އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާ ދުރުގަ ހުރި ޕީއެސްޖީގެ ފޯވާޑް ނޭމާ ޖޫނިއާ ދެއްކި ވާހަކަތަކެއްގެ ސަބަބުން އެކުލަބު ހޫނު ފެނަށް ގޮސްފައި ވަނިކޮށް އޭނަގެ ބައްޕަ ނޭމާގެ ހިމާޔަތުގައި ތެދުވެއްޖެ އެވެ.
ދާދި ފަހުން ނޭމާ ދިން އިންޓަވިއުއެއްގައި އޭނާ ދެއްކި ވާހަކަތަކަކުން ޕީއެސްޖީ ރުޅިގަދަވި އެންމެ ބޮޑު އެއް ސަބަބަކީ އޭނާ އެނބުރި ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވާން އުޅޭ އަޑު ސޯޝަލް މީޑިއާގައި ގަދަވަމުންދާ މި ދަނޑިވަޅާ ގުޅިވައިގެން ވާހަކަ ދެއްކުމުންނެވެ. ނޭމާ ބުނީ އޭނާ ހަޔާތުގައި ވެސް އެންމެ އުފާވި ރެޔަކީ ޗެމްޕިއަންސް ލީގުގައި ބޮޑު ތަފާތަކުން ޕީއެސްޖީ ބަލިކުރި ރޭ ކަމަށެވެ.
ޔޫރޮޕުގެ ގިނަ ކުލަބުތަކަކުން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރި ސީޒަން މިހާރު ފަށާފައިވާ އިރު ޕީއެސްޖީ އަކީ އެންމެ ކުރިން ކުޅުންތެރިންތައް އެއްކޮށް ފަރިތަކުރުންތައް ފެށި އެއް ޓީމެވެ. ނަމަވެސް ބްރެޒިލްގައި މިވަގުތު ޗުއްޓީ ހޭދަ ކުރަމުންދާ ނޭމާ އަދިވެސް ކުލަބުގެ ޕްރި ސީޒަން ފަރިތަކުރުންތަކުގައި ބައިވެރިވެފައެއް ނުވެ އެވެ. އެ މައްސަލައިގައި އޭނާއަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް މީގެ ކުރިން ޕީއެސްޖީ ބުނެފައިވެ އެވެ.
ނަމަވެސް ނޭމާގެ ބައްޕަ ނޭމާ ސީނިއާރ ބުނީ ޕީއެސްޖީއިން އޭނާގެ ދަރިފުޅު ނޭމާ ޖޫނިއާއާ ދެމެދު ކުރިން އެއްބަސްވެފައި އޮތް ތާރީހަށް އޭނާ ޕްރި ސީޒަނުގައި ބައިވެރިވާނެ ކަމަށެވެ. އަދި އޭނާ މިފަހުން ދެއްކި ވާހަކަތަކަކީ އެ ކުލަބަށް އިހުތިރާމް ކުޑަ ވާނެ ފަދަ ގޮތަކަށް ދެއްކި ވާހަކަތަކެއް ނޫން ކަމަށް ވެސް ނޭމާގެ ބައްޕަ ވަނީ ބުނެފަ އެވެ.
"އަހަރެންގެ ދަރިފުޅު އެއްވެސް ހާލަތެއްގައި ޕީއެސްޖީއާއި އެކުލަބުގެ އެއްވެސް ކުޅުންތެރިޔަކަށް އިހުތިރާމް ކުޑަވާނެ ފަދަ ވާހަކައެއް ވެސް އަދި އަމަލެއް ވެސް ނުކުރޭ، ނޭމާ ބައްޕަ ބުންޏެވެ.
އޭނާ އިތުރަށް ބުނީ 2017 ވަނަ އަހަރު ބާސެލޯނާއިން ލަދުވެތި ގޮތަކަށް ޕީއެސްޖީ ބަލިކުރި މެޗުގެ ވާހަކަ ނޭމާ ދެއްކީ އެ މެޗަކީ އޭނާއަށް ހާއްސަ މެޗަކަށް ވީމަ އެވެ. އަދި އޭނާގެ ދަރިފުޅަކީ އަދިވެސް ޕީއެސްޖީގެ ކުޅުންތެރިއެއް ކަމަށާއި އެހެން ކުލަބަކަށް ދާން އުޅޭ ކަމުގެ ވާހަކަތަކަކީ ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.
"ނޭމާއަށް ވެސް އޭނަގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތުގެ ވާހަކަ ދެއްކުމުގެ ހައްގު ލިބިގެންވޭ. މާޒީގައި ކޮންމެ ގޮތަކަށް ކަންވެފައި އޮތަސް މިހާރު އޭނާ އަކީ ޕީއެސްޖީގެ ކުޅުންތެރިއެއް."