ޖުލައި 26 އަދި ބޮޑު އީދު ޗުއްޓީ ދިގުކޮށްދީފި

ފިތުރު އީދު ބަންދާ ދިމާކޮން މާލެއިން ބޭރަށް -- ސަން ފޮޓޯ -- އަހުމަދު އަވްޝަން އިލްޔާސް

މި އަހަރުގެ މިނިވަންދުވަހުގެ ބަންދާއި ބޮޑު އީދު ބަންދު ދިގުވާ ގޮތަށް، ބައެއް ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފިއެވެ

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ މިނިވަންދުވަހާއި ގުޅުވައިގެން ޖުލައިމަހުގެ 28 ވާ އާދިއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މިނިވަންދުވަސް ނުވަތަ ޖުލައި 26 އަކީ އަންނަ ހަފްތަގެ ހުކުރު ދުވަހެވެ. މިނިވަންދުވަހާއި ގުޅުވައިގެން ބާއްވާ ކުޅިވަރުތަކަށްފަހު ޖެހިގެން އަންނަ ދުވަސް ރަސްމީ ދުވަހަކަށްވާނަމަ އާންމުކޮށް އެދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައެވެ.

މީގެ އިތުރުން ދެން ސަރުކާރުން ނިންމީ ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ ބޮޑު އީދު ބަންދާ ގުޅުވައި، އަންނަ އޯގަސްޓް މަހުގެ 15 ވާ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާށެވެ.

އެ ދުވަސް ބަންދުކުރުމުން އީދު ދުވަހުގެ ކުރިން އޮންނަ ހަފްތާ ބަންދާއެކު، އީދު ޗުއްޓީއަށް ޖުމްލަ ނުވަ ދުވަސް ލިބޭނެއެވެ.

ކަލަންޑަރުގައި ވާ ގޮތުން ހައްޖު ދުވަހަކީ އޯގަސްޓް 10 ވާ ހޮނިހިރު ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ ޖެހިގެން އަންނަ، އޯގަސްޓް މަހުގެ 11 ވާ އާދީއްތަ ދުވަހެވެ.

ޖެހިގެން އަންނަ ބުރާސްފަތި ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ގިނަ ބަޔަކު އީދު ޗުއްޓީގައި ރަށުން ބޭރަށް ދާނެތީ، ލުއިފަސޭހަ ކޮށްދިނުމަށެވެ.

comment ކޮމެންޓް