ނޭމާގެ ބަދަލުގައި ޕީއެސްޖީއަށް ބާސެލޯނާގެ ދެ ކުޅުންތެރިން ދޫކޮށްލަނީ

ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާ --- ފޯޓޯ// ސޭމް މެގީ

ޕީއެސްޖީއިން ނޭމާ ދޫކޮށްލަން އެއްބަސްވާ ނަމަ 300 މިލިއަން ޕައުންޑުގެ އަގުހުރި ދެ ކުޅުންތެރިންނާ އެކު އިތުރު 40 މިލިއަން ދޭން ބާސެލޯނާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

ސްޕެނިޝް ޕަބްލިކޭޝަން އޭއެސްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ބާސެލޯނާގެ ފޯވާޑަށް ކުޅެމުން އަންނަ އުސްމާން ޑެމްބެލޭއާއި ކުޓީނިއޯ ޕީއެސްޖީއަށް ދޫކޮށްލަން އެކުލަބުން ތިބީ ތައްޔާރަށެވެ. ނަމަވެސް އެއީ ނޭމާގެ ބަދަލެއްގެ ގޮތުގައި ކަމަށާއި ނޭމާ ބާސެލޯނާއަށް އައިސްފި ނަމަ އިތުރު 40 މިލިއަން ވެސް ޕީއެސްޖީއަށް ބާސެލޯނާއިން ދޭން ތައްޔާރު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް ފްރާންސްގެ ގިނަ ރިޕޯޓުތަކުން ބުނަނީ ޕީއެސްޖީއިން ނޭމާއަށް ކުރި ބިޑުތަކަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ބާސެލޯނާއިން ނޭމާ ގެންދަން ކުރާ މަސައްކަތަކީ ފައިދާއެއް ނެތް މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް ނޭމާގެ ހަރަކާތްތައް ހުރި ގޮތުން އޭނާ ޕީއެސްޖީގައި މަޑު ކުރަން ބޭނުން ނުވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެގޮތުން ނޭމާ އަދިވެސް ޕީއެސްޖީގެ ޕްރި ސީޒަން ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެއެވެ. އޭނާ އަދިވެސް އަންނަނީ ބްރެޒިލްގައި ޗުއްޓީ ހޭދަކުރަމުންނެވެ. އެ މައްސަލައިގައި ނޭމާއަށް ފިޔަވަޅު އަޅާ މުސާރައިން ބައެއް އުނި ކުރާނެ ކަމުގެ އިންޒާރު ޕީއެސްޖީއިން ދީފައިވީ ނަމަވެސް ނޭމާގެ ބައްޕަ ވަނި އޭނާއަށް ޕީއެސްޖީއިން ދިން މުއްދަތައް ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ނޭމާގެ މައްސަލައިގައި ޕީއެސްޖީގެ ރައީސް ނަސީރު އަލް ޚަލަފީ ވެސް ވަނީ ރައްދު ދީފަ އެވެ. އޭނާ ބުނީ ނޭމާގެ އަމަލުތަކުން ކުލަބަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށާއި އެކަން ކަމަކީ ކުލަބުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"ނޭމާ ގަދަކަމަކުން ނޫން ޕީއެސްޖީގައި ބަހައްޓާފައި އެ ހުންނަނީ. އޭނަ ވެސް ބޭނުން ވެގެން ޕީއެސްޖީއަށް އޭނާ ގެނައީ." ޕީއެސްޖީގެ ރައީސް ބުނެފައިވެ އެވެ.

comment ކޮމެންޓް