"ދި ޖަޖް"ގެ ސްކްރީނިންގައި ރައީސް ބައިވެރިވެ ވަޑައިގެންފި

ދަ ޖަޖް ސްކްރީން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ފަލަސްތީނުގެ އެންމެ ފުރަތަމަ އަންހެން ފަނޑިޔާރު، ހުލޫދު އަލް ފަގީހާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޑޮކިޔުމެންޓްރީ ފިލްމު "ދަ ޖަޖް" ސްކްރީން ކުރުމަށް ރޭ އޮޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގެންފި އެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީ އާއި އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ އުތެމަ ގުޅިގެން ރޭ އޮލިމްޕަހުގައި ބޭއްވި ސްކްރީނިންގައި ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

"ދަ ޖަޖް" ފިލްމުގައި ދައްކުވައިދެނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވިހުލޫދު، މެދުއިރުމަތީގެ ޝަރުއީ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރުކަމުގައި ވެވަޑައިގެންނެވުމަށް ކަޑައްތު ކުރެއްވި ދިގު ރާސްތާއެވެ.

އެގޮތުން ވަކީލެއްގެ ގޮތުގައި އެކަމަނާ ކުރެއްވި ބުރަ ދަތުރުފުޅާއި، އަންހެނުންނަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ އިތުރުން އެކަމަނާގެ ރަސްމީ ބައެއް މަސައްކަތްތަކާއި އާއިލީ ދިރިއުޅުއްވުން ވެސް މި ފިލްމުގައި ދައްކުވައިދެ އެވެ. އަދި މީގެ ކުރިން ހާމަވެފައި ނުވާމިންވަރަށް ހާމަކަމަކާއެކު މެދުއިރުމައްޗާއި ފަލަސްޠީނުގެ ޝަރުއީ ކޯޓުތަކުގެ ވާހަކަތައް ގެނެސްދީފައިވާ މި ޑޮކިއުމަންޓްރީގައި ފަލަސްތީނުގެ އާދަކާދައާއި ގާނޫނީ ދާއިރާ ވެސް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ.

ރޭ އޮލިމްޕަހުގައި ބޭއްވި ފިލްމު ސްކްރީނިން އަށްފަހު، "އަންހެނުންނާ ފަނޑިޔާރުކަން" މި މައުލޫގެ މައްޗަށް ޕެނަލް އަކާ އެކު ހިޔާލު ބަދަލުކުރެވިފައިވެ އެވެ.

comment ކޮމެންޓް