އެއް ކިލޯގެ ހަޝިޝް އޮއިލްއާ އެކު ދެ ދިވެއްސަކު އިންޑިއާގައި ހައްޔަރުކޮށްފި އެވެ.
އެ ދެ ދިވެހިންވެސް ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ޗެންނާއީގެ އެއާޕޯޓްގައި ތިއްބަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ މަސްތުވާތަކެތި ފޮރުވައިފައި ހުރީ އެމީހުން ގެންގުޅުނު ޝޭމްޕޫފުޅިއެއްގައި ކަމަށެވެ.
އެ މައްސަަލައިގައި ހައްޔަރުކޮށްފައިވަނީ އަބްދުﷲ އާލިމް އާއި ޝަމްސިއްޔާ މުހައްމަދު ނަމަކަށް ކިޔާ ދެމީހުންނެވެ. އެ ދެ މީހުންވެސް ހައްޔަރުކުރިއިރު ތިބީ ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް މާލެއަށް އައުމަށް އެއާޕޯޓްގަ އެވެ.
މަސްތުވާތަކެތި ފޮރުވާފައި ހުރީ ސިލްވަ ފޮއިލްތަކަކަށް ލުމަށްފަހު އެކި ބްރޭންޑްތަކުގެ ޝޭމްޕޫ ފުޅިތަކެއްގައި ކަމަށްވެސް ނޫސްތަކުގައި ވެއެވެ.
"އެއީ ހަމަ އާ ބްރޭންޑްތަކުގެ ޝޭމްޕޯ ފުޅިތަކެއް. އެއަކުނެތް ސީލްއެއް ނެތް. އެހެންވެ ޝައްކުވީ." އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ އެ ދެމީހުންވެސް އިންޑިއާއަށް އައީ މީގެ 20 ދުވަސްކުރިން ކަމަށެވެ. އެންމެ ފުރަތަމަ އެ މީހުން ތިބީ ޓްރިވެންޑްރަމްގައި ކަމަށާއި އަދި ދެން ބަދަލުވީ ޗެންނާއީއަށް ކަމަށްވެސް ނޫސްތަކުގައި ބުނެފައި ވެެއެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ އެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ އަގު މިލިއަނަކަށްވުރެ ގިނަ ދިވެހި ރުފިޔާއަށް އަރާނެ ކަމަށެވެ.