ވިއްސާރަވެ، އުމަރުގެ އެއްވުން އަނެއްކާވެސް ފަސްކޮށްފި

އުމަރު ނަސީރު -- ސަން ފައިލް ފޮޓޯ

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، "ލުތުފީ ޖަލަށް - މަގޭ މިނިވަން ގައުމު"ގެ ނަމުގައި ބާއްވަން ނިންމާފައިވާ އެއްވުން ވިއްސާރަ ވުމުގެ ސަބަބުން ފަސްކޮށްފި އެވެ.

ކާނިވާ ސަރަހައްދުގައި ބާއްވަން އުޅުނު އެއްވުން މިދިޔަ ހަފްތާ ބާއްވަން ނިންމި ނަމަވެސް އެ އެއްވުން މިރެއަށް ފަސްކުރީ އޭރު އެ ސަރަހައްދުގައި މަގުމަތީ ބާޒާރެއް ކުރިއަށްދާތީ އެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެއްވުން މިމަހުގެ 25 އަށް ފަސްކޮށްފައިވާކަން އުމަރު ވަނީ ހާމަ ކުރައްވައިފަ އެވެ.

އުމަރުގެ ޖަލްސާ ބޭއްވުމަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ ކާނިވާ ސަރަހައްދު ދޫކޮށްފަ އެވެ. ޖަލްސާ ބާއްވަން ހުއްދަ ދީ ޕްލޭނިން މިނިސްޓްރީ އިން އުމަރަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހަރަކާތް ކުރިއަށް ގެންދާ ވަގުތު އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު އެއްވެސް ހަމަލެއް ނުހިންގުމަށާއި ހަމަނުޖެހުމެއްގައި ލިބޭ ގެއްލުމުގެ ޒިންމާ އުމަރު ނަންގަވަން ވާނެ ކަމަށެވެ.

އުމަރު ގަބޫލުކުރާ ގޮތުގައި އެއީ ލުތުފީ ގެންނަން އޭނާ ކުރި މަސައްކަތުގެ ނަތީޖާ އެވެ. ލުތުފީ މެއި މަހުގެ ފުރަތަމަ ދުވަހު ލަންކާ އެމްބަސީއަށް ވަދެ އަމާން ދިން ކަން ސަރުކާރުން ސިއްރުކޮށްގެން އުޅެނިކޮށް އެކަން ފަޅާއަރުވާލީ އުމަރެވެ.

އުމަރު ވިދާޅުވީ ލުތުފީ އެމްބަސީއަށް ވަދެ އަމާން ދޭން ޖެހުނީ ވެސް ހޯމް މިނިސްޓަރު ކަމުގައި އޭނާ ހުރި އިރު ކުރި މަސައްކަތުގެ ސަބަބުން، އިތުރު ގޮތެއް ނެތުމުން ކަމަށެވެ.

ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފައި ވަނީ ޖުލައި ދެ ވަނަ ދުވަހުގެ ރެއެވެ. އަދި އޭނާ ފިލި މައްސަލައިގެ ތަހުގީގު ވެސް މިހާރު ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް