ޖަޕާނުގެ އެނިމޭޝަން ސްޓޫޑިއޯއެއްގައި ރޯވެ، 23 މީހަކު މަރުވެއްޖެ

ޖަޕާނުގެ ކިޔޯޓޯ އެނިމޭޝަން ސްޓޫޑިއޯގައި ރޯކޮށްލުމުގެ ސަބަބުން އިމާރާތުގައި ތާށިވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް -- ފޮޓޯ: ރޮއިޓާސް

ކިޔޯޓޯ (ޖުލައި 18): ޖަޕާނުގެ ކިޔޯޓޯ އެނިމޭޝަން ސްޓޫޑިއޯގައި މިއަދު ރޯވެ، މަރުވި ކަމަށް ލަފާ ކުރެވޭ މީހުންގެ އަދަދު 23އަށް އަރާފައިވާ ކަމަށް ކިޔޯޓޯ ފަޔާ ޑިޕާޓްމެންޓުން ބުނެފި އެވެ.

ޖަޕާނުގެ މީޑިއާތަކުގައިވާ ގޮތުން އެސްޓޫޑިއޯގައި މީހަކު ރޯކޮށްލީ ގަސްތުގަ އެވެ. އެގޮތުން މިއަދު ހެނދުނު ފިރިހެނަކު ވަނީ ސްޓޫޑިއޯއަށް ވަދެ، ޕެޓްރޯލް ކަމަށް ބެލެވޭ އެއްޗެއް ޖެހުމަށް ފަހު އެތަނުގައި ރޯކޮށްފައި ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ.

އެހަމަލާ ދިން މީހާ ހައްޔަރު ކުރުމަށް ފަހު، އޭނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އޭނާގެ އިތުރުން 40 މީހަކަށް ފަރުވާ ދެމުންދާ ކަމަށް ކިޔޯޓޯ ފަޔާ ޑިޕާޓްމެންޓުން ބުންޏެވެ.

އެހާދިސާއާ ގުޅިގެން، ކިޔޯޓޯ އެނިމޭޝަންގެ އުފެއްދުންތަކަށް ތަރުހީބުދޭ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފަ އެވެ. އަދި އެސްޓޫޑިއޯއަށް އެހީވުމަށް އޮންލައިން ކެމްޕޭނެއް ފަށައި، އެއް ގަޑި އިރު ތެރޭ 50،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ އެއްކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް