ބިދޭސީން ބޭރުކުރާ އަށް ބިލިއަން ރުފިޔާގެ "ދަންތުރަ"

ބިދޭސީންތަކެއް ކޮންސްޓްރަކްޝަން މަސައްކަތުގައި: ބިދޭސީން ރާއްޖެއިން ބޭރުކުރާ ފައިސާ އަހަރަކުން އަހަރަކަށް އަންނަނީ އެތައް ގުނައެއް އިތުރުވަމުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހްބ

ރާއްޖޭގެ ޖުމްލަ އާބާދީއަކީ 372،739 މީހުން ކަމަށްވާއިރު، 250،000 އެއްހާ ބިދޭސީން ރާއްޖޭގައި އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ. އެހެން ކަމަށްވާ ނަމަ، ދިވެހިންގެ އާބާދީގެ 67 ޕަސެންޓާ އެއްވަރަށް ރާއްޖޭގައި ބިދޭސީންގެ އާބާދީއެއް އެބަ އޮތެވެ. އަދި ތަފާސްހިސާބާ ބެހޭ އިދާރާގެ ލަފާކުރުމަކީ ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ބިދޭސީންގެ އާބާދީ، 500،000 އާ ގާތްކުރާނެ ކަމެވެ.

ހިފެހެއްޓުމެއް ނެތި ބިދޭސީންގެ ބޮޑު އާބާދީއެއް ރާއްޖޭގައި ފައްކާވެ، ހައްތަހާ ބޮޑުވަމުން އަންނަ އިރު، އެ މީހުން އުފަން ކުރާ އެންމެ ބޮޑު އިގްތިސާދީ މައްސަލައަކީ ރާއްޖޭގެ އިގްތިސާދުގެ ތެރެއިން ކަހާލައިގެން ބޭރަށް ގެންދާ ފައިސާ އެވެ. މިއީ ބޮޑުވަމުން އަންނަ ބިދޭސީ އާބާދީން އުފަންކުުރުވާނެ، ވޭނާއި ތުރާ އެންމެ ބޮޑު އިގްތިސާދީ މައްސަލަގަނޑެވެ.

ބިދޭސީން ބޭރުކުރާ ފައިސާ 8 ބިލިއަންގައި!

މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެންނަ މަންޒަރަކީ މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ބިދޭސީއިން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާ، ރެކޯޑް މިންވަރަަކަށް އިތުރުވުމެވެ. އެ މީހުން ރާއްޖެއިން ބޭރަށް ފޮނުވި ފައިސާ، 2013 ވަނަ އަަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ވަނީ 118 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެކަނި 531.7 މިލިއަން ޑޮލަރު (8.2 ބިލިއަން ރުފިޔާ) ބިދޭސީއިން ރާއްޖެއިން ބޭރުކޮށްލި އިރު، އެއީ 2013 ވަނަ އަހަރާ އަޅާކިޔާ އިރު، 313.9 މިލިއަން ޑޮލަރުގެ އިތުރު އަދަދެކެވެ. މިއަދަދު 100 ގުނަ އިތުރު ވެގެން ގޮސްފައި މި ވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށެވެ.

"ފައިސާ ރާއްޖޭގެ އިގްތިސާދުގައި ހަރުނުލާ ބޭރަށް ދިޔުމަކީ ރާއްޖޭގެ އިގްތިސާދީ ހަކަތަ ރާއްޖެއިން ބޭރަށް ގެންދިޔުން. ބޭރުވެގެން މި ދަނީ އިގްތިސާދީ ހަރަކާތްތަކަށް ހުންނަ ފައިސާ. މީގެ ސަބަބުން އިގްތިސާދީ ދުވެލީގައި ބުރަކި ޖެހޭނެ، ބޭރު ފައިސާގެ މާކެޓަށް ބާރު ބޮޑުވާނެ. އުފެއްދުންތެރިކަމުން ގައުމަށް ލިބޭ ފައިދާއެއް ނޯންނާނެ،" ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަހުމަދު މުނައްވަރު ވިދާޅުވި އެވެ.

މިގޮތަށް ބޭރަށް ފޮނުވޭ ފައިސާގެ ތެރެއިން ބޮޑު ބައެއް، ދަނީ ސީދާ ބަންގްލަދޭޝްއަށެވެ. އެއީ 39 ޕަސެންޓެވެ. ދެން ބާކީ ބައިން 15 ޕަސެންޓް އިންޑިއާއަށް، އަށް ޕަސެންޓް އަށް ޕަސެންޓް ސްރީލަންކާއަށް، ހަތް ޕަސެންޓް ނޭޕާލްއަށް އަދި ހަ ޕަސެންޓް އިންޑޮނޭޝިޔާ އަދި ފިލިޕީންއަށެވެ.

