މޫސުން ގޯސް، ދަތުރު ކުރުމުގައި ސަމާލުވުމަށް އެދެފި

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑު ދަތުރު ކުރުމުގައި އިތުރަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައި -- ފައިލް ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސޫން ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް) އޮފީހުން ބުނެފައިވާތީ ކަނޑު ދަތުރު ކުރުމުގައި އިތުރަށް ސަމާލު ވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގަ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލު ބާރުމިނުގައި ވައި ގަދަވާނެކަމަށް ލަފާ ކުރެވޭނެ ކަމަށެވެ.

އެހެންކަމުން، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތައް، މޫސުމާ ބެހޭ އިދާރާއިން އޮޅުންފިލުވުމަށް ފަހު، ދަތުރުތައް ރޭއްވެވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެގޮތުން، ކަނޑުދަތުރު ކުރައްވާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި، ދަތުރުކުރައްވާ އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ރޭގަނޑު ދަތުރުތައް ކުރައްވާނަމަ އިތުރަށް ސަމާލުވުމަށް ވަނީ އެދިފަ އެވެ.

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް ލިބެމުން އަންނަކަން ފާހަގަކޮށް ކޯސްޓްގާޑުން ބުނީ އިންޖީނު ހުއްޓިގެންނާއި، ދިޔަވެ ދިޔަގަނޑު ކޮންޓްރޯލް ނުވުމާއި، ޕަންޕު މައްސަލަ ޖެހިގެން ރިޕޯޓް ކުރާ ހާދިސާތައް ވަނީ އިތުރުވެފައި ކަމަށެވެ. އެހެންކަމުން މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި، ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާ ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ކޯސްޓްގާޑުން ވަނީ އެދިފަ އެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ.

comment ކޮމެންޓް