މާލެތެރޭ މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި

ޕިކަޕަކުން ފިޔާ ގޯނި ތަކެއްބާލަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާލެތެރޭ މުދާ އުފުލާ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ މި ބަދަލަށް އަމަލުކުރާނީ މިއަދުން ފެށިގެން ކަމަށެވެ.

މި ބަދަލާއެކު މާލެ ތެރޭގައި 350 ކިލޯގެ ޕިކަޕުތަކުގައި 24 ގަޑިއިރު މުދާ އުފުލޭނެ އެވެ. އަދި ހެނދުނު 9:00 އިން މެންދުރު 11:30 އަށް ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުތަކަށް މާލެ ތެރޭ މުދާ އުފުލުމުގެ ހުއްދަދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް ސްކޫލުތައްފެށޭ ވަގުތާއި ނިމޭ ވަގުތުތަކުގައި ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި މުދާ އުފުލާ އުޅަނދުތަކަށް ދަތުރުކުރުން މަނާވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުންޏެވެ.

މީގެ އިތުރުން ހެނދުނު 11:30 އިން މެންދުރު 1:30 އަށް 350 ކިލޯ އިން ފެށިގެން ދަށުގެ އުޅަނދު ފިޔަވައި، އެހެން އުޅަނދުތަކުގައި މުދާ އުފުލުން މަނާވާނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުންޏެވެ. މިއަދު ނިންމި ނިންމުމާއެކު މެންދުރު 1:30 އިން އަނެއް ދުވަހުގެ ހެނދުނު ހަޔަކަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކުގައި މުދާ އުފުލޭނެ ކަމަށާއި ކަސްޓަމްސް އިން ނެރޭ މުދާ އުފުލަންވާނީ ބޮޑުތަކުރުފާނު މަގުން ކަމަށް ޓްރާންސްޕޯޓުގެ ނިންމުމުގައި ވެއެވެ.

ބުރިޖު މަތިން ދެ ޓަނުން ދަށުގެ މުދާ 24 ގަޑިއިރު އުފުލޭނެ ކަމަށާއި 2.1 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ދުއްވުން ހުއްދަވާނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކަމަށްވެސް ޓްރާންސްޕޯޓުން ބުންޏެވެ.

ފެނާއި ގޭސް އުފުލާ ގަޑިތަކަށް ބަލާއިރު، 350 ކިލޯ އިން ދަށުގެ ޕިކަޕުތަކަށް ސްކޫލު ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގައި 24 ގަޑިއިރު ފެނާއި ގޭސް އުފުލޭނެ އެވެ. ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކުގައި ފެނާއި ގޭސް އުފުލޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ކޮންސްޓްރަކްޝަން މުދާ ކޮންމެ ދުވަހަކުވެސް ހަވީރު 6:00 އިން ހެނދުނު 6:00 އިން އުފުލޭނެ އެވެ. މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެންނަނީ ޓްރެފިކަށް ފަސޭހަ ކުރުމަށް ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

comment ކޮމެންޓް