ސީލައިފުގެ މަޅީގައި ޖެހުނު މީހުންނަށް ސަރުކާރުން ފްލެޓު ދެނީ

ސީލައިފުން ހުޅުމާލޭގައި އިމާރާތްކުރަން އިއުލާންކުރި ހައުސިންގް ޔުނިޓްތަކުގެ މޮޑެލެއް---

ސީލައިފް ގްލޯބަލްގެ މަޅީގައި ޖެހުނު މީހުންނަށް ބަދަލުގެ ގޮތުގައި ސަރުކާރުގެ ހައުސިން ސްކީމަކުން ފްލެޓު ދޭން ނިންމައިފިއެވެ.

ސީލައިފުން އެޕާޓްމަންޓް އަޅަން އިއުލާން ކުރި މަޝްރޫއާ އެކު އެޕާޓްމަންޓްތައް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ސީލައިފަށް ވަނީ ފައިސާ ދައްކައިފަ އެވެ.

އެހެން ނަމަވެސް އެކި މައްސަލަތަކާ ހުރެ ޕްރޮޖެކްޓް ހުއްޓި މަސައްކަތް ވެސް ކުރިއަށް ނުގޮސް، ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ނުލިބި ހާލުގައި ޖެހުނެވެ.

އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފައިސާ ދެއްކި ބައެއް މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ. އެ މައްސަލަ ހައްލު ކުރުމަށް އެ ފަރާތްތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެމައްސަލާގައި އެޗްޑީސީ އިން މިއަދު ނެރުނު ނޫަސްބަޔާނެއްގައި ބުނީ ސީލައިފް އިން ފްލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުން ދައުވާ އުފުލާފައިވަނީ އެކުންފުނިވެސް ހިމެނޭ ގޮތަށް ކަމަށާއި އެ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރީ އެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ.

ސީލައިފްގެ މައްސަލައަކީ އެޗްޑީސީ އަދި ސަރުކާރުގެވެސް އެއްވެސް އިހުމާލެއް ނެތް ކަމެއް ކަމަށާއި ނަމަވެސް އެ މައްސަލާގައި ގިނަ ބަޔަކަށް ގެއްލުން ލިބިފައިވާތީ، އެ ގެއްލުން ކުޑަ ކުރުމަށް އެ ފަރާތްތަކާއެކު އެއްބަސްވުމަކަށް އައީ ކަމަށް އެޗްޑީސީ ގެ ބަޔާނުގައި ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާ އާއި އެއްވަރުގެ އަދަދެއް އެޗްޑީސީ އިން ދޭނެއެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް އެއްބަސްވެފައިވާ ކަމަށް އެޗްޑީސީ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

"މި އެއްބަސްވުމުގެ ދަށުން މި ކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް މި ކުންފުނިން މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދެންނެވީމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

ސީލައިފް އިން ފްލެޓު ގަތުމަށް ފައިސާ ދެއްކި މީހުންނަށް ލިބުނު ގެއްލުމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު އެ ކުންފުނީގެ ވެރިޔާ މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ) ހޯދަން ފުލުހުން ވަނީ އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފަ އެވެ.

ދާދި ފަހުން ބޭއްވި ނޫސްކޮންފަރެންސެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސީލައިފްއިން އެޗްޑީސީއަށް ދައްކާފައި ހުރި އެޑްވާންސް ފައިސާގެ ތެރެއިން ޑައުން ޕޭމަންޓަށް ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ދިނުމަށް ފަހު ޕްރޮޖެކްޓް އަލުން ފެށުމަށް އެ ކުންފުނިން ހުށަހަޅާފައި ވާތީ އެކަމާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުން އެވެ. އަދި ސީލައިފްއަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލްއިން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.

މީގެ އިތުރުން 2014 ވަނަ އަހަރުގެ ތެރޭގައި ސީލައިފްގެ މޯލްޑިވްސް އިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 15،000 ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް އޭސީސީއިން އަންނަނީ ބަލަމުން އެވެ. އޭސީސީއިން ތުހުމަތު ކުރާ ގޮތުގައި އެ ފައިސާ އަކީ، ހައުސިން މަޝްރޫއާ ގުޅުން ހުރި ފައިސާ އެކެވެ.

އެހެން ނަމަވެސް ސީލައިފުން އެކަން ދޮގު ކުރަމުން ބުނެފައި ވަނީ، އެ ފައިސާ އަކީ އެ ކުންފުނީގެ ވެރިޔާ އައްމަޓީގެ ކާރެއް މަރާމާތުކުރުމަށް އެކި ފަހަރުމަތިން ރައީސް ޔާމީންގެ އަތުން ކުރެއްވި ހަރަދުތަކަށް އޭނާ އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ.

comment ކޮމެންޓް