ހަފްތާ ބަންދެއްގައި ޖުމްހޫރީ މައިދާން ސަރަހައްދުގައި ބިދޭސީންތަކެއް އެ މީހުންގެ ރަހުމަތްތެރިންނާ އެކު ހިތްހަމަ ޖައްސާލުމުގައި: ރާއްޖޭގައި 200،000 އެއްހާ ބިދޭސީއިން އުޅޭ -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އެމްއެމްއޭއިން ލަފާކުރާ ގޮތުގައި ބިދޭސީއިން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ޓްރެންޑް މިހާރު ހުރި ގޮތަށް ހުރެއްޖެ ނަމަ މިއަހަރު ތެރޭގައި ބިދޭސީން ރާއްޖެއިން ބޭރަށް 578.9 މިލިއަން ޑޮލަރު (8.9 ބިލިއަން ރުފިޔާ) ބޭރު ކުރާނެ އެވެ. މިއީ ހަގީގަތުގައި އެލާމިން ރޭޓެކެވެ. އިގްތިސާދީ ގޮތުން ރަތް ރޮގު ހުރަސް ކުރުމެކެވެ.

"މިއީ އަދި ރަސްމީކޮށް އެނގޭ އަދަދު. މީގައި ނުރައްކަލަކީ ނުގަވާއިދުން މިއުޅޭ މީހުން. އެ މީހުން ބޭރުކުރާ އަދަދު ވެސް އަންދާޒާ ނުކުރެވޭ. އަނެއްކާ އެ މީހުން އިގްތިސާދުގެ ހުރިހާ މަސައްކަތެއްގައި އެބަ އުޅެމުން އާދޭ. މިކަން ހައްލު ކުރެވޭނީ ދިގު މުއްދަތުގެ ސްޓްރެޓަޖީއަކުން،" ރާއްޖޭގެ އިގްތިސާދު ދިރާސާ ކުރެއްވުމުގެ މަސައްކަތުގައި އެމްއެމްއޭގެ އިސް މަގާމުތަކުގައި ވެސް މަސައްކަތް ކުރެެއްވި މުނައްވަރު ވިދާޅުވި އެވެ.

ވަގަށް ފައިސާ ބޭރު ކުރަން ހީލަތާއީ މަކަރު!

އިމިގްރޭޝަންގެ ރަސްމީ ރެކޯޑްތަކުން ދައްކާ ގޮތުން 60،000 ހާހެއްހާ ބިދޭސީން ރާއްޖޭގައި އުޅެނީ ގަވާއިދާ ހިލާފަށެވެ. އެއިން ކޮންމެ މީހަކު މަހެއްގެ މައްޗަށް އެވްރެޖްކޮށް 500 އެއްހާ ޑޮލަރު ރާއްޖެއިން ބޭރު ކުރާނެ ކަމަށް އަންދާޒާ ކުރަން ހިނގާށެވެ. އެހެން ވެއްޖެ ނަމަ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަހެއްގެ މައްޗަށް 30 މިލިއަން ޑޮލަރު، އަހަރަކަށް 360 މިލިއަން ޑޮލަރު ރާއްޖެއިން ބޭރު ކުރާނެ އެވެ.

އެ ނަތީޖާ އެއްކޮށްލައިގެން ހިސާބު ޖަހާ ނަމަ، ބިދޭސީއިން ރާއްޖެ ބޭރު ކުރާ ފައިސާގެ އަދަދު އަހަރަކު، ނުވަ ބިލިއަނެއްހާ ރުފިޔާއަށް ވުރެވެސް އިތުރުވާނެ އެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމަށް ފައިސާ ފޮނުވަން ޖެހެނީ ވަގަށެވެ. އެކަމަކު، ވަގަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ކުޅިގަނޑު ކުޅެނީ މިހާރު ހަމައެކަނި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއިންނެއް ވެސް ނޫނެވެ.

ވިސާފީ ދައްކައިގެން، ވިސާ ހަމަޔަށް އޮންނަ ބިދޭސީން ވެސް އެ މަގު ހިޔާރު ކުރަން ފެށީ ބިދޭސީއަކު ބޭރަށް ބޭރަށް ފޮނުވާ ފައިސާއިން ރެމިޓެންސް ޓެކްސްް، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނަގަން ފެށުމާ އެކު އެވެ. އެޔާ އެކު ރެމިޓެންސް ކުންފުނިތައް މެދުވެރިކޮށް ބިދޭސީއިން ބޭރަށް ފައިސާ ފޮނުވަން ކުރާ މުއާމަލާތްތައް ކުއްލިއަކަށް ދަށަށް ދިޔަ އެވެ. ރެމިޓެންސް ޓެކްސްގެ ގޮތުގައި ފޮނުވާ ފައިސާގެ ތިން ޕަސެންޓް ދައްކަން ޖެހުމުން އެ ޓެކުހުން އެ މީހުން ސަލާމަތްވާނެ މަގެއް ހޯދަަން މަޖުބޫރުވީ އެވެ.

"ރަށަށް ލާރި ފޮނުވަން ޖެހެނީ. އެކަމަކު ޓެކްސް ދައްކަނީމާ ބޮޑު އަދަދު ކެނޑެނީ. އެހެންވެ، އަހަރެން ރަށްޓެހި މީހާ ފިހާރަ ހުންނަނީ އެތަނުން ލާރި ފޮނުވަނީ. ނޫނީ ރަށްޓެހި މީހާ ރަށަށް ދަނީ ލާރި ފޮނުވަނީ،" މާލޭގައި އުޅޭތާ ފަސް ވަރަކަށް އަހަރުވެފައިވާ ބަންގްލަދޭޝްގެ ލޭބަރަކު ނަން ނުޖަހާ ގޮތަށް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ގައުމަށް ފޮނުވަން ބޭނުންވާ ފައިސާ މާލޭގައި ވިޔަފާރިއެއް ހިންގާ ބިދޭސީއެއްގެ އަތަށް އޭނާ ދެނީ އެވެ. ކޮމިޝަނެއް ނެގުމަށް ފަހު އެ ފައިސާ އޭނާ ފިހާރައިގެ ނަމުގައި ޖަމާކުރަނީ، އެ މީހުންގެ ގައުމުގައި ހުންނަ ކުންފުންޏެއްގެ އެކައުންޓަށެވެ. އެ ކުންފުނިން އެ ފައިސާ އާއިލާތަކަށް ރައްދުކޮށްދެނީ އެވެ. އެ ހިސާބުން ތިން ޕަސެންޓްގެ ޓެކުހުން އެ މީހުން ސަލާމަތް ވަނީ އެވެ. ސަބަބަކަށް ވަނީ، އެގޮތަށް ލާރި ފޮނުވަން ކުރަން ޖެހޭ ހޭދަ ކުޑަވުމެވެ. އަދި އަނެއް ބައި ފަހަރު ރަހުމަތްތެރިއަކު ރާއްޖެ އިން ފުރާއިރު އާއިލާއަށް ރައްދު ކުރަން ގަނޑުކޮށް ފައިސާ އޭނާއާ ހަވާލު ކުރަނީ އެވެ. އެ ފައިސާ ރައްދު ކުރުމުގެ މެދުވެރިއަކަށް ވަނީ ގައުމަށް އެނބުރި ދާ މީހާ އެވެ.

މީހަކު ޑޮލަރުތަކެއް ގުނަނީ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

މިކަހަލަ ދެތިން ކޭހެއް 2017 ވަނަ އަހަރުގެ ތެރޭގައި ފުލުހުން ފަޅާވެސް އަރުވާލައި ފައިސާތަކާ އެކު އެފަދަ ބިދޭސީއިން ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ރެމިޓެންސް ޓެކުހުން ބޯދަމައިގަނެ ވަގަށް ފައިސާ ބޭރުކުރުމުގެ ސަގާފަތެއް ނިމުމެއްނަ އެެވެ.

އެ ހުރިހާ މަކަރެއްގެ ތެރެއިން ވެސް، މިދިޔަ ޖޫން މަހާ ހަމަޔަށް މީރާޔަށް ވަނީ ރެމިޓެންސް ޓެކްސްގެ ގޮތުގައި 53.5 މިލިއަން ރުފިޔާ އެވެ. މި އާމްދަނީ އިން ވެސް ދައްކުވައިދޭ މަންޒަރަކީ ގަވާއިދާ އެއްގޮތަށް ވެސް ބިދޭސީއިން ރާއްޖެއިން ބޭރަށް ފަައިސާ ފޮނުވާ އަދަދު ވަރަށް ވެސް މަތީގައި ހުރި ކަމެވެ.

ހައްލަކީ ދިވެހިން ވަޒީފާއަށް ނެރުން!

ބިދޭސީ މަސައްކަތްތެރިން ތަކެއް. ސަން ފައިލް ފޮޓޯ

އިގްތިސާދީ ދާއިރާގެ ބޭފުޅުންގެ ނަޒަރުގައި ބިދޭސީއިން ރާއްޖެއިން ބޭރަށް ބޭރުކުރާ ފައިސާގެ ސަބަބުން އިގްތިސާދު ބޮޑެތި ކަންތައްތަކުގެ ތެރޭގައި ތާށިވެ އެވެ. ހާއްސަކޮށް ބޭރު ފައިސާގެ ޑިމާންޑް ބޮޑުވެ، ސާކިއުލޭޝަންގައި އުޅޭ ބޭރު ފައިސާގެ ބޮޑު ބައެއް ބިދޭސީއިން އަތްދަށުލަ އެވެ. ނަތީޖާއަކަށް ވަނީ، ޑޮލަރު ހޯދުމަށް ދަތިވުމެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ބޭރު ފައިސާ އިގްތިސާދުގައި ދައުރު ނުވެ، ރާއްޖެއިން ބޭރަށް ދާ ނަމަ، ޑޮލަރުގެ ބުލެކް މާކެޓް އުފެދި އިންފްލޭޝަން ވެސް މައްޗަށް އުފުލިގެން ދެ އެވެ.

މީގެ ކުރިން ވެސް ވާހަކަ ދެއްކެވި މުނައްވަރު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިން އެކަށީގެންވާ ގޮތުގައި ވަޒީފާގެ ބާޒާރަށް ނުނެރެވެ އެވެ. އެކަމަކު ބިދޭސީއިން ވަޒީފާތަކުން މަދުކޮށް ރާއްޖޭގެ އިގްތިސާދީ ނަފާ ރާއްޖޭގެ އެތެރޭގައި ރޯލް ކުރެވޭނެ މަގެއް ހޯދައިގެން ނޫނީ، މައްސަލައަށް ހަގީގީ ހައްލެއް ނާންނެ އެވެ. ބިދޭސީންއަށް ދޫކުރާ ވަޒީފާތައް މަދު ކުރަން، ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ ގަބޫލު ކުރައްވާ ގޮތުގައި ދިވެހި މަސައްކަތްތެރިންނަށް ދޭ އުޖޫރަ އާއި އިނާޔަތްތައް ރަނގަޅު ކުރަން ޖެހެ އެވެ. ޓޫރިޒަމާއި މާލީ ދާއިރާއަށް ބޭނުންވާ ޕްރޮފެޝަނަލް ސްކިލް ހުރި ދިވެހިން ވަރަށް ވެސް މަދެވެ. އެކަމަކު އެ ސުކިލް އިތުރު ކުރަން ޖެހޭ ކަމަށް މުނައްވަރު ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑަށް ހީވަނީ ފައިނޭންޝަލް ސެކްޓާ އެބަ ޖެހޭ ކަން ނޭނގެ ވަރުގަދަ ކުރަން. އެ ދާއިރާއިން ނެތް ތަމްރީން ހުރި މީހުންނެއް. އަނެއްކާ ރިސޯޓްތަކުގެ ޕްރޮފެޝަނަލް ވަޒީފާތަކަށް ވެސް ސްކިލް ހުރި ދިވެހިންނެއް ނުއެއް އުފެއްދޭ. މި ދެ ކަންތަކަށް ފޯކަސްކޮށްގެން ދިވެހިން ވަޒީފާއަށް ނެރުމަށް އެބަ ޖެހޭ މަސައްކަތްތަކެއް ފަށަން. މި މައްސަލައަށް ހަގީގީ ހައްލު ހޯދޭނީ ދިވެހިން ވަޒީފާތަކަށް ނިކުންނަން ޖެހޭ ސަބަބުތައް ގިނަކޮށްގެން، އެ މީހުން ވަޒީފާއަށް ނެރެގެން،" މުނައްވަރު ވިދާޅުވި އެވެ.

އިގްތިސާދުން ކޮންމެ އަހަރަކު އަށް ބިލިއަނެއްހާ ރުފިޔާ ބޭރުވެގެން ދާތަން ބަލަން ތިބެވޭކަށް ނެތެވެ. އެކަމަށް ހައްލު ވެސް ހޯދަން ޖެހެނީ ދިވެހީން އަމިއްލައަށެވެ. އެއީ، ދިވެހީންގެ ތެރެއިން އަންނަން ޖެހޭ ހައްލެކެވެ. ބިދޭސީންއަށް ދޫކުރާ ވަޒީފާތައް މަދު ކުރަންވީ އެވެ. ވަޒީފާގެ ބާޒާރަށް ދިވެހިން ނިކުންނަންވީ އެވެ. އެހެން ނޫން ނަމަ، މިބޭރުވާ ފައިސާގެ "ދަންތުރައިގައި" މުޅި ދިވެހި އިގްތިސާދު އުމުރަށް އޮންނާނީ ޖެހި ހަފުސްވެފަ އެވެ.

comment ކޮމެންޓް