އިންޑިއާގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި 40 މީހަކު ތާށިވެއްޖެ

މުމްބާއީގައި ވެއްޓުނު އިމާރާތެއްގެ ދަށުގައި ތާށިވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އޭއެންއައި

ދިއްލީ (ޖުލައި 16): އިންޑިއާގެ މުމްބާއީގައި މިއަދު ހަތަރު ބުރީގެ އިމާރާތެއް ވެއްޓި، އޭގެ ދަށުގައި 40 މީހަކު ތާށިވެއްޖެ ކަމަށް އެގައުމުގެ ފަޔާ އެންޑް ރެސްކިއު ސާވިސެސްއިން ބުނެފި އެވެ.

މުމްބާއީގެ ޑޮންގުރީގައި ހުރި އެއިމާރާތް ވެއްޓެން މެދުވެރި ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް ޗީފް މިނިސްޓަރު ދެވެންދުރަ ފަދުނަވިސް ވިދާޅުވި ގޮތުގައި އެއީ ގާތްގަނޑަކަށް 100 އަހަރުވެފައިވާ އިމާރާތެކެވެ. އަދި އިމާރާތުގެ ދަށުގައި ތާށިވެފައި ވަނީ 15 އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށް ބެލެވެ އެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އެހާދިސާގައި ދެ މީހަކު މަރުވެ، އަނިޔާވި އަށް މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އެއީ ގަވާއިދާ ހިލާފަށް އަޅާފައިވާ އިމާރާތެއް ކަމަށް މަހާރަޝްތުރާ ހައުސިން އޮތޯރިޓީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މުމްބާއީ ބިލްޑިން ރިޕެޔާ އެންޑް ރީކޮންސްޓްރަކްޝަން ބޯޑުން ބުނި ގޮތުގައި އެއިމާރާތް ތަޅާލުމަށް އެބޯޑުން ވަނީ 2012 ވަނަ އަހަރު އަންގައިފަ އެވެ.

މިއަދު ހެނދުނު ވެއްޓުނު އެއިމާރާތުގެ ދަށުގައި ތާށިވި ފަސް މީހަކު ވަނީ މިހާތަނަށް ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ދެ އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެ އެވެ.

އެއިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގައި ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އާއި ފަޔާ ބްރިގޭޑާއި މުމްބާއީ މުނިސިޕަލްޓީގެ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް