ސައުދީ އަރަބިއްޔާގެ ޔުނިވާސިޓީއެއް ކަމަށްވާ އަލް އަމީރު ސަތޮމް ބިން އަބްދުލް އަޒީޒް ޔުނިވާސިޓީން ރާއްޖެއަށް ސްކޮލަޝިޕްތަކެއް މިއަދު ހުޅުވާލައިފިއެވެ.
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ޑީން އަލީ ޒާހިރު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ސްކޯލާޝިޕްގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ހުރުމާއި އެހެން ހަރަދުތަކާއެކު ހިލޭ ކިޔެވޭނެ ކަަމަށެވެ.
އެގޮތުން ފަސް ދާއިރާއަކުން ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ޒާހިރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ކޮމްޕިއުޓިން، ސައިންސް، މެނޭޖްމަންޓް، އެޑިއުކޭޝަން އަދި އިންޖިނިއަރިން ހިމެނެއެވެ،
އެ ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންނަށް ކޮންމެހެން އަރަބި ބަސް އެނގެން ނުޖެހޭ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކޯހަށް ހޮވޭ ދަރިވަރުންނަށް އެއް އަހަރު ސައުދީގެ ޔުނިވާސިޓީގައި ކިޔަވައިދޭނެކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ.
"އޭ ލެވެލް ފެންވަރު ހުންނަން ޖެހޭނީ. ޝަހާދާ ސާނަވިއްޔާއިން ފާސްވިޔަސް ޝަރުތުހަމަވާނެ. ދެން 24 އަހަރުން ދަށުގެ މީހުންނަށް ވާންވާނެ،" އަލީ ޒާހިރު ވިދާޅުވިއެވެ.
އަލީ ޒާހިރު ވިދާޅުވީ އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުުރުސަތު މާދަމާ ހަމަވާނެ ކަމަށެވެ. އަދި ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ލިޔެކިޔުންތަކާއެކު މާދަމާ 14:00ގެ ކުރިން ގައުމީ ޔުނިވާސިޓީގެ ފެކަލްޓ އޮފް ލޯ އަށް އެޑްރެސްކޮށް ހުށަހަޅަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.