްވި އެވެ.

އެގޮތުން އެސްއޯއެފުން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި އިރު ރައީސް އޮފީހުގެ ލީގަލް ކަންކަމާ ހަވާލުވެ ހުންނެވީ ބިޝާމް ކަމަށެވެ.

އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވައި ޕީޖީގެ ވަކީލު ވިދާޅުވީ އެ މައްސަލާގެ ކުށަކީ އެސްއޯއެފްއިން ޖަމާކުރި ފައިސާތަކުގެ މައްސަލަ ތަހުގީގު ކުރަނިކޮށް އެ ފައިސާތައް އެސްކްރޯ އެކައުންޓަށް ޖަމާކުރުމުގެ އެގްރިމެންޓާ ހިލާފުވުން ކަމަށެވެ. އަދި އެ އެގްރިމެންޓް ތައްޔާރު ކުރެއްވީ އާޒިމާ ކަމަށާއި ލީގަލް ލަފާ ދެއްވީ ވެސް އާޒިމާކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ.

comment ކޮމެންޓް