"އަގުބޮޑު ކުޅުންތެރިންތަކެއް ގަންނަން އާސެނަލް ދަނީ ވާހަކަ ދައްކަމުން"

އާސެނަލްގެ ކޯޗު އުނޭ އެމެރީ: އާސެނަލަސް މިފަހަރު ނަން މަޝްހޫރު ކުޅުންތެރިންތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުނޭ --- ފޮޓޯ// ސަޗާ ޕިސަނީ

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ނަން މަޝްހޫރު، އަގުބޮޑު ކުޅުންތެރިންތަކެއް އާސެނަލަށް ގެންދިއުމަށް ވާހަކަ ދެކެވެމުންދާ ކަމަށް އެ ޓީމުގެ ކޯޗު އުނޭ އެމެރީ ބުނެފި އެވެ.

ޔޫރަޕުގެ ގަދަ ބާރެއްގެ ގޮތުގައި އެއް އިރެއްގައި ފާހަގަވެފައި އޮތް އާސެނަލުން ފަހުގެ ތާރީހުގައި ބޮޑު ކާމިޔާބީއެއް ހޯދިފައި ނުވާ އިރު އެ ކުލަބުގެ ހުރިހާ ސަޕޯޓަރުންވެސް އަބަދު ދައްކާ ވާހަކަ އަކީ އާސެނަލަށް ނަން މަޝްހޫރު ކުޅުންތެރިން ގެންނަން ނުކެރޭ ވާހަކައާއި ކުލަބުން ހަރަދު ނުކުރާ ވާހަކަ އެވެ. އެގޮތުން މި ސީޒަނުގައި ވެސް މިހާތަނަށް ތިން ކުޅުންތެރިއަކު އާސެނަލަށް ގެނައި އިރު ގެނެސްފައި ވަނީ ނިސްބަތުން އެވްރެޖް ތިން ކުޅުންތެރިއެކެވެ.

އާސެނަލުން ވޭތުވެ ދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ފަސްވަނައިގައި ނިންމުމާ ގުޅިގެން އެ ޓީމަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ގެއްލިފަ އެވެ. ކަން މިހެން ވުމާ އެކު އެ ކުލަބަށް ކުޅެން ނަން މަޝްހޫރު ބޮޑެތި ބައެއް ކުޅުންތެރިން ބޭނުން ނުވާނެ ކަމަށް އާސެނަލަގެ ކޯޗު ކުރިން ބުނި ނަމަވެސް އޭނާ މިހާރު ބުނަނީ އެ ކުލަބަށް ފެންވަރު ސާބިތުކޮށްދީފައި ތިބި ނަން މަޝްހޫރު ކުޅުންތެރިންތަކެއް ގެންދިއުމަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ.

"އަހަރެން ކުލަބުގެ ސަޕޯޓަރުން ކައިރިން އެދެނޭ ކެތްތެރިވުމަށް. މިހާރު މިއޮތް ސްކޮޑުގެ އިތުރުން އަދި ހަތަރު ކުޅުންތެރިއަކު ވަރަށް އަވަހަށް ކުލަބަށް އަންނާނެ. އެ ޓީމު ގޮވައިގެން ރަނގަޅު ކާމިޔާބީއެއް އަންނަ ސީޒަނުގައި ހޯދޭނެ ކަމުގެ އުންމީދު އެބައޮތް،" އެމެރީ ބުންޏެވެ.

"މިހެން ބުންޏަސް ގެންނަން މިއުޅޭ ކުޅުންތެރިންނަކީ ސަޕޯޓަރުން ވެސް ބޭނުންވާނެ ފަދަ ނަން މަޝްހޫރު ކުޅުންތެރިންތަކެއް. މިފަހަރު ކުލަބުން ކުޅުންތެރިން ގެނައުމަށް ބޮޑު ހަރަދެއް ކުރާނެ."

އެމެރީ ބުނީ ކުލަބަށް ގެންނަން ނިންމާފައިވާ ކުޅުންތެރިންގެ ނަންތައް މިވަގުތު ބުނެވެން ނެތް ކަމަށެވެ. ނަމަވެސް ކައިރި މުސްތަގުބަލެއްގައި އެންމެނަށް ވެސް އެނގިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